ގެދޮރުއަޅަން ތިން މިލިއަނާ ހަމައަށް ލޯނު ދޫކުރަނީ

ރަހުނަކާ ނުލައި، ތިން މިލިއަން ރުފިޔާއާ ހަމައަށް ހައުސިން ލޯނު ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގުރައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިތުރު ރަހުނެއް ނުބަހައްޓައި އެއް މިލިއަން ރުފިޔާއާ ހަމައަށް ހައުސިން ލޯނު ދޫކުރަން މިދިޔަ އަހަރުގެ މެއި މަހު ބީއެމްއެލުން ފަށާފައިވާ ކަމަށާއި އަދި ސިޓީތަކަށް އެ އަދަދު މިއަހަރުގެ ފެބްރުއަރީ މަހު ދެ މިލިއަން ރުފިޔާއާ ހަމައަށް ބޮޑުކޮށްދީފައިވާ ކަމަށެވެ.
"ދެން މިހާރު ވާނީ މިކަން އަދި އިތުރަށް ލުއިކޮށްދީފައި. މިހާރު ބޭންކުން ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް، ވަކި ރަށެއް ނުބަލައި ހުރިހާ ރަށެއްގެ ރައްޔިތުން ވެސް އެއްވެސް އިތުރު ރަހުނެއް ނުބަހައްޓައި ގެދޮރު ބިނާކުރުމަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ބޭންކުން ލޯނު ދޫކުރަން ފަށާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ލޯނަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ބީއެމްއެލް އިން ހުޅުވާލާނެ ކަމަށާއި ތިން މިލިއަން ރުފިޔާއާ ހަމައަށް ރަހުނެއް ނުބަހައްޓައި ލޯނު ނެގުމަކީ ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމެއް ކަމަށެވެ.
އެ ލޯނު ސްކީމުގެ އިތުރުން ގެދޮރު ހެދުމަށް ފަސް ޕަސަންޓުގެ އިންޓަރެސްޓު ރޭޓުގައި ލޯނު ދޫކުރާ ގޮތަށް މީގެ ކުރިން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ