އޭޝިއާ ކަޕް ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ކުޅޭނީ ޕާކިސްތާން އޭޝިއާ ކަޕް ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ކުޅޭނީ ޕާކިސްތާން

ދުބާއީ، ޔޫއޭއީ (ސެޕްޓެމްބަރު 26) - ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި މިހާރު ކުރިއަށްދާ އޭޝިއާ ކަޕް ކްރިކެޓް މުބާރާތުގެ ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ޕާކިސްތާނުން ހޯދައިފި އެވެ.
މި ފަހަރުގެ އޭޝިއާ ކަޕްގައި މީގެ ކުރިން މި ދެ ޓީމު ވަނީ ދެ ފަހަރު ބައްދަލުކޮށްފަ އެވެ. އެ ގޮތުން، ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން އިންޑިއާ މޮޅުވީ، ހަތް ވިކެޓުންނެވެ. އަދި، ސުޕަ 4 ބުރުގައި އިންޑިއާ އިން ވަނީ ޕާކިސްތާންގެ މައްޗަށް ހަ ވިކެޓުން ކުރިހޯދައިފަ އެވެ.
ޕާކިސްތާނުން ފައިނަލުގެ ޖާގަ ހޯދީ ރޭ ބަންގްލަދޭޝް އަތުން 11 ލަނޑުން މޮޅުވެގެންނެވެ. އިންޑިއާ އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވިއިރު، ސުޕަ 4ގެ ފަހު މެޗުގައި މިއަދު ސްރީ ލަންކާއާ ބައްދަލުކުރާނެ އެވެ. ޕާކިސްތާނުން މި ފަހަރުގެ މުބާރާތުގައި ބަލިވީ ހަމައެކަނި އިންޑިއާ އަތުންނެވެ.
ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބަންގްލަދޭޝް އަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ހޮވާށެވެ. ޕާކިސްތާނުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 135 ލަނޑެވެ. އެ ޓީމަށް އެންމެ ގިނަ ލަނޑު އެއްކޮށްދިނީ، 23 ބޯޅައިން 31 ލަނޑު ހެދި ހަރިސް ރައޫފް އެވެ. މި އިނިންގްސްގައި، ބަންގްލަދޭޝްގެ ތަސްކިން އަހުމަދު ވަނީ ތިން ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި ބަންގްލަދޭޝް އަށް 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 124 ލަނޑެވެ. ބަންގްލަދޭޝަށް އެންމެ ގިނަ ލަނޑު އެއްކޮށްދިން ޝަމީމް ހުސެއިން ވަނީ 25 ބޯޅައިން 30 ލަނޑު ހަދައިފަ އެވެ. މި އިނިންގްސްގައި ޕާކިސްތާންގެ ހަރިސް ރައޫފް އާއި ޝާހީން އަފްރީދީ، ކޮންމެ ކުޅުންތެރިއަކު ވަނީ ތިން ވިކެޓް ނަގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ