ނުފަށާ މަޝްރޫއުތަކެއް ނިމޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެ މަޝްރޫއުތައް ނިމިފައިވާ ކަމަށް ސަރުކާރުން ބުނަމުންދަނީ ޖިންނި ޝައިތާނުން ބޭނުންކޮށްގެން އެ މަސައްކަތް ކޮށްފައިވާތީތޯ ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ސުވާލު އުފައްދަވައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓު ދިރާސާކޮށް ބަޖެޓު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ޝާކިރު ވަނީ އޭނާގެ ދާއިރާގައި ހިމެނޭ ރަށްރަށުގައި މަޝްރޫއުތައް ނުހިނގާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ކުނަހަންދޫގައި ފެނާއި ނަރުދަމާއެއް ނެތް. މި ބުނަނީ ނުވެސް ފެއްޓެނީއޭ. ކިހިނެއްހޭ ނުފެއްޓި ނިންމަނީ. އަޖައިބެއް ކަހަލަ ކަމެއްނު. މިއީ ޖިންނި ޝައިތާނުން ބޭނުންކޮށްގެންތޯ މިކަން ކުރަން މި އުޅެނީ. ނުފެއްޓި ކިހިނެއްހޭ ނިންމާނީ،" ޝާކިރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ސަރުކާރުން ބަޖެޓުގައި ޖަހާ ހިސާބުތަކަށް ވާނުވާއެއް ނޭނގޭ ކަމަށް ހރަދު ކުރަމުންދަނީ އޭގައި ޖަހާ ގޮތަކަށް ނޫން ކަމަށް ޝާކިރު ވިދާޅުވި އެވެ. މަޝްރޫއުތައް ހިންގުމަށް ސަރުކާރަށް ބޭނުންވާ އެއްބާރުލުން ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެ ވާހަކަ ދައްކަނީ އެއްވެސް ސަރުކާރަކުން ކުނަހަންދޫގެ ފެނާއި ނަރުދަމާ އަޅާދީފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ސަރުކާރުތަކެއްގައި އިހުމާލުވެފައިވަނީ ލ. އަތޮޅަށް. ކޮބައިތޯ ހޮސްޕިޓަލް، ކޮބައިތޯ ޕޯޓު، ކޮބާ؟. އެހެންވީމާ އަޅުގަނޑުމެންނަށް ހައްގު މިންވަރަކީ މިއީތޯ؟ ލ. އަތޮޅު މީހުންނަށް ހައްގު މިންވަރަކީ މިއީތޯ؟،" ޝާކިރު ނުރުހުން ފާޅުކުރެއްވި އެވެ.
ބަޖެޓުން ފެންނަނީ ރައްޔިތުންނާއި ގައުމު އަޅުވެތިވެ ސިއްކަ ޖެހޭ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ. އައިއެމްއެފްއިން ހަރަދު ކުޑަކުރަން އިރުޝާދު ދީފައި ވަނިކޮށް ވަޒީފާ ބަހަމުންދާ ކަމަށާއި ސަރުކާރުން ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"30 އަށްވުރެ ގިނަ ކުންފުނި ހަދާފައި އޮތްއިރު އެއްވެސް ތަނަކުން ޑިވިޑެންޑުގެ ގޮތުގައި އެއްވެސް އެއްޗެއް ނުލިބޭ. ސަރުކާރަށް ފައިދާއެއް ނުވޭ އެކަމ ވަޒީފާތަކަށް އެބަ ނެގޭ."
ސަރުކާރުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. ފިނޭންސުން ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. އަދި ހަރަދަކީ 57 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރު ހަރަދުތައް ފޫބައްދަން 14 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ.
ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ. ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެ އެވެ. މީގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ވެސް ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލުތަކެއް ނެތެވެ.
ޝާކިރުގެ ސުވާލެއް: މަޝްރޫއުތައް ހިންގަނީ ޖިންނި ޝައިތާނުން ބޭނުންކޮށްގެންތޯ؟ ޝާކިރުގެ ސުވާލެއް: މަޝްރޫއުތައް ހިންގަނީ ޖިންނި ޝައިތާނުން ބޭނުންކޮށްގެންތޯ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ