އެމްޑީޕީ ތެރޭ ބައިބައިވުން އޮވެގެން ކުރިއަށް އޮތް އިންތިހާބުތަކުން ވެސް ކާމިޔާބެއް ނުލިބޭނެ: ފައްޔާޒު

ޕާޓީ ތެރޭ ބައިބައިވުން އޮތްހާ ދުވަހަކު ކުރިއަށް އޮތް އެއްވެސް އިންތިހާބަކުން އެމްޑީޕީއަށް ކާމިޔާބެއް ނުލިބޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން ރޭ އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ކަންކަން ކުރިއަށް ގެންދިއުމުގައި ހުރަހަކަށް ވިޔަ ނުދިނުމަށްޓަކައި ކަމަށް ވިދާޅުވެ، ރޭ ފައްޔާޒު ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ސިއްރު ބައްދަލުވުން ނިންމަވާލައްވަމުން އެ މަގާމުން އިސްތިއުފާ ދެއްވިކަން އޭނާ އިއުލާންކުރެއްވި އެވެ.
ބުނީ ކީކޭ؟ - އިސްތިއުފާ އިއުލާންކުރެއްވުމުގެ ކުރިން ގައުމީ މަޖިލީހުގެ މެންބަރުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން، އެމްޑީޕީ ސަރުކާރުގައި އޮތްއިރުން ފެށިގެން ޕާޓީގެ އެތެރޭގައި އޮތް ހިޔާލު ތަފާތުވުންތަކަށް ހައްލު ހޯދުމަށާއި ޕާޓީގައި އޮތް ބައިބައިވުން ނައްތާލެވޭތޯ ޗެއާޕާސަންކަމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްތަކާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް ފައްޔާޒު ރޭ ވާހަކަދެއްކެވި އެވެ.
އެގޮތުން، އޭނާ ވިދާޅުވީ:
2022 ވަނަ އަހަރު އޮތް އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ ތެރޭގައި އޮތް ހިޔާލު ތަފާތުވުންތައް ހައްލުކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާހެން ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު
އޭގެ ދެތިން މަސް ފަހުން، ރިޔާސީ ޕްރައިމަރީއާ ކުރިމަތިވިއިރު ކޮންގްރެސްގައި މަޝްވަރާކޮށް އެއްބަސްވެވުނު ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވިފައެއް ނުވޭ 
ނަޝީދުގެ އެދުމުގެ މަތިން އަނެއްކާވެސް ދެ ފަރާތުން މަޝްވަރާއަަށް ދިޔަ؛ އޭރު މަޝްވަރާކުރެވުނީ ނަޝީދު ޕްރައިމަރީގައި ބައިވެރިވެވަޑައިނުގަންނަވައި ރިޔާސީ އިންތިހާބުގެ ކުރިއަށް ނިޒާމީ ވޯޓެއް ނެގުމަށް އަދި އެ ނިޒާމީ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް، އެއަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށް 
އެކަމަކު ނިޒާމީ ވޯޓެއް ނެގުމަށް އޭރު އެއްބަސްނުވެވުމުން އެ މަޝްވަރާތައް ހުއްޓުމަކަށް އައި؛ އޭގެ ދުވަސްކޮޅެއް ފަހުން، ނަޝީދުގެ އެ ހުށަހެޅުން ގަބޫލުކޮށް، ނިޒާމީ ވޯޓަކަށް އެހުމަށް އެއްބަސްވާން، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން އަނެއްކާވެސް ނަޝީދުއާ ބައްދަލުކުރެއްވިން 
އޭރު އެއްބަސްވެވުނީ ނިޒާމީ ވޯޓެއް ނަގަން އެކަމަކު އެކަމުގައި އެމްޑީޕީން ވަކި ކޮޅެއް ނުނެގުމަށް 
އެކަމަކު އޭގެ ފަހުން އަނެއްކާވެސް ހިޔާލު ބަދަލުކޮށް، އެގޮތަށް ކުރިއަށް ނުގޮސް ޕްރައިމަރީއެއް ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމި 
އެ ހިޔާލު ތަފާތުވުންތަކުގައި ޕާޓީ ދެބައިވުމުގެ ނަތީޖާއަކީ، ރިޔާސީ އިންތިހާބާ އެކު މަޖިލިސް އިންތިހާބު ވެސް އެމްޑީޕީއަށް ގެއްލުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، ސަރުކާރު ޖަވާބުދާރީކުރުވުމަށް އުނދަގޫވެފައިވާ މައިގަނޑު ސަބަބަކީ ވެސް މަޖިލިސް އިންތިހާބުން ގިނަ ގޮނޑިތަކެއް ޕާޓީއަށް ގެއްލުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ފަހުން ވެސް، ޕާޓީގެ ބައިބައިވުން ނައްތާލަން، އެމްޑީޕީން ވަކިވެ، ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެކު އިސްވެ ހުންނަވާ އޭނާ ގިނަ މަސައްކަތްތަކެއް ކުރައްވަން މަސައްކަތް ކުރެއްވިކަން ފައްޔާޒު ފާހަގަކުރެއްވި އެވެ. ނަމަވެސް ޕާޓީގެ އިސްވެރިންނަށް އެއީ ރަނގަޅު ކަމެއް ކަމަށް ގަބޫލުނުކުރެވޭތީ އޭރު އެ މަސައްކަތް ހުއްޓާލެއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެން ޕާޓީގެ އިސްވެރިންގެ ފަރާތުން އިރުޝާދު ލިބުނީ، ދެ ޕާޓީ އެއްކޮށް މަސައްކަތް ނުކޮށް، ޑިމޮކްރެޓްސްއަށް ދިޔަ މީހުން އަނބުރާ އެމްޑީޕީއަށް ގެނައުމުގެ މަސައްކަތް ކުރުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެ މަސައްކަތް ފަށައިގެން މިހާ ހިސާބަށް އައިރު އެ ޕާޓީގެ ބައެއް އިސް މެންބަރުން މިހާރު ވަނީ އެމްޑީޕީއާ ގުޅިފައި ކަމަށާއި އެއީ ރަނގަޅު ފާލެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ޖެހުނު މައްސަލައިގެ ސަބަބުން ހަގީގަތުގައި އެމްޑީޕީ އަށާއި ރާއްޖޭގެ ސިޔާސީ ނިޒާމަށް ރައްޔިތުންގެ އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިއްޖެ. އަޅުގަނޑު ދެކުނީ އެ އިތުބާރު ކޮންމެހެން ވެސް ހޯދަންޖެހޭ ކަމަށް. އާންމު މެންބަރުންގެ ފަރާތުން ވެސް އޭރު އެންމެ ގިނައިން ބުނަމުންދިޔަ ވާހަކައަކީ އެއްވެގެން ނޫނީ ކުރިއަށްކަށް ނުދެވޭނޭ. އެއްކުރާށޭ. އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ،" ފައްޔާޒު ވިދާޅުވި އެވެ.
ޕާޓީ ހަރުދަނާކުރުމަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް މިހާރު ވަނީ ފެށިފައި ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:
ރާއްޖޭގެ ސިޔާސީ ނިޒާމު ދިރާސާކޮށް، އެމްޑީޕީގެ ސިޔާސީ ނިޒާމު ބައްޓަންކުރާނެ ގޮތް ދެނެގަތުމަށް ޕާޓީގެ ތިންކް ޓޭންކެއް މިހާރު ވަނީ އުފެއްދިފައި 
ޕާޓީގެ ނަމުގައި އެކަން ކުރެވޭނެ ގޮތެއް ނެތިގެން ޕާޓީގެ ލީގަލް ޑައިރެކްޓަރާއި ޕާޓީގެ އެހެން މީހެއްގެ ނަމުގައި ތިންކް ޓޭންކް ރަޖިސްޓްރީކޮށްފައިވާނެ
އެމްޑީޕީގެ ތެރެއިން އާ ލީޑަރުން އުފެއްދުމަށް ޕާޓީގެ އެކަޑަމީއެއް ހެދުމުގެ މަސައްކަތް އަހަރެއްހާ ދުވަސް ކުރިން ފެށިފައިވޭ
އެކަޑަމީއެއް އުފެއްދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ހުރީ ނިމިފައި؛ އެކަމަކު ދިމާވާ މައްސަލައަކީ ޕާޓީގެ ނަމުގައި އެ އެކަޑަމީ ވެސް ރަޖިސްޓްރީކުރަން ސަރުކާރުން ހުރަސް އަޅަމުންދާތީ
ސިޔާސީ މަސްރަހު ކުރިން އޮތްގޮތާއި އެމްޑީޕީގެ ދައުރު އޮތް ގޮތް ތަފްސީލުކޮށް ޒުވާނުންނަށް ކިޔައިދިނުމުގެ ބޭނުމުގައި ލެގަސީ ޕްރޮޖެކެްޓެއްގެ މަސައްކަތް ވަނީ ފެށިފައި
މި މަސައްކަތްތަކުގައި ވެސް އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވަމުންދަނީ ޕާޓީގެ އެތެރޭގައި އޮތް ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 
ފައްޔާޒު ވިދާޅުވި ގޮތުން، އެ ހިޔާލު ތަފާތުވުންތައް ޕާޓީގައި މިހާރު އޮތީ، ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާން އޭނާ ނިންމަވައި އެކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާތީ ކަމަށް ގަބޫލުކުރެވެ އެވެ.
"މިހާރު އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑުގެ އެ ޝައުގުވެރިކަމުގެ ސަބަބުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދޭ. އެ ހަގީގަތް. ތިބޭފުޅުންނަށް މިކަން ވަަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ،" ފައްޔާޒު ވިދާޅުވި އެވެ.
"އޭގެ ތެރެއިން ދިމާވާ އެއް މައްސަލައަކީ އަޅުގަނޑު އެއީ ކެންޑިޑޭޓަކަށްވުމުގެ ފުރުސަތު އޮތީމާ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު ކުރާ ކޮންމެ ކަމަކީ އަޅުގަނޑަށް އޭގެ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށް ދެންތިބި އެކަމަށް [ކެންޑިޑޭޓަކަށްވުމުގެ] ޝައުގުވެރިކަން ހުރި ބޭފުޅުންނަށް ފެނި، އޭގެ ސަބަބުން ޕާޓީގެ މަސައްކަތްތައް ފަހަތަށްޖެހި ނުވަތަ ހިޔަނި އެޅިގެންދާ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަވޭ."
އެހެންވެ، ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވިޔަސް، ޕާޓީގެ ގައުމީ މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ޕާޓީގެ މަސައްކަތްތަކުގައި ދެމި ހުންނަވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެގޮތުން، ޕާޓީގެ އެޑްވައިޒަރު، ކުރީގެ ރައީސް ސޯލިހާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާ އެކު އެ ބޭފުޅުން "ދެއްކެވި މަގަކުން ހިނގަން" ހުންނަވާނެ ކަމުގެ ޔަގީންކަން ފައްޔާޒު ދެއްވި އެވެ.
"މިކަންކަން ހައްލުކުރުމަށް އަޅުގަނޑުގެ ޗެއާޕާސަން ކަމުގައި މި މަސައްކަތް ކުރީ. މި ސްޕްލިޓް އެއްކުރުމުގެ މަސައްކަތް. މި ސްޕްލިޓް ރަނގަޅަށް އެއްވެގެން ކަމަށް ކުރިއަށް އޮތް އިންތިހާބުތަކުގައި ކާމިޔާބު ކުރެވޭނީ،" ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.
"ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެންނެއް އަޅުގަނޑުމެންނަށް ކުރިއެރުން ލިބޭނެ ކަމަކަށް ނުފެނޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިޔާސީ ލީޑަރުންނަކީ މިކަހަލަ އިހުސާސްތަކުގެ މައްޗަށް އަަރަންޖެހޭ ބައެއް. އެ އިހުސާސްތަކުގެ މައްޗަށް އަރައި ގައުމާ ރައްޔިތުންނަށް ފައިދާވާނެ ނިންމުންތަކެއް ނިންމަންޖެހޭ ބައެއް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ