އެއްވެ އުޅުން ހަނިކުރާ ގާނޫނު އުވާލަން ހުށަހެޅި ބިލު ބޭރުކޮށްލައިފި

އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އޮތް ގާނޫނު އުވާލަން އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިނުގަނެ، ބޭރުކޮށްލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އެމްޑީޕީގެ ފަރާތުން މި މަހު ތިންވަނަ ދުވަހު މި ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. އެ ބިލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި ހިފުމުގެ ފުރުސަތު ދައުލަތުން ރައްޔިތުންނަށް ތަނަވަސްކޮށްދިނުމެވެ. އެކަމަކު، އެ ބިލު ބަލައިގަތުމާ މެދު ވޯޓަށް އެހުމުން ބިލާ އެއްކޮޅަށް ވޯޓުދެއްވީ އިދިކޮޅަށް ނިސްބަތްވާ 11 މެންބަރެކެވެ. ޕީއެންސީގެ ސުޕަމެޖޯރިޓީއަށް ނިސްބަތްވާ މެންބަރުން ދެކޮޅު ހެއްދެވުމާ އެކު، 48 މެންބަރުން ވަނީ ބިލު ބަލައިނުގަންނަން ވޯޓުދެއްވާފައެވެ. އެހެންވެ، އެ ބިލު މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. https://sun.mv/214119 ގާނޫނުއަސާސީގައި ބުނާގޮތުން ކުރިން ހުއްދަ ނެގުމަކައިނުލާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމަކީ ކޮންމެ މީހަކަށް ވެސް ލިބޭ އަސާސީ ހައްގެކެވެ. އެކަމަކު، އެއްވެ އުޅުމުގެ ގާނޫނުން އެ ހައްގު ވަނީ ހަނިކޮށްފައެވެ. އެ ގާނޫނު ވުޖޫދުކުރީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި 2016 ގައެވެ. އެ ގާނޫނު އުވާލަން އެމްޑީޕީން 2018 ގައި ވައުދުވި ނަމަވެސް، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެ، އެ ޕާޓީގެ އެ ވެރިކަން ނިމުނުއިރު ވެސް ގާނޫނު އުވާލާފައެއް ނުވެއެވެ. އޭގެ ފަހުން، 2023 ވަނަ އަހަރު ޕީއެންސީން ވެސް ވަނީ އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރަން ވައުދުވެފައެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ އެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ