ރަނގަޅު ގޮތަކީ ޞާލިހާއި އަޅުގަނޑު ރިޔާސީ ރޭހަށް ނުނިކުތުން: ނަޝީދު

އެންމެ ރަނގަޅު ގޮތަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް އަދި އެ މަނިކުފާނު ވެސް ވާދަ ނުކުރެއްވުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ނަޝީދާ އެކު މިހާރު ހުންނެވި ފައްޔާޒް އިސްމާއީލް ކުއްލި ގޮތަކަށް ރޭ ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެއާއެކު ޞާލިޙާއި ނަޝީދުގެ ވާދަވެރިކަން އަނެއްކާ ވެސް މި ވަނީ ބޮޑުވާން ފަށައިފައެވެ. އެގޮތުން، ނަޝީދު މިއަދު ގެންދަވަނީ އެމްޑީޕީގެ ކުރީގެ ގައުމީ މަޖިލިސް މެންބަރުންނާއި މިހާރުގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްގައި ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ. https://www.sun.mv/214352 އެގޮތުން ނަޝީދު ވިދާޅުވީ، އެމްޑީޕީއަށާއި ދިވެހި ރާއްޖެއަށް ވެސް ރަނގަޅު ވާނީ ޞާލިޙާއި އެ މަނިކުފާނު ވެސް 2028ގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރުން ކަމަށް ތަކުރާރުކޮށް ވިދާޅުވާން ބޭނުންފުޅުވާ ކަމަށެވެ. އޭގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ހުރިހާ ބޭފުޅުން އެއް ކެންޑިޑޭޓެއްގެ ފަހަތަށް އެރުން ކަމަށް ނަޝީދު ވިދާޅުވިއެވެ. މިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބުވީ އެ މަނިކުފާނުމެންނާ ނުލައި އެކަން ކާމިޔާބު ކުރެއްވޭނެ ކަމަށް ޞާލިޙަށް ގަބޫލުކުރެއްވުމުން ކަމަށް ވެސް ނަޝީދު މިއަދު ވިދާޅުވިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒް އިއުލާނުކުރައްވާފައިވާއިރު ނަޝީދުގެ އަރިސް ބޭފުޅުން ގެންދަވަނީ ފައްޔާޒަށް ތާއީދުކުރައްވާނެކަން ހާމަ ކުރައްވަމުންނެވެ. https://www.sun.mv/214308 ކުރިން ވަރަށް އަރިސް ދެ ބޭފުޅުން ކަމަށްވާ ޞާލިޙާއި ނަޝީދުގެ ގުޅުން ގޯސްވީ, ޞާލިޙްގެ ވެރިކަން މެދަކާ ހިސާބަށް ވެސް ނުދަނީހެވެ. ނަޝީދަށް ވާދަ ނުކުރެއްވުމުން ބަދަލުގައި ނުކުންނަވައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޞާލިޙްގެ ވެރިކަމުގައި މަޖިލިސް ރައީސްއަކަށް ހުންނަވައި ނަޝީދު ބޭނުންފުޅުވީ ނިޒާމު ބަދަލުކޮށް, ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާށެވެ. އޭގެ އިތުރުން ވެސް އެތައް ކަމެއްގައި ދެ ބޭފުޅުންގެ ވާދަވެރިކަން ބޮޑުވެ، އެންމެ ފަހުން ނަޝީދާއި އެ މަނިކުފާނުގެ ސަޕޯޓަރުން އެމްޑީޕީން ވަކިވެ, ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ހެއްދެވިއެވެ. އެ ޕާޓީގެ އެންމެ ބޮޑު އަމާޒަކަށްވީ 2023 ގެ އިންތިޚާބުގައި ކެންޑިޑޭޓެއް ނެރެ, ޞާލިޙަށް ލިބެން އޮތް ވޯޓު މަދު ކުރުމެވެ. "އިބޫ ނޫން ގޮތެއް" ނަމުގައި މަސައްކަތްކޮށް ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ލިބުނަނުދިނުމަށް އެ ޓީމުން ވަރަށް މަސައްކަތްކޮށް އެކަން ކާމިޔާބުކުރިއެވެ. ޑިމޮކްރެޓްސް އުވާލައި ނަޝީދާއި އެ މަނިކުފާނުގެ ބައިވެރިން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ނަމަވެސް ޞާލިޙާއި ނަޝީދުގެ ވާދަވެރިކަން އަދިވެސް ފެންނަނީ ވަރަށް ބޮޑުކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ