ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ، 1958 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗުގައި ބޭނުންކުރި ހާއްސަ 10 ނަންބަރު ޖޯޒީ، 4.9 މިލިއަން ޑޮލަރަށް ނީލަމުގައި ވިކިއްޖެއެވެ.
ފުޓްބޯޅައިގެ ތާރީހުގައި ކުޅުންތެރިއަކު ބޭނުންކުރި އެއްޗެއް މިހާ ބޮޑު އަގަކަށް ވިކުނު ދެވަނަ ފަހަރު މިއީ އެވެ. ދުނިޔޭގެ ރެކޯޑުގައި އަދިވެސް އޮތީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ ބޭނުންކުރި ޖޯޒީއެވެ. އެ ޖޯޒީ 9.3 މިލިއަން ޑޮލަރަށް ވިކިފައިވާކަން ފާހަގަކޮށްލެވެއެވެ.
މިނީލަން އިންތިޒާމްކުރި ފަރާތްތަކުން ހާމަކުރި ގޮތުގައި، ސްވިޑެންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި އުމުރުން އެންމެ 17 އަހަރުގެ ޕެލޭ ލައިގެން ހުރި މި ޖޯޒީ ހޯދުމަށް ފަސް ފަރާތަކުން ވާދަކޮށް، ޖުމްލަ 10 ބިޑެއް ވަނީ ހުށަހަޅާފައެވެ.
މި ފައިނަލް މެޗަކީ ޕެލޭގެ ކެރިއަރުގެ އެންމެ ހާއްސަ އެއް މެޗެވެ. ސްވިޑެން އަތުން 5-2 އިން ބްރެޒިލް މޮޅުވި އެ މެޗުގައި ޕެލޭ ދެ ލަނޑު ކާމިޔާބުކުރިއެވެ. މި ދެ ލަނޑާއެކު، ވޯލްޑް ކަޕްގެ ފައިނަލެއްގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ މަގާމު އޭނާ ހޯދިއެވެ.
1958 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ބްރެޒިލްގެ ފުޓްބޯޅައިގެ ތާރީހު ބަދަލުކޮށްލި މުބާރާތެކެވެ. ސްވިޑެންގައި ބޭއްވި މި މުބާރާތުގެ ކުރިން ވޯލްޑް ކަޕެއް ކާމިޔާބުކުރެވިފައި ނުވާ ބްރެޒިލުން، މި މުބާރާތުގައި ދެއްކި މޮޅު ކުޅުމާއެކު ދުނިޔޭގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދިއެވެ. މި ކާމިޔާބީގައި އުމުރުން އެންމެ 17 އަހަރުގެ ޒުވާން ތަރި ޕެލޭ އަދާކުރި މުހިންމު ދައުރަކީ މިއަދާ ހަމައަށް ވެސް ފުޓްބޯޅަ ތާރީހުގައި ފާހަގަކުރެވޭ އެންމެ ހާއްސަ އެއް ކަންތަކެވެ.
1958 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ޕެލޭ ބޭނުންކުރި ޖޯޒީ 4.9 މިލިއަން ޑޮލަރަށް ވިކިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ