ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތުއްތު އަންހެން ކުދިންނަށް ޚާއްޞަކޮށްގެން، ބެލޭ ދަސްކޮށްދޭ ސްޓޫޑިއޯއެއް "ލިޓްލް ޓޫޓޫސް" ގެ ނަމުގައި މާލޭގައި ހުޅުވައިފި އެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނަކަށް ހާއްސަކޮށްގެން ހުޅުވުނު އެންމެ ފުރަތަމަ ސްޓޫޑިއޯއެވެ.
މިފަދަ ސްޓޫޑިއޯއެއް ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ހެދިބޮޑުވަމުން އަންނަ ކުދިންނަށް އެކުދިންގެ ހަށިގަނޑުގެ ބެލެންސް ހިފަހައްޓަން ދަސްކޮށްދިނުމާއި، ސިކުނޑީގެ ފޯކަސް ރަނގަޅުކޮށްދިނުން ކަމަށް ލިޓްލް ޓޫޓޫސްއިން ބުންޏެވެ. މީގެ އިތުރުން، އަދަބުވެރިކަމާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކޮށްދިނުމަކީ ވެސް މި ސްޓޫޑިއޯގެ އަމާޒެކެވެ.
"މި ސްޓޫޑިއޯ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ތުއްތު އަންހެން ކުދިންނާއި ފުރާވަރަށް އަޅާ ކުދިން، އެކުދިންގެ ހަށިގަނޑާއި ސިކުނޑި ހެދިބޮޑުވުމުގެ ކުރީކޮޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ފަންނީ ހުނަރެއް ދަސްކުރުމުގެ ފުރުސަތު ހޯދައިދިނުން. ހަމަމިއާއެކު ތުއްތު އުމުރުގައި ބެލޭ ދަސްކުރަން ފެށުމަކީ ކުދިންގެ ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމާއި، ފްލެކްސިބިލިޓީ ވަރަށް ބޮޑަށް އިތުރުކޮށްދޭ ކަމެއް. އަޅުގަނޑުމެން ބޭނުންވީ މަންމައިންނާއި އަންހެން ކުދިންނަށް އެކުވެރި، ރައްކާތެރި މާހައުލެއްގައި މި ހުރިހާ ފައިދާތަކެއް ލިއްބައިދޭނެ ފަދަ ޖާގައެއް ތަނަވަސްކޮށްދޭން. އެއީ ލިޓްލް ޓޫޓޫސް އަކީ،" ބުދަ ދުވަހު ހުޅުވި ލިޓްލް ޓޫޓޫސްގެ މެނޭޖަރު ބުންޏެވެ.
"ލިޓްލް ޓޫޓޫސް" ގެ ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފިލިޕީންސްގެ ވަރަށް ތަޖުރިބާކާރު ބެލޭ ޓީޗަރެއްގެ އިރުޝާދުގެ ދަށުންނެވެ. މި ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ މި ޓީޗަރަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ކްލާސިކަލް ބެލޭ މެތަޑް ކަމަށްވާ "ވެގަނޯވާ މެތަޑް" އިން ހާއްސަވެފައިވާ މީހެކެވެ.
މި ކްލާސްތަކުގައި ކުދިންނަށް ކިޔަވައިދޭނީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ "އޮސްޓްރޭލިއަން ކޮންސަވަޓްވަރީ އޮފް ބެލޭ"ގެ ތަމްރީނު މެތަޑްތަކަށް ބަލައިގެން ކަމަށް އެ ސްޓޫޑިއޯއިން މައުލޫމާތުދެ އެވެ.
"ލިޓްލް ޓޫޓޫސް" ގެ ކްލާސްތައް ފަރުމާކުރެވިފައިވަނީ ކުދިންގެ އުމުރާއި ހުނަރަށް ބަލައި، ހަތަރު މަރުހަލާއަކަށް ބަހާލައިގެންނެވެ.
ކޮންމެ ލެވެލްއެއް ފުރިހަމަކޮށް ނިމުމުން، ކުދިން ދަސްކުރި ހުނަރުތައް ދައްކާލުމަށްޓަކައި ހާއްސަ ރިސައިޓަލް (ސްޓޭޖް ޝޯ) އެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް މިހާރު ވަނީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ކްލާސްތަކުގައި ބައިވެރިވުމަށްޓަކައި ލިޓްލް ޓޫޓޫސްގެ ހޮޓްލައިން 7466466 މެދުވެރިކޮށް ނަން ނޯޓް ކުރެވޭނެއެވެ. މީގެ އިތުރުން، އެ ސްޓޫޑިއޯގެ ރަސްމީ އިންސްޓަގްރާމް ޕޭޖާއި ސޯޝަލް މީޑިއާ މަންސަތަކުން ވެސް ރެޖިސްޓްރޭޝަން ކުރިއަށް ގެންދެވޭނެ އެވެ.
ތުއްތު ކުދިންނަށް ހާއްސަ ބެލޭ ސްޓޫޑިއޯ "ލިޓްލް ޓޫޓޫސް" ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ