ފީފާއިން އެހީވާކަމުގެ ތުހުމަތުތަށް މެސީގެ ރައްދު: "އެމީހުން އެ ވާހަކަ ދައްކަން ދޫކޮށްލާ"

އާޖެންޓީނާއަށް ފީފާއިން ހާއްސަ އިނާޔަތްތަކެއް ދޭކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ރައްދުދީފި އެވެ.
ވޯލްޑް ކަޕްގައި ފީފާ އަށް އެންމެ ބޮޑު ތުހުމަތަކީ، ނިންމުންތަކުގައި ވަކިކޮޅަށް ބުރަވެފައިވާ ކަމުގެ ތުހުމަތެވެ. އަދި އާޖެންޓީނާއާ  ގުޅޭ ކަންކަމުގައި ފީފާއިން ވަކި ތަކަށް ބުރަވެފައިވާކަމުގެ ތުހުމަތުން ވޯލްޑް ކަޕް ނިމެންދާއިރު ވެސް އެ އިދާރަ އަށް ސަލާމަތެއް ނުވެވުނެވެ. 
އެ ތުހުމަތުތަކާ ގުޅޭ ގޮތުން މެސީއާ ސުވާލު ކުރުމުން އޭނާ ބުނީ އެފަދަ ފާޑުކިޔުންތަކާ މެދު އޭނާ މާބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އަދި އެ ތުހުމަތުގެ ވާހަކަތައް ދައްކާ މީހުން އެ ވާހަކަތަކުން އުފާ ހޯދަން ބޭތިއްބުމަށް، މީގެ ކުރިން ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާއިން ބްރެޒިލް ކޮޅަށް ބުރަވެފައިވާ ކަމަށް ތުހުމަތު ކުރި މެސީ ބުންޏެވެ. 
"އެހެން މީހުންނަށް (އެކަލަހަ ވާހަކަތަކުން) އުފާކުރަން ދޫކޮށްލާ،" މެސީ ބުންޏެވެ. 
ކޮޕާ އެމެރިކާ 2019 ގެ މުބާރާތުގައި، މެސީ ވަނީ ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ (ކޮންމެބެލް) އިން ބްރެޒިލް ކޮޅަށް ބުރަވެފައިވާ ތުހުމަތުކޮށްފަ އެވެ. 
"އަހަރެމެން މި ކޮރަޕްޝަންގެ ބައެއްގެ ގޮތުގައި ތިބޭކަށް ނުޖެހޭ. މި މުބާރާތުގައި އެމީހުން އަހަރެމެންނަށް ދައްކާފައިވަނީ ބޭއިހުތިރާމް. ކޮރަޕްޝަން. ރެފްރީން. ހިތާމައަކީ އެމީހުން ބޭނުންމެއް ނުވޭ މީހުންނަށް ފުޓުބޯޅަ ހިތްގައިމުކަން ދައްކާކަށް. އެމީހުން އެކަން [ފުޓްބޯޅަ] ކޮންމެވެސް ވަރަކަށް ހަލާކުކޮށްލައިފި. އަހަންނަށް ހީވަނީ މި ތަށި ބްރެޒިލް ދޭން ކަނޑައަޅާފައިވާހެން،"  ކޮޕާ އެމެރިކާ 2019 ގައި ސެމީ ފައިނަލު ބަލިވި މެޗުގެ ފަހުން މީޑީއާ އަށް ދިން އިންޓަވިއުގައި ކޮންމެބެލްއިން ބްރެޒިލް ކޮޅަށް ބުރަވެފައިވާ ކަމަށް ތުހުމަތުކޮށް މެސީ ބުނެފައި ވެއެވެ. 
"އަހަރެން އުންމީދު ކުރަނީ މި ފައިނަލްގައި ވީއޭއާރް އަދި ރެފްރީންގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް. އަދި ޕެރޫއަށް ރަނގަޅަށް ކުޅެވޭނެ ކަމަށް. ސަބަބަކީ އެ މީހުންގެ ކިބައިގައި މުބާރާތް ކާމިޔާބު ކުރެވޭނެ ފެންވަރުގެ ޓީމު އެބައޮތް. ނަމަވެސް އަހަރެން ހީކުރަނީ އެއީ އުނދަގޫ ކަމަކަށްހެން."
ވޯލްޑް ކަޕް ސެމީ ފައިނަލުގައި އިންގްލެންޑް ބަލި ކުރި މެޗަށް ފަހު މެސީ ބުނީ އާޖެންޓީނާގެ ކާމިޔާބީއަކީ އެ ޓީމުގެ ބުރަ މަސައްކަތުން ހޯދި އެއްޗެއް ކަމަށެވެ. 
"މި ޓީމުން ހާސިލްކުރި ކަންތައްތަކަކީ ގަބޫލުކުރަން ދަތި ކަންތައްތަކެއް،" އެންމެ ފަހުގެ ކޮޕާ އެމެރިކާ ދެ މުބާރާތައި ވޯލްޑް ކަޕް ކާމިޔާބުކިޮށް، ވިދިވިދިގެން ހަތަރަު ވަނަ ފައިނަލަށް އާޖެންޓީނާ ގެންގޮސްދިނުމުގައި މުހިންމު ދައުރެއްއަދާ ކުރި މެސީ ބުންޏެވެ.
އޭނާ ބުނީ ޓީމުގެ އެ ކާމިޔާބީއަކީ އެ ޓީމުގެ އަމިއްލަ މަސައްކަތުން ހޯދި ކާމިޔާބީއެއް ކަމަށެވެ.
"މި ޓީމުން އަހަރެން ހައިރާނެއް ނުކުރޭ. އަހަރެމެންނަށް އެނގޭ އަހަރެމެންނަށް ކުރެވޭނެ ކަންތައްތައް،" މެސީ ބުންޏެވެ.
އާޖެންޓީނާގެ ސަޕޯޓަރުންނަށް މިފަދަ އުފާވެރިކަމެއް ދެވުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް މެސީ ބުންޏެވެ.
"އަހަރެމެންނަށް އެނގޭ ވޯލްޑް ކަޕަކީ އަހަރެމެންނަށް ހާއްސަ މުބާރާތެއްކަން،" މެސީ ބުންޏެވެ.
ސްޕެއިންނާ ދެކޮޅަށް ކުޅޭ ފައިނަލު މެޗު އޮންނާނީ ރާއްޖޭ ގަޑިން އާދިއްތަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ