މިޔަރުގެ ދިރާސާތައް ކުރުމަށް ރާއްޖޭގައި ގާއިމުކުރި ފުރަތަމަ މަރުކަޒު، "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ފުވައްމުލަކު ސިޓީގައި ހުޅުވައިފިއެވެ.
މި ހަބު ހުޅުވައިދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގެވެ.
މި ސެންޓަރަކީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ދަ މިޔަރު ޕްރޮގްރާމް"އިން އިސްނަގައިގެން ހުޅުވި ތަނެކެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި ސެންޓަރު މެދުވެރިކޮށް މިޔަރުގެ ދިރާސާތައް ކުރުމާއި، އެ ސަރަހައްދުގެ ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން ކިޔަވައިދިނުމުގެ އިތުރުން، މިޔަރު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށްޓަކައި ސައިންސްވެރިންނާއި، ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކާއި، އަދ ރަށްރަށުގެ މުޖުތަމައުތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް ވަނީ ރޭވިފައެވެ.
ޖެނުއަރީ 2023ގައި އުފެއްދި "މިޔަރު ޕްރޮގްރާމް" އިން ދަނީ ރާއްޖެއާއި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ރާއްޖޭގެ ކަނޑުފަޅުތަކުގައިވާ މިޔަރުގެ ބާވަތްތައް ދިރާސާކޮށް، އެތަކެތި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތު ކުރަމުންނެވެ. އަދި މި ހަބަކީ އެ ޖަމިއްޔާގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
ފުވައްމުލަކު ސިޓީއަކީ ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ މިޔަރުގެ މަންޒިލަކަށް ހެދުމަށް އެ ސިޓީގެ ކައުންސިލާއި ޑައިވިން ސެންޓަރުތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭޝިއާގެ އެންމެ ބޮޑު ޑައިވިން އެކްސްޕޯގައި ފުވައްމުލަކަށް ވަނީ 'ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން' އެވޯޑު ލިބިފައެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކުން މިހާރު މަދުން ނޫނީ ނުފެންނަ މިޔަރާއި މަޑީގެ ހާއްސަ ބާވަތްތައް ފުވައްމުލަކު ކަނޑުން ފެންނާތީ، މިއީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ރަށެކެވެ. ކޮންމެ މަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން މިޔަރުތައް ކައިރިން ބަލައިލުމަށާއި ޑައިވް ކުރުމަށް އެ ރަށަށް ޒިޔާރަތްކުރެއެވެ.
ރާއްޖޭގައި މިޔަރުގެ ދިރާސާތައްކުރާ ފުރަތަމަ ހަބު ފުވައްމުލަކު ސިޓީގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ