މިދިޔަ ވެރިކަމުގައި ފެނަކައަށް ގެނައި ގިނަ އެއްޗިއްސަކީ ބާއެއްޗެހި: ނަޖާހް

މިދިޔަ ވެރިކަމުގައި ފެނަކައަށް ގެނައި ގިނަ އެއްޗިއްސަކީ ފޭކް ނުވަތަ ބާ އެއްޗެހިކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ވާހަކަދައްކަވަމުން ނަޖާހު ވަނީ މިދިޔަ ސަރުކާރުގައި ފެނަކައަށް ވެފައިވާ ބައެއް އިހްމާލުތައް ފާހަގަކުރައްވާފައެވެ. ނަޖާހު ވިދާޅުވީ މިދިޔަ ވެރިކަން ނިމުނުއިރު ފެނަކަށް ވެފައިވާ އިހުމާލު ވަރަށް ބޮޑުކަމަށާއި އެކަމުގެ އަސަރުތައް މިހާރުވެސް ފެންނަމުންދާކަމަށެވެ. 
އެގޮތުން ނަޖާހް ވިދާޅުވީ ފުވައްމުލަކަށް ފެންޕްލާންޓެއް ގެންގޮސް ހަތަރު އަހަރުވެގެންދިޔައިރު އޭގެ ބޭނުން މިހާތަނަށްވެސް ކުރެވިފަނުވާކަމަށެވެ. މީގެ އިތުރުން ފުވައްމުލަކްގައި ހުރި ފެންޕްލާންޓުން އެކަށީގެންވާވަރަށް ފެން އުފައްދަމުން ނުދާއިރު، 500 ޓަނުގެ ފެން އުފެއްދޭނެކަމަށް ބުނެ ގެނައި އެ ޕްލާންޓުން އުފައްދަނީ ދުވާލަކަށް 200 ޓަނުގެ ފެން ކަމަށް ވިދާޅުވިއެވެ.
ހަމަ އެގޮތަށް އައްޑޫސިޓީއަށް މިދިޔަ ސަރުކާުން ފޮނުވި ޖަނަރޭޓަރު ސެޓްތަކަކީވެސް ރަނގަޅު އެއްޗެހި ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. 
އަޅުވާފައި ހުންނަ ސްޕެއާތަކަކީ ފޭކް ސްޕެއާ، ނޫނީ އެންމެ ކޮލިޓީ އެއްޗިއްސެއްނޫން
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް 
ނަޖާހު ވިދާޅުވީ ސަރުކާރަށް ދެ އަހަރުވެގެން ދިޔައިރު ފެނަކަ ހަމަޔަކަށް އެޅިފައިނުވަނީ ވެފައޮތް އިހުމާލުގެ ބޮޑުކަމުންކަމަށާއި، މިދިޔަ އަހަރު ކުންފުނި ހިންގުމުގައިވެސް އުސޫލްތަކާ ހިލާފަށް ކަންކަން ކޮށްފައިވާކަމަށެވެ. އެގޮތުން ޕްރޮކިއުމަންޓްގެ ބައެއް މުއާމަލާތްތައް ހިންގާފައިވަނީ އުސޫލްތަކާ ހިލާަފަށްކަމަށް ނަޖާހް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ފެނަކައިގެ ވެރިން ވަނީ އޮޑިޓަރ ޖެނެރަލް ނެރުއްވި ފެނަކައިގެ ރިޕޯޓްގައި ފާަހަގަކޮށްފައިވާ ކަންކަން އިސްލާހްކުރަމުންދާކަމަށް ވިދާޅުވެފައެވެ. 
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު 2021 ވަނަ އަހަރުން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެންމެ ފާހަގަކުރެވޭ ކަމަކަށް އޮތީ  ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 1.3 ބިލިއަން ރުފިޔާގެ އެއްބަސްވުން އެ މުއްދަތުގައި ހަދާފައިވާކަމެވެ. މީގެ އިތުރުން އާންމު ބީލަމުގެ އުސޫލުން ބޭރުން ހޯދާފައިވާ މުދަލާއި ހިދުމަތްތަކަށް ބަލާއިރު 439 އެއްބަސްވުމެއްގެ ދަށުން ހޯދި މުދަލާއި ހިދުމަތް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކަރަންޓް ކޭބަލް ގަތުމާއި ޖަނަރޭޓަރު ސެޓްތައް ގަތުމާއި ޓްރާސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ އެކި މަސައްކަތްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ