މުއިއްޒުގެ ފުވައްމުލަކު ދަތުރުގައި ބިންގާ އެޅި އެއްވެސް މަޝްރޫއެއްގެ މަސައްކަތް ކުރިއަކަށް ނުދޭ މުއިއްޒުގެ ފުވައްމުލަކު ދަތުރުގައި ބިންގާ އެޅި އެއްވެސް މަޝްރޫއެއްގެ މަސައްކަތް ކުރިއަކަށް ނުދޭ

މި މަހުގެ ކުރީކޮޅު ރައީސް މުހައްމަދު މުއިއްޒު ފުވައްމުލަކަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން ބިންގާ އެޅި ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ނުދާކަން އެނގިއްޖެ އެވެ.
މުއިއްޒުގެ ދަތުރުގެ ތެރެއިން ފަސް މަޝްރޫއެއްގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފެށީ ނޮވެމްބަރު 4، ގަ އެވެ. އެއީ މީގެ 20 ދުވަސް ކުރި އެވެ. އެކަމަކު، ރަމްޒީކޮށް ބިންގާ އެޅުމުގެ އިތުރުން އެ ޕްރޮޖެކްޓުތަކުގެ އެއްވެސް ކަމެއް ކުރިއަކަށް ނުދެ އެވެ.
މީގެ ތެރެއިން ވޭސްޓް މެނޭޖްމަންޓު ސެންޓަރާއި ނޭޝަނަލް ލައިބްރަރީގެ ގޮފީގެ މަޝްރޫއު ހިންގާ ސަރަހައްދުގެ ބިން ވެސް ސާފުކޮށްފައެއް ނުވެ އެވެ. އަނެއް ތިން މަޝްރޫއުގެ މަސައްކަތް ކުރާ ސައިޓުގައި އެއްވެސް މީހަކު ނެތްއިރު މަސައްކަތް ކުރިއަށް ދާ މަންޒަރެއް ވެސް ނުފެނެ އެވެ.
ހައުސިން ޔުނިޓުތައް އަޅާ ސަރަހައްދުގައި ދެ ހައިމާކެއް އޮތްއިރު، ޕޮލިސް އެކަމަޑޭޝަން ޔުނިޓުގެ ސައިޓުގައި ދެތިން ތަނބެއް ޖެހުން ނޫން ކަމެއް ކުރެވިފައެއް ނެތެވެ. ސްކޫލުގެ އައު އިމާރާތް ތަރައްގީ ކުރާ ސައިޓުގައި ކޮނެފައި އޮތް ވަޅުގަނޑުގައި އޮތީ ފެންބޮޑުވެފަ އެވެ.
މިއިން އެއްވެސް މަޝްރޫއެއްގެ މަސައްކަތް މިހާރު ކުރިއަށް ނުދާއިރު ދަތުރުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވަނީ މި މަޝްރޫއުތަކުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަވަސް ދުވެލީގައި ކުރިއަށް ގެންގޮސް މަސައްކަތްތައް ވަރަށް އަވަހަށް ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފުވައްމުލަކުގައި ބިންގާ އެޅި ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ގިނަ މަސައްކަތްތައް ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުނިތަކާ އެވެ. އަދި، ބައެއް މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ކުންފުނިތަކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ