މުސްލިމުންނަށް ފުރައްސާރަކުރުމަށް އޮސްޓްރޭލިއާގެ ސެނެޓަރަކު ބުރުގާ އަޅައިގެން ސެނެޓަށް ވަދެ އިހުތިޖާޖުކޮށްފި މުސްލިމުންނަށް ފުރައްސާރަކުރުމަށް އޮސްޓްރޭލިއާގެ ސެނެޓަރަކު ބުރުގާ އަޅައިގެން ސެނެޓަށް ވަދެ އިހުތިޖާޖުކޮށްފި

އޮސްޓްރޭލިއާގެ ވަން ނޭޝަން ޕާޓީގެ ލީޑަރު ޕޯލީން ހެންސަން މުސްލިމުންނަށް ފުރައްސާރަކުރުމަށްޓަކައި ބުރުގާ އަޅައިގެން ޕާލަމަންޓަށް ވަނުމުން ހަމަނުޖެހުން އުފެދި، މަޖިލީހުގެ ޖަލްސާ ހުއްޓާލައިފި އެވެ.
އޭނާ މިކަން ކޮށްފައިވަނީ، އާންމު ތަންތަނުގައި ބުރުގާ އެޅުން މަނާކުރުމަށް އޭނާ ކުރަމުންދާ މަސައްކަތަށް ސަމާލުކަން ހޯދުމަށްޓަކައި އެވެ. އޭނާ މިކަން ކުރީ، މުސްލިމުންގެ އާދައިގެ ހެދުން (ބުރުގާ) އާއި އެހެނިހެން މޫނު ނިވާކުރުން އޮސްޓްރޭލިއާގެ އާންމު ދިރިއުޅުމުން މަނާކުރުމަށްޓަކައި ސެނެޓް ބިލެއް ހުށަހެޅުން ހުއްޓުވުމުންނެވެ.
ހެންސަން ބުރުގާއަޅައިގެން ސެނެޓް ޗެމްބަރަށް ވަނުމާއެކު އެ މަޖިލީހުގެ ގިނަ މެންބަރުން އެކަމާ ނުރުހުންވެ އަޑުދަގަ ކުރަން ފެށި އެވެ. ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ އޭނާގެ މައްޗަށް ނަސްލީ ތަފާތުކުރުމާއި އިސްލާމޮފޯބިއާގެ ތުހުމަތު ކޮށްފަ އެވެ.
ރިޔާސަތުން ތަކުރާރުކޮށް އެންގުމުން ވެސް ބުރުގާ ނެގުމަށް އޭނާ ދެކޮޅު ހެދުމުން ރިޔާސަތުން ވަނީ މަޖިލީހުގެ ޖަލްސާ މެދުކަނޑާލިކަން އިއުލާނުކޮށްފަ އެވެ.
"ހެދުމުގެ ކޯޑަކީ ސެނެޓަރުންގެ އިހުތިޔާރަކަށް ވެދާނެ. ނަމަވެސް ނަސްލީ ތަފާތުކުރުމަކީ ސެނެޓްގެ އިހުތިޔާރަކަށް ވެގެންނުވާނެ." އޮސްޓްރޭލިއާގެ މަތީ މަޖިލީހަށް ހޮވުނު ފުރަތަމަ މުސްލިމު ސެނެޓަރ، އޮސްޓްރޭލިއަން ގްރީންސް ސެނެޓަރު މެހްރީން ފާރޫގީ ވިދާޅުވި އެވެ.
މުސްލިމު އިންޑިޕެންޑެންޓް ސެނެޓަރު ފާތިމާ ޕޭމަން މިކަން ސިފަކުރެއްވީ "ލަދުވެތި" ކަމެއްގެ ގޮތުގަ އެވެ. އަދި ސެނެޓަރ ހެންސަން، އޮސްޓްރޭލިއާގެ މުސްލިމުންނަށް އިހުތިރާމު ނުކުރާކަމަށް އޭނާ ތުހުމަތުކުރި އެވެ.
ސެނެޓްގައި އޮސްޓްރޭލިއާގެ ސެންޓަރ-ލެފްޓް ލޭބަރ ސަރުކާރުގެ ލީޑަރު ޕެނީ ވޮންގް ވިދާޅުވީ ހެންސަންގެ އަމަލުތަކަކީ "އޮސްޓްރޭލިއާ ސެނެޓްގެ މެންބަރަކަށް އެކަށީގެންވާ ކަންތައްތަކެއް ނޫން" ކަމަށެވެ. އަދި އޭނާ މަޖިލީހުން ވަކިކުރުމުގެ މޯޝަނެއް ވެސް ހުށަހެޅުއްވި އެވެ.
މިއީ އޮސްޓްރޭލިއާގައި ބުރުގާ އެޅުން މަނާކުރުމަށް ހެންސަން ކުރަމުންދާ މަސައްކަތް ޕްރޮމޯޓުކުރުމަށްޓަކައި އޭނާ ބުރުގާ އެޅި ދެވަނަ ފަހަރެވެ. 2017 ވަނަ އަހަރު ވެސް އޭނާ މިދަފަ ކަމެއް ކޮށްފައި ވެ އެވެ. އެފަހަރު ވެސް މުސްލިމުން ބުރުގާ އަޅާ ގޮތާ ހިލާފަށް، ހަމައެކަނި ބޯ ނިވާކޮށްގެން ބުރުގާއަށާއި މުސްލިމުންގެ ގަބޫލުކުރުމަށް ހަޖޫޖަހާފައި ވެ އެވެ.
ހޯމަ ދުވަހު ހިނގި ކަންތައްތަކަށްފަހު ފޭސްބުކްގައި ލިޔެފައިވާ ބަޔާނެއްގައި ހެންސަން ބުނެފައިވަނީ އޭނާގެ އަމަލުތަކަކީ، އޭނާ ހުށަހެޅި ބިލު ސެނެޓުން ބަލައިނުގަތުމާ ދެކޮޅަށް ކުރި އިހުތިޖާޖެއް ކަމަށެވެ.
އޭނާ ބުނީ، "އުނދަގޫ" ހެދުމެއް ކަމަށްވާ ބުރުގާ އޭނާ އެޅީ، އަންހެނުންނަށް ކުރާ ގޯނާއާއި، ގައުމީ ސަލާމަތަށް ބުރުގާއިން ހުރި ނުރައްކަލަށް އަލިއަޅުވައިދިނުމަށްޓަކައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ