ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.
މި މެޗާ އެކު، ލީގުގެ އަށް ވަނަ ހަފްތާގެ ކުޅުން ނިމި ފުރަތަމަ ބުރުގައި ބާކީ ކޮންމެ ޓީމަކަށް ވެސް އޮތީ އެންމެ މެޗެކެވެ. ބުރުން ލީގުގެ ފަސް ވަނަ އަށް ޖެހިލީ، އަށް މެޗުން 11 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ކްލަބް އީގަލްސް އަށް ލިބިފައިވަނީ، އަށް މެޗުން 12 ޕޮއިންޓެވެ. އީގަލްސް އިން ފުރަތަމަ ބުރުގެ ފަހު މެޗުގައި، ވިކްޓަރީ ސްޕޯޓްސް ކްލަބާ ކުޅޭއިރު، ބުރުން ނުކުންނާނީ ކްލަބް ވެެލެންސިއާއާ ދެކޮޅަށެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބުރުން ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ބުރުން ލީޑުނެގީ 35 ވަނަ މިނިޓްގައި އަރީން އަބްދުﷲ ޖެހި ގޯލުންނެވެ. ބުރުގެ އަލީ ހަމްދާން ނެގި ކޯނަރަކުން އެ ޓީމުގެ މިސްރު ޑިފެންޑަރު، އަލާ ނާސިރު ބޮލުން ދިން ބޯޅަ އަރީން ވަނީ އެއް ފަހަރުން ގޯލަށް ވައްދާލައިފަ އެވެ.
ފުރަތަަމަ ހާފުގެ ފަހު މިނިޓްގައި، ބުރުން ދެ ވަނަ ލަނޑު ޖެހީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ހުޑްސަން ޑިއާޒް އެވެ. އަރިމަތިން ނަގައިދިން ހުރަހަކަށް އަރައި ހުޑްސަން ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފުގައި ޔުނައިޓެޑް ވިކްޓަރީންނާއި ބުރުން ވެސް ފުރުސަތު ތަނަވަސްކޮށް ގޯލެއް ޖެހޭތޯ ބެލި ނަމަވެސް އޭގެއިން އެއްވެސް ބޯޅައެއް ގޯލަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.
މި ނަތީޖާއާ އެކު، ޔުނައިޓެޑް ވިކްޓަރީ އޮތީ 10 ޓީމު ވާދަކުރާ ލީގުގެ އެންމެ ފުލުގަ އެވެ. އެ ޓީމަށް އަށް މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
ދިވެހި ޕްރިމިއާ ލީގު: ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ބުރު ފަސް ވަނަ އަށް ދިވެހި ޕްރިމިއާ ލީގު: ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ބުރު ފަސް ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ