ފިހާރައަކުން ލޯޝަން ފުޅިތަކެއް ޖީންސް ތެރެއަށް ލީ މީހަކު ބުނީ ވައްކަންނުކުރާ ކަމަށް
ލޯޝަން ފުޅިތަކެއް ޖީންސްތެރެއަށް ލައި ވައްކަންކުރަން މަސައްކަތްކުރި މީހަކު ވައްކަން ނުކުރާ ކަމަށް، ކްރިމިނަލް ކޯޓުގައި ބުނެފިއެވެ. މާލޭގެ ފިހާރައަކުން ލޯޝަން ފުޅިތަކެއް އަމިއްލަ މީހާގެ ޖީންސްތެރެއަށް ލައި ވައްކަންކުރަން މަސައްކަތްކުރި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދު އަމުރުގައިވާ ގޮތުން ވައްކަންކުރަން އުޅުނު ކަމުގެ ހެއްކާއި ފުލުހުންގެ ބަޔާން ހުށަހަޅާފައިވެއެވެ. ކޯޓުގައި ވާހަކަ ދައްކަމުން ވައްކަމުގެ ތުހުމަތު ކުރެވޭ އެ މީހާ ބުނީ އޭނާ ވައްކަމެއް ނުކުރާ ކަމަށާއި، ވައްކަމެއް ކުރަން އުޅުނީ ކަމަށެވެ. މައްސަލަ ބެއްލެވި ގާޟީ އިބްރާހީމް ޒިހުނީގެ އަމުރުގައިވާ ގޮތުން، ފިހާރައިގެ ތެރެއިން ލޯޝަން ފުޅިތަކެއް ޖީންސް ތެރެއަށްލާ މަންޒަރު ފެނި، ފިހާރައިގެ މީހުން އެ މީހާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރިކަމަށް، މައްސަލަ ބެލި އިންވެސްޓިގޭޝަން އޮފިސަރު ފާހަގަކޮށްފައިވެއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އަމުރުކުރީ 15 ދުވަހަށް ބަންދުކުރުމަށެވެ. ފާހަގަކުރެވޭ ގޮތުގައި ފުލުހުންނަށް ހުށަހެޅޭ އެކި މައްސަލަތަކުގެ ތެރެއިން މިއަހަރު ވައްކަމުގެ މައްސަލަ އިތުރެވެ. އެގޮތުން މިއަހަރު މިހާތަނަށް ވައްކަމުގެ 3،059 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހު ވައްކަމުގެ 339 މައްސަލައެއް، އަދި ސެޕްޓެމްބަރު މަހު 356 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް އެ ތަފާސްހިސާބުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ