އިންޓަނޭޝަނަލް ޖަސްޓިސް ކޮންފަރެންސްގައި އުއްތަމަފަނޑިޔާރު ބައިވެރިވެވަޑައިގެންފި
ސައުދީ އަރަބިއްޔާގައި ކުރިއަށްދާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ޖަސްޓިސްގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ. ސައުދީ އަރަބިއްޔާގެ ރިޔާޟުގައި އިއްޔެ އަދި މިއަދު ކުރިއަށްދިޔަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ޖަސްޓިސްގައި އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދުގެ އަރިހުގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ކޮންފަރަންސްގައި 50 ގައުމަކުން ބައިވެރިވެފައިވާއިރު، ޖުޑީޝަރީއާ ގުޅުންހުރި މުހިއްމު މައުޟޫތަކަށް ވާހަކަދެކެވުނެވެ. އުއްތަމަ ފަނޑިޔާރު ސައުދީ އަރަބިއްޔާއަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖޭގެ ޝަރުއީ ނިޒާމާއި އިދާރީ އުސޫލުތަކާއި ގާނޫނީ އުސޫލުތައް ހަރުދަނާކުރުމަށް އެއްބާރުލުން ދިނުން އިތުރުކުރުމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ސައޫދީ އަރަބިއްޔާގެ ޖަސްޓިސް މިނިސްޓްރީއާއެކު ފަސް އަހަރު ދުވަހުގެ ފަހުމުނާމާއެއްގައި ވެސް ވަނީ އިއްޔެ ސޮއިކުރައްވާފައެވެ. https://www.sun.mv/214304 ސުޕްރީމް ކޯޓާއި ސައޫދީގެ ޖަސްޓިސް މިނިސްޓްރީން މި ފަހުމުނާމާގައި ސުޕްރީމް ކޯޓުގެ ފަރާތުން ސޮއިކުރެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އަދި ސައޫދީގެ ޖަސްޓިސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޖަސްޓިސް މިނިސްޓަރު ޑރ. ވަލީދު ބިން މުޙައްމަދު އައް-ޞަމްޢާނީއެވެ. މި ފަހުމުނާމާއަކީ ރާއްޖޭގެ ޝަރުއީ ދާއިރާއާއި އަރަބި އިސްލާމީ ގައުމެއްގެ ޖުޑީޝަރީއާ ދެމެދު ސޮއިކުރެވުނު ފުރަތަމަ ފަހުމުނާމާއެވެ. މި ފަހުމުނާމާގެ ދަށުން، ދެ ގައުމުގެ ޝަރުއީ ނިޒާމުތަކާއި، ގާނޫނީ އުސޫލުތަކާއި އިދާރީ އުސޫލުތައް ހަރުދަނާކުރުން ހިމެނޭހެން ހަ ދާއިރާއަކުން ދެ ގައުމުގެ ދެމެދު އެއްބާރުލުން ދެވިގެން ދާނެ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. މި ފަހުމުނާމާގެ ދަށުން ދެ ގައުމުގެ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާތަކުގެ މުވައްޒަފުންގެ ފަންނީ ގާބިލުކަމާއި ހުނަރުތައް ކުރިއެރުވުމަށާއި، ޝަރުއީ މަސައްކަތްތައް ހަރުދަނާކުރުމަށާއި، ދެ ގައުމުގެ ޝަރުއީ ނިޒާމުގެ މައުލޫމާތު ބަދަލުކުރުމާއި، ދެ ގައުމުގެ ތަޖުރިބާ ހިއްސާކުރުމާއި، އިލްމީ އެކި ކޮންފަރެންސްތަކާއި ތަމްރީނު ޕްރޮގްރާމްތައް އިންތިޒާމުކޮށް ބޭއްވުމަށް އެއްބާރުލުން ދެވިގެން ދާނެ ކަމަށްވެސް އެ ކޯޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ