މެންޗެސްޓާ (ނޮވެމްބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓާ ސިޓީ ބަލިވި މެޗަށް ފަހު އެ މެޗުގެ ކެމަރާމަން ކައިރިއަށް ގޮސް އުޅެވުނު ގޮތާ މެދު ލަދުގަންނަ ކަމަށް ބުނެ، ކެމަރާމަން ކައިރިން މާފަށް އެދޭ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ނިއުކާސަލް ދަނޑުގައި ސިޓީ ވަނީ 2-1 އިން ބަލިވެފަ އެވެ. އެ މެޗު ނިމުނުތަނުން ގާޑިއޯލާ ވަނީ، ދަނޑުމައްޗަށް އަރައި، ރެފްރީ ސޭމް ބަރޮޓްއާ ވާހަކަ ދައްކައި، ހިތްހަަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި، އެ ކަންކަމުގެ ތެރޭގައި، މެޗުގައި ހަރަކާތްތެރިވި ކެމަރާމަނެއް ކައިރިއަށް އައިސް، ހިތްހަަމަނުޖެހުން ފާޅުކޮށް، ކެމަރާމަންގެ ހެޑްފޯނު ވެސް ނައްޓައިލަ އެވެ.
"އަހަރެން މާފަށް އެދެން. އެކަންތައް ދިޔަ ގޮތް ފެނުމުން އަހަރެން ލަދުގަނޭ. އެއްވެސް ވަރަކަށް ކަމުދާ ކަމެއް ނޫން އެއީ، އެކަން ކުރެވުނުތަނާހެން އަހަރެން މާފަށް އެދެފިން. އެކަމަކު މިއީ އަހަންނަށް އުޅެވޭގޮތް،" ގާޑިއޯލާ ބުންޏެވެ.
ކެމަރާމަން ކައިރީގައި ގާޑިއޯލާ ބުނީ ކީކޭ ކަމެއް މީޑިއާގައި ހާމައެއްނުކުރެ އެވެ. ގާޑިއޯލާ ބުނީ، ކޯޗިން ކެރިއަރުގައި ގިނަ އަހަރުތަކެއް ވީ ކަމުގައި ވިޔަސް އޭނާ އަށް ވެސް ގޯސް ހެދޭނެ ކަމަށެވެ.
"1000 މެޗުގައި ކޯޗުކަން ކޮށްދިނަސް، އަހަންނަށް ވެސް ގޯސް ހެދޭ ފަހަރު އަންނާނެ. އަހަންނަކީ ވެސް ފުރިހަަމަ މީހެއް ނޫން، ވަރަށް ބޮޑެތި ގޯސް ހެދޭ ފަހަރު ވެސް އަންނާނެ. އަހަންނަށް އެ ގޯސް އެ ހެދެނީ އަހަރެންގެ ޓީމު އަހަރެންގެ ކްލަބްގެ ދިފާއުގައި،" ސިޓީގެ ކޯޗުކަން 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ގާޑިއޯލާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ބަޔާ ލެވަކޫސަނާ ކުޅޭ މެޗަކީ، ސިޓީ ގޮވައިގެން އެ މުބާރާތުގައި ގާޑިއޯލާ ނުކުންނަ 100 ވަނަ މެޗެވެ. ގާޑިއޯލާ ވަނީ، 2023 ވަނަ އަހަރު ސިޓީގެ ތާރީހުގައި އެ ޓީމަށް ފުރަތަަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.
އުޅެވުނު ގޮތާ މެދު ލަދުގަންނަ ކަމަށް ބުނެ ކެމަރާމަން ކައިރިން ގާޑިއޯލާ މާފަށް އެދެފި އުޅެވުނު ގޮތާ މެދު ލަދުގަންނަ ކަމަށް ބުނެ ކެމަރާމަން ކައިރިން ގާޑިއޯލާ މާފަށް އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ