ސްކޭމް އިޝްތިހާރުތަކުން މެޓާއަށް ބިލިއަން ޑޮލަރުގެ ފައިދާ، ތަހުގީގަށް ގޮވާލައިފި

ސްކޭމް އިޝްތިހާރުތަކުން މެޓާއަށް ބިލިއަންޑޮލަރުގެ ފައިދާ، ލިބޭކަމަށް ތުހުމަތުކޮށް ތަހުގީގުކުރަން ގޮވާލައިފިއެވެ. އެމެރިކާގެ ދެ ސެނެޓަރު ކަމަށްވާ ޖޯޝް ހޯލީ އާއި ރިޗަޑް ބްލޫމެންތަލް ވަނީ މެޓާ ޕްލެޓްފޯމްސްގެ މައްސަލަ ބެލުމަށް ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އާއި ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) ގެ އިސްވެރިންނަށް ގޮވާލާފައެވެ. މިގޮތަށް ގޮވާލާފައިވަނީ މެޓާގެ ފޭސްބުކް އަދި އިންސްޓަގްރާމްގައި ހިންގާ ސްކޭމް އެޑްތަކާއި މަނާކުރެވިފައިވާ ތަކެތީގެ އެޑްތަކުން ބޮޑެތި އާމްދަނީއެއް ލިބޭ ކަމަށް ރޮއިޓާސް އިން ނެރެފައިވާ ރިޕޯޓަކާ ގުޅިގެންނެވެ. ސެނެޓަރު ހޯލީ އާއި ބްލޫމެންތަލް މި ދެ ފެޑެރަލް އެޖެންސީއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، އެފްޓީސީ އާއި އެސްއީސީން މިކަމުގައި އަވަހަށް ތަހުގީގެއް ހިންގައި، ރިޕޯޓުތައް ތެދުނަމަ، މެޓާއިން މިފަދަ އިޝްތިހާރުތައް ހުއްޓާލުމަށް މަޖުބޫރުކޮށް، ފައިދާތައް ނުނެގުމަށާއި ޖޫރިމަނާ ދެއްކުމަށް އެންގުމަށެވެ. https://sun.mv/213616 މިމަހުގެ ކުރީކޮޅު ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ ފަހުކޮޅުގެ އިންޓަނަލް ޑޮކިއުމަންޓުތަކުން ދައްކާ ގޮތުގައި، އެ އަހަރު މެޓާގެ އާމްދަނީގެ 10 އިންސައްތަ، ގާތްގަނޑަކަށް 16 ބިލިއަން ޑޮލަރު ލިބިފައިވަނީ ގަވާއިދާ ޚިލާފު އިޝްތިހާރުތަކުންނެވެ. އެއް ޑޮކިއުމަންޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި މެޓާއަށް ކޮންމެ ހަ މަސްދުވަހަކުން 3.5 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބެނީ “ފުޅާދާއިރާއެއްގައި ހިންގާ ނުރައްކާތެރި” ސްކޭމް އެޑްތަކުންނެވެ. ރޮއިޓާސްގެ ރިޕޯޓާ ގުޅިގެން މެޓާއިން ބުނެފައިވަނީ، ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި ސްކޭމް ރިޕޯޓުތައް 58 އިންސައްތަ މަދުކޮށްފައިވާ ކަމަށެވެ. މެޓާގެ ތަރުޖަމާނު އެންޑީ ސްޓޯން ވިދާޅުވީ، ސެނެޓަރުން ހޯލީ-ބްލޫމެންތަލްގެ ސިޓީގައިވާ “ދައުވާތަކަކީ މާ ބޮޑުކޮށްފައިވާ ކުށްތަކެއް” ކަމަށެވެ. “އަޅުގަނޑުމެން ހީލަތްތެރިކަމާއި ސްކޭމްތަކާ ދެކޮޅަށް ހަރުދަނާކޮށް މަސައްކަތް ކުރަން، ސަބަބަކީ އަޅުގަނޑުމެންގެ ޕްލެޓްފޯމްތަކުގައި ތިބޭ މީހުންނާއި، ގަވާއިދުން އިޝްތިހާރުދޭ ފަރާތްތަކުންނާއި އަޅުގަނޑުމެންނަށްވެސް މިފަދަ ކޮންޓެންޓު ބޭނުމެއް ނުވޭ،” ސްޓޯން ވިދާޅުވިއެވެ. މިޒޫރީގެ ރިޕަބްލިކަން ސެނެޓަރު ހޯލީ އާއި ކަނެކްޓިކަޓްގެ ޑިމޮކްރެޓިކް ސެނެޓަރު ބްލޫމެންތަލް ވަނީ، ގަވާއިދާ ޚިލާފު އިޝްތިހާރުތަކާ ދެކޮޅަށް މެޓާއިން ކުރާ މަސައްކަތާމެދު ޝައްކު އުފައްދާފައެވެ. އެމީހުން ފާހަގަކޮށްފައިވަނީ މެޓާގެ “އެޑް ލައިބްރަރީ” އެވެ. މިއީ މެޓާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފެންނަ އިޝްތިހާރުތަކުގެ އާންމުކޮށް ލިބެންހުންނަ ޑޭޓާބޭސްއެކެވެ. އެމީހުން ލިޔުއްވާފައިވަނީ އެ ސިޓީ ފޮނުވި ވަގުތު ވެސް މެޓާގެ އެޑް ލައިބްރަރީގައި ގަވާއިދާ ޚިލާފު ޖުވާ ކުޅުމާއި، ފައިސާގެ މަކަރު ހަދާ އިޝްތިހާރުތަކާއި، ކްރިޕްޓޯ ސްކޭމްތަކާއި، އޭއައި ޑީޕްފޭކް ސެކްސްގެ ހިދުމަތްތަކާއި، ފެޑެރަލް އެހީގެ ދޮގު ހުށަހެޅުންތައް ފެންނަން އެބަހުރިކަމަށެވެ. ރޮއިޓާސްގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި އެމެރިކާގައި ހިނގާ ހުރިހާ ސްކޭމްތަކުގެ ތިންބައިކުޅަ އެއްބައިގައި މެޓާގެ ޕްލެޓްފޯމްތައް ބައިވެރިވާ ކަމަށް ސެނެޓަރުން ވަނީ ފާހަގަކޮށްފައެވެ. އަދި އެފްޓީސީ އިން އަންދާޒާކޮށްފައިވާ ގޮތުގައި ފާއިތުވި އަހަރު އެމެރިކާގެ ރައްޔިތުންނަށް ސްކޭމްތަކުން 158.3 ބިލިއަން ޑޮލަރު ގެއްލިފައިވެއެވެ. މިހެންކަމުން، މެޓާގެ ސަބަބުން ކޮންޒިއުމަރުންނަށް 50 ބިލިއަން ޑޮލަރަށްވުރެ ގިނައިން ގެއްލިފައިވާނެ ކަމަށް މިކަމުން ދޭހަވާ ކަމަށް އެމީހުން ލިޔުއްވިއެވެ. އެމީހުންގެ ސިޓީގައި ބުނެފައިވަނީ، ސިޔާސީ ބޭފުޅުންގެ ޑީޕްފޭކް އިޝްތިހާރުތަކާ ބެހޭ ގޮތުން މެޓާއަށް އިންޒާރު ދީފައިވީ ނަމަވެސް، އެ ކުންފުނިން އަދިވެސް ހީލަތްތެރި ކްލިޕްތައް ދައްކަމުން ދާކަމަށެވެ. މި ސްކޭމްތަކުން ފައިދާ ލިބޭ ފަރާތްތަކުގެ ތެރޭގައި ޗައިނާ، ސްރީލަންކާ، ވިއެޓްނާމް އަދި ފިލިޕީންސްގައި ހަރަކާތްތެރިވާ ސައިބާ ކްރައިމް ގްރޫޕްތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ