އެޑޯބްގެ ސޮފްޓްވެއާތަކަށް "ނެނޯ ބަނާނާ ޕްރޯ" އިންޓަގްރޭޓްކޮށްފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ ދުނިޔެއަށް އާ އިންގިލާބެއް ގެނެސް، މަޝްހޫރު ސޮފްޓްވެއާ ކުންފުނި އެޑޯބް އިން، ގޫގުލްގެ އެންމެ ފަހުގެ އޭއައި މޮޑެލް ކަމަށްވާ 'ނެނޯ ބަނާނާ ޕްރޯ' އެ ކުންފުނީގެ ފޮޓޯޝޮޕް އަދި ފަޔާފްލައި ސޮފްޓްވެއާއަށް އެއްކޮށްލައިފިއެވެ. ގޫގުލް އިން އެމީހުންގެ ޖެމިނައި 3ކުން ބާރު ލިބިފައިވާ މި މޮޑެލް ތަޢާރަފްކުރިތާ އެންމެ ހަފްތާއެއްގެ ތެރޭގައި އެޑޯބްއިން މިކަން އިއުލާންކުރުމުން، އޭއައިގެ ދާއިރާ ކުރިއަރަމުން އަންނަ ހަލުވިމިން ވަނީ އިތުރަށް ހާމަވެގެން ގޮސްފައެވެ. އެޑޯބްއިން ފާހަގަކުރާ ގޮތުގައި، 'ނެނޯ ބަނާނާ ޕްރޯ' އަކީ އެ ކުންފުނީގެ ސޮފްޓްވެއާތަކަށް އެއްކުރި މިފަދަ ތިންވަނަ މޮޑެލްއެވެ. މީގެ ކުރިންވެސް، ޖެމިނައި 2.5 އިން ބާރު ލިބިދޭ 'ނެނޯ ބަނާނާ' މޮޑެލްއާއި، ބްލެކް ފޮރެސްޓް ލެބްސްގެ 'ފްލަކްސް.1 ކޮންޓެކްސްޓް ޕްރޯ' ވަނީ އެޑޯބްގެ ޕްލެޓްފޯމްތަކާ ގުޅުވާލާފައެވެ. މިއީ އެކި ކުންފުނިތަކުގެ އޭއައި ޓެކްނޮލޮޖީތައް އެއް ޕްލެޓްފޯމެއްގެ ދަށުން ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް އެޑޯބް އިން ކުރަމުން އަންނަ މަސައްކަތުގެ ހެއްކެކެވެ. ލިޔުމުން ދޭ ކުޑަ އިރުޝާދަކުން، ފޮޓޯއެއް ފަސޭހަކަމާއެކު އެޑިޓްކޮށްލެވިދާނެ --- މި އާ އިންޓެގްރޭޝަންގެ ސަބަބުން ފޮޓޯޝޮޕް ބޭނުންކުރާ ފަރާތްތަކަށް 'ޖެނެރޭޓިވް ފިލް' ފީޗާ މެދުވެރިކޮށް އިތުރު ބާރެއް ލިބިގެންދާނެއެވެ. ލިޔުމުން ދޭ ކުޑަ އިރުޝާދަކުން، ފޮޓޯއެއްގެ އަލިކަމަށް ބަދަލުގެނައުމާއި، މުޅިން ތަފާތު ސްޓައިލަކަށް ފޮޓޯ ބަދަލުކޮށްލުމާއި، އަދި މިނޫންވެސް އެތައް ކަމެއް ކުރުމުގެ ފުރުސަތު މިހާރު ލިބޭނެއެވެ. މީގެ އިތުރުން، 4ކޭ ގެ ރިޒޮލިއުޝަނާ ހަމައަށް ފޮޓޯތައް އުފެއްދުމުގެ ގާބިލުކަން ވެސް މި މޮޑެލްއަށް ލިބިގެންވެއެވެ. އެޑޯބް ފަޔާފްލައި އެޕްލިކޭޝަންގައި، ޔޫޒަރުންނަށް 'ޓެކްސްޓް-ޓު-އިމޭޖް' ފީޗާ ބޭނުންކުރާއިރު 'ނެނޯ ބަނާނާ ޕްރޯ' މޮޑެލް ސެލެކްޓް ކުރުމުގެ އިޚްތިޔާރު ލިބޭނެއެވެ. ޚާއްސަ ފީޗާއެއްގެ ގޮތުގައި، ޔޫޒަރުންނަށް ހަ ރެފަރެންސް ފޮޓޯއާ ހަމައަށް ބޭނުންކޮށްގެން، ޓެކްސްޓް ޕްރޮމްޕްޓަކާ އެކު، މުޅިން އާ އުފެއްދުމެއް ތައްޔާރުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ހަމައެއާއެކު، އުފެއްދުންތެރި ޚިޔާލުތައް އެއްކޮށް، ތަރުތީބުކުރުމަށް ބޭނުންކުރާ 'ފަޔާފްލައި ބޯޑްސް' ޕްލެޓްފޯމްގައިވެސް މި މޮޑެލް ބޭނުންކުރެވޭނެއެވެ. މި އާ އިންޓެގްރޭޝަން ފާހަގަކުރުމުގެ ގޮތުން އެޑޯބް އިން ވަނީ 'ކްރިއޭޓިވް ކްލައުޑް ޕްރޯ' އަދި 'ފަޔާފްލައި ޕްލޭން' އަށް ފައިސާ ދައްކާފައިވާ ހުރިހާ ޔޫޒަރުންނަށް ޚާއްސަ ހުށަހެޅުމެއްވެސް ހުޅުވާލާފައެވެ. އެގޮތުން، އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް، ފަޔާފްލައި އެޕް މެދުވެރިކޮށް އެއްވެސް ލިމިޓެއް ނެތި އޭއައި ފޮޓޯ އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ