މުހިންމު ލިޔެކިޔުންތަކެއް ނެތް، ދެ އަހަރުވީއިރު ވެސް ފެނަކަ ހަމައަކަށް ނޭޅުވުނު: ނަޖާހު
ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނަށް ވެފައިވާ އިހުމާލުގެ ސަބަބުން މި ސަރުކާރު އައިސް ދެއަހަރުވީއިރު ވެސް އެ ކުންފުނި އަދި ހަމައަކަށް ނޭޅުވުނު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ނަޖާހު ވިދާޅުވީ މި ސަރުކާރުން ފެނަކައާ ހަވާލުވިއިރު ބޮޑެތި އިހުމާލުވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެއް ކަމަކަށް އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާއި ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ޕޮލިސީއާ ދިމާނުވާކަން ފާހަގަވި ކަމަށް ނަޖާހު ވިދާޅުވިއެވެ. އެހެންވެ އެންމެ ބޮޑު މަސައްކަތަކަށް މިހާރު ކުރިއަށް ދަނީ ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީ އިސްލާހުކޮށް އަންނަ އަހަރުން ފެށިގެން އެ ޕޮލިސީއާ އެއްގޮތަށް އަމަލުކުރަން ފެށުމުގެ މަސައްކަތް ކަމަށް ނަޖާހު ވިދާޅުވިއެވެ. ނަޖާހު ވިދާޅުވީ މިދިޔަ ސަރުކާރުގައި ފެނަކައިން އޭރު ގެނައި ގިނަ ސާމާނުތަކަކީ އެކަށީގެންވާ ރަނގަޅު ފެންވަރުގެ ތަކެތި ނޫން ކަމަށާއި، ބައެއް ރަށްރަށުގެ ފެން ޕްލާންޓުތަކުގައާއި އިންޖީނުގޭގައި ހުންނަ ޖަނަރޭޓަރުތަކުގައި އަޅުވާފައި ހުރީ ދަށް ސްޕެއާ ޕާޓުތައް ކަމަށެވެ. އެހެންވީމަ އަޅުގަނޑުމެން މިހާރު ކަނޑައަޅައިފަ އޮންނާނެ މިވަގުތަށް އެންމެ ރަނގަޅުގޮތަކީ އޯއީއެމެއް [އޮރިޖިނަލް އިކުއިޕްމަންޓް މެނުފެކްޗަރާ] މެދުވެރިކޮށް އެއްޗެހި ގެނައުން. ޚާއްސަކޮށް ބޮޑެތި އެއްޗެހި. އެގޮތަށް އެންމެފަހުން އަޅުގަނޑުމެން އިއުލާނުކުރި ޖެނެރޭޓަރު ކޭބަލްވެސް އިއުލާނުކޮށްފަ ވާނީ އޯއީއެމް މެދުވެރިކޮށް ގެންނަން، ސަބަބަކީ ކޮލިޓީ މިވަގުތު ޕްރޮކިއުމަންޓް ޕޮލިސީތެރެއިން އެންޝުއާކުރެވެން އޮތީ އެގޮތަށް ކަމަށް ވާތީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މަޖިލީހުގެ މިއަދުގެ ކޮމިޓީގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް އޭނާ ވިދާޅުވި ގޮތުގައި ފެނަކައާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓަށް ފަހު، ޕްރޮކިއުމަންޓް އުސޫލާ ޚިލާފަށް މަސައްކަތްކުރި ގިނަ މުވައްޒަފުންގެ ޑިޕާޓްމަންޓްތައް ބަދަލުކޮށް، އޭގެ ތެރެއިން މައްސަލަ ހުށަހަޅަންޖެހޭ މުވައްޒަފުންގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ފެނަކައިގެ ޕްރޮކިއުމަންޓް ޑިވިޝަންގައި ތިބި މުވައްޒަފުންނަކީ ވިޔަފާރިތައް ހިންގާ ބައެއްތޯ ވެސް ބަލަމުން އަންނާނެ ކަމަށް ނަޖާހު ވިދާޅުވިއެވެ. ނަޖާހު ވިދާޅުވީ ފެނަކައިގެ ވިސްނުމަކީ އަންނަ އަހަރު އަމަލުކުރަން ފަށާ އާ ޕްރޮކިއުމަންޓް ސިޔާސަތުގެ ދަށުން އެކަމަށް ވަކި ކޮމިޓީއެއް ފެނަކައިގައި ހެދުން ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ބޮޑެތި ހުރިހާ ޕްރޮކިއުމަންޓެއް ކުރިއަށް ގެންދާނީ އެ ކޮމިޓީގެ ދަށުންކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ކުންފުންޏަށް މިވަގުތު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުރީ ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކުގެ ލިޔެކިޔުންތައް ފެންނަން ނެތުންކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޑޮކިއުމަންޓުތައް ފުރިހަމަނުވެ، ރިކުއެސްޓްކުރި ފަރާތެއް ނޭނގި ނުވަތަ ރިކުއެސްޓްކުރި ކަމެއް ވެސް ނޭނގޭ ހާލަތުގައި ކަންކަން ހުރުމެވެ. އަދި ކޮށްފައި ހުރި މަސައްކަތެއް ފެންނަން ނެތްއިރު މަސައްކަތް ނިންމިކަން ވެސް އެނގެން ނެތް ކަމަށް ނަޖާހު ވިދާޅުވިއެވެ. ދެން އަޅުގަނޑުމެން ޖެހެނީ މިކަންކަން ހަމައަކަށް އަޅުވައި، ސަޕްލަޔަރުންގެ ތެރެއިން ފޭކު އެއްޗެހި ގެންނަނީ ކޮން ބައެއްތޯ ބަލައި، އަދި ނުވި ތާކަށް ޕޭމަންޓް ކްލިއާކުރަން ޑޮކިއުމަންޓް ފުރިހަމަނުވެގެން އަޅުގަނޑުމެން މި ޖެހެނީ އުޅެން، އެހެންވީމާ އޭރުގެ ވެފައޮތް އިހުމާލު އަސްލު ވަރަށް ބޮޑު، ބޮޑުވީމަ މިއަދާ ހަމައަށް އައިއިރު ދެ އަހަރުވިއިރު މި ސަރުކާރަށް މި ކުންފުނި ހަމައަކަށް ނޭޅުވި މި އުޅުނީ،ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އޭނާ ވިދާޅުވިގޮތުގައި ފެނަކައަށް މުވައްޒަފުން ނަގަނީ ކުންފުންޏަށް ބޭނުންވާ ވަރަށް ބަލައިފައެވެ. މިވަގުތު ފެނަކައަށް ނަގާ މުވައްޒަފުން އިތުރުވެފައި ވަނީ އެ ކުންފުނީގެ އެތެރޭގެ އެކި މަޝްރޫއުތަކަށް މުވައްޒަފުން ނަގާތީ ކަމަށް ނަޖާހު ވިދާޅުވިއެވެ. ފެނަކައިގެ ތެރެއިން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހާމަވާ އޮޑިޓް ރިޕޯޓެއް މި ފަހުން ވަނީ އާންމުކޮށްފައެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ފެނަކަ ސައީދު --- ފޮޓޯ/ ރައީސް އޮފީސް ފެނަކައާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، ފެނަކައިގެ އޭރުގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަކު، އެމްޑީޕީން އަންނަނީ އެއީ ސިޔާސީ ދައުވާއެއް ކަމަށާއި ސައީދާ ދޭތެރޭ ކަންތައް ކުރަނީ އިންސާފުން ނޫން ކަމަށް ތުހުމަތުކުރަމުންނެވެ. އަދި، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޯސްތަކުގެ ވާހަކަ ވެސް ސައީދު ދޮގުކުރެއްވިއެވެ. އޭނާ ކުރިން ވިދާޅުވީ، އެއީ ގޯސް ރިޕޯޓެއް ކަމަށެވެ. https://sun.mv/212130 އެ މައްސަލައިގައި ފެނަކަ މެދުވެރިކޮށް ހިންގި ކަމަށް ތުހުމަތުކުރާ ބޮޑު ޚިޔާނާތުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިބްރާހިމް އަމީރުގެ ބައިވެރިވުން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ މިފަހުން ވިދާޅުވެފައެވެ. ފެނަކައިގެ ޚާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި: ތިން އަހަރު ތެރޭ ބީލަމަށް ނުލައި 1.4 ބިލިއަން ރުފިޔާ ޚަރަދުކުރުން 2 މިލިއަން ރުފިޔާއަށް ލިބެން އޮތް ބޭނުންކޮށްފައިވާ ޖަނަރޭޓަރުތަކެއް އާ ޖަނަރޭޓަރުގެ ގޮތުގައި 17 މިލިއަނަށް ގަތުން ބައެއް ކުންފުނިތަކަށް މަސައްކަތް ހަވާލުނުކުރަނީސް ފެނަކައިގެ ނަމުގައި މުދާ ގެނެސްފައި ހުރުން އުޅަނދެއް ނެތް ބަޔަކަށް މުދާ އުފުލަން 105 މިލިއަން ރުފިޔާ ޚަރަދުކުރުން ސައީދުގެ އާއިލީ ކުންފުނިތަކަކަށް މަސައްކަތް ހަވާލުކޮށްފައިވުން ސިޔާސީ ގޮތުން އެމްޑީޕީއާ ގުޅުން އޮތް ކުންފުނިތަކަށް ބިޑްކުރުމަކާ ނުލައި ގިނަ މަޝްރޫއުތަކެއް ދިނުންއެ ކަންކަން ބަލައި ތަހުގީގުކުރަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދަރަނި ބޮޑުވެ، ނުހިންގޭ ވަރުވެފައި އޮތް ފެނަކައަކީ ޒަމާނުއްސުރެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އަމާޒުވެފައި އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެ، ދައުލަތަށް ބޮޑު މާލީ ބުރައަކަށް ވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ