މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފި
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ވަޒީފާގައި އުޅޭ މުވައްޒަފަކު މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުނު ކަމަށް ތުހުމަތުވާ މައްސަލައިގައި އެންމެ ފަސް ދުވަހަށް ބަންދުކޮށްފިއެވެ. ކްރިމިނަލް ކޯޓު އަމުރުން އެނގޭ ގޮތުގައި އެއީ ގދ. ގައްދުއަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ ވައްޓާލި އެއްޗެއް ނަގައި ބެލިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފިންކޮޅެއް އޭގެ ތެރެއިން ފެނިގެންނެވެ. އަދި އޭނާގެ ޔޫރިން، ޓީއެޗްސީއަށް ފައްސިވެފައިވާ ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު ވަނީ ފާހަގަކޮށްފައެވެ. އަމުރުގައި ބުނެފައިވާ ގޮތުގައި ޝަރީއަތުގައި އޭނާ ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނުމުން ކުރު މުއްދަތެއް ވަނީ ދީފައެވެ. އަދި އޭނާ ވަނީ އޭނާއަކީ އެންޑީއޭގެ ވަޒީފާގައި އުޅޭ ފަރާތެއް ކަމަށާއި، އޭނާއަކީ ކުޑަ ދަރިންތަކެއްގެ ބައްޕައެއް ކަމަށް ވެސް ޝަރީއަތުގައި ބުނެފައެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް، އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އެއާއެކު މިއަދު ވަނީ އޭނާގެ މައްޗަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފައެވެ. https://www.sun.mv/214235 މިފަހުން ވެސް އެންޑީއޭއިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދޭ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ އެންޑީއޭއިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތިދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގައެވެ. ރާއްޖޭގައި ޑުރަގުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުންނަށް ފަރުވާ ދޭ މަރުކަޒުތަކުގައި ޑުރަގު ބޭނުންކުރާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. އަދި ފަރުވާ ހޯދާ މީހުން ތިބޭ ސެންޓަރުތަކަކީ މަސްތުވާތަކެއްޗާއި، އެހެނިހެން މަނާ ތަކެތި ނެތް ރައްކާތެރި ތަންތަންކަން ކަށަވަރުކުރަން އެންޑީއޭއިން އޮޕަރޭޝަންތައް ހިންގާ ކަމަށް އެ އޭޖެންސީން މީގެ ކުރިން ބުނެފައިވެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖޭގައި އެންމެ އާއްމު އެއް މައްސަލައެވެ. ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި ބޮޑު ޑުރަގު އޮޕަރޭޝަނެއް މި މަހުގެ 13 ވަނަ ދުވަހު ވަނީ ހިންގައިފައެވެ. އެ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ