އުރީދޫ 'ފަން ރަން'ގެ ކިޓުތައް ގަންނަން އިތުރު ފުރުސަތެއް
އަންނަ ޑިސެމްބަރު މަހު އުރީދޫން ބާއްވާ ފަން ރަންގެ ކިޓުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް އުރީދޫން ހުޅުވާލައިފިއެވެ. އުރީދޫން މިއަދު ބުނީ، މާދަމާ މެންދުރު 14:00އިން ފެށިގެން ކަސްޓަމަރުންނަށް އޮންލައިންކޮށް ފަން ރަންގެ ކިޓުތައް ގަތުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ބާކީ ހުރީ މަދު ކިޓުތަކެއް ކަމުން، އުރީދޫން ވަނީ ކަސްޓަމަރުން ކުރިޔާލާ ކިޓުތައް ގަތުމަށް އޯޑަރު ދިނުމަށް އިލްތިމާސްކޮށްފައެވެ. ފަން ރަންގައި ދެ ވައްތަރުގެ ކިޓެއް ކަސްޓަމަރުންނަށް ގަނެވޭނެއެވެ. އެއީ: އާދައިގެ ސްޓެންޑާޑް ކިޓް، 110ރ: މި ކިޓުގައި ހިމެނޭނީ ފަން ރަން ޓީޝާޓަކާއި، އަތުގައި އަޅާ ބޭންޑަކާއި، ފޮތި ކޮތަޅަކާއި، އައިނަކާއި، ބަންޑާނާއެއް ފަން ކިޓް، 210ރ: އާދައިގެ ކިޓުގެ އިތުރުން ބޭނުން ގޮތަކަށް ކަސްޓަމައިޒްކުރެވޭ ބިބެއް މި ކިޓުގައި ހިމެނޭ (އެކަމަކު ބިބް ކަސްޓަމައިޒްކުރެވޭނީ މިދިޔަ މަހުގެ ނިޔަލަށް) ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި ސިފަކޮށްފައިވާ، އުރީދޫ ފަން ރަން ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 19ވަނަ ދުވަހެވެ. އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އުރީދޫން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރުގެ ފަން ރަންގައި އެކި އުމުރުފުރައިގެ 6،500 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް، އުރީދޫން ބުންޏެވެ. ހަ އަހަރުން މަތީގެ ކުޑަކުދިންއިން ފެށިގެން ހުރިހާ އުމުރެއްގެ ކުދިންނާއި މީހުންނަށް މި ދުވުމުގައި ބައިވެރިވެވޭނެއެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއްކަން އުރީދޫން ފާހަގަކުރެއެވެ. އުރީދޫން ބުނީ، ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ