ފައްޔާޒު ދެއްކެވީ ރީތި ނަމޫނާއެއް

އޮނަރަބަލް ފައްޔާޒު އިސްމާއީލް އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ދެއްވުމުން ދައްކުވައި ދިނީ ވަރަށް ރީތި ނަމޫނާއެކެވެ. ޑިމޮކްރެޓިކް މުޖުތަމައުތަކުން ފެންނަންޖެހޭ ސާބިތުކަމެކެވެ. ކެރުމާއި ހިއްވަރު ގަދަ ކަމުގެ މިސާލެކެވެ. ފައްޔާޒުގެ އިސްތިއުފާއަކީ ފަހަތަށް އެޅުއްވި ފިޔަވަޅެއް ނޫނެވެ. 
އިސްތިއުފާ ދިނުމަކީ ރާއްޖޭގައި ސިޔާސީ ވެރިންގެ ފަރާތުން މަދުން ނޫނީ ނުފެންނަ ކަމެކެވެ. ގަދަފައި ވިއްދާފައި މަގާމުގައި ދެމިހުންނަށް ނޫޅެނީ ވަރަށް މަދުމީހެކެވެ. ޑިމޮކްރެޓިކް ލީޑަރެއްގެ ގޮތުގައި މަޝްހޫރު ރައީސް ނަޝީދު ވެސް ގިނަ މީހުން ހީކުރި ކަހަލަ ބޭފުޅަކަށް ނުވިއެވެ. ގޮތް ހުސްވެ ވަށައިގެން ބެދެން ދެންވެސް އެމްޑީޕީގެ ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ބަގުޑި ބެއްދެވިއެވެ. އިތުބާރު ގެއްލި އަރާނެ ގެ ހުސްވަންދެން ވެސް މަގާމުން އެއްފަރާތްނުވެ ހުރުމަކީ ގަދަކަމެއް ނޫނެވެ. ހިތްވަރު ގަދަ މީހުންގެ ގޮތަކީ ފަހަތަށްޖެހި ކުރި މަގު ހިފުމެވެ. 
ފައްޔާޒު އިސްމާއީލް އެމްޑީޕީގެ ޗެއަރޕާސަންކަމަށް ނިކުންނެވީ ހިންގާލެއްވުމަށެވެ. ފައްޔާޒު ޗެއަރޕާސަންކަމާއި ހަވާލުވެ ވަޑައިގަތީ އެމްޑިޕީ ވެރިކަމުގައި އޮވެމެ އެމްޑީޕީގެ ލީޑަރޝިޕްގެ ތެރޭގައި ކޯޅުން ބޮޑު ދުވަސްވަރެއްގައެވެ. ވެރިކަން ދިފާއުކުރަމުން ޕާޓީ އެކަތި ގަޑަކަށް ހެދުމުގެ ޒިންމާ ޗެއަރޕާސަނާ މަތިވެފައިވާ ދުވަސް ވަރެއްގައެވެ. 
އެމްޑީޕީގެ ރައީސް މަޖިލީހުގެ ރައީސް ކަމުގައި އިންނަވައިގެން އެމްޑީޕީ ސަރުކާރާ ދެކޮޅަށް ނުކުރައްވާކަމެއް ނުދައްކަވާ ވާހަކައެއް އޭރަކުނެތެވެ. ގައުމުގެ ރައީސަށް ނިސްބަތް ކުރައްވާ ޗޯރަށް ގޮވާލާފައި ނިންމާ ލެއްވީކީ ނޫނެވެ. އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތާއި ބަރަހަނާ ފޮޓޯއާއި ޒިނޭގެ ތުހުމަތުވެސް އެޅުވިއެވެ. އެހުރިހާ ކަމެއްގެ ތެރެއިން ވެރިކަން ދިފާއު ކުރައްވަމުން ޕާޓީ ރޫޅުނަ ނުދެއްވުމަށް ފައްޔާޒު ގިނަ ގުނަ މަސައްކަތް ކުރެއްވިއެވެ. 
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖީލީހުގެ އިންތިހާބުގައި އެމްޑީޕީ ފެއިލްވިޔަ ނުދިނުމަށްޓަކައި އެމްޑީޕީ ދޫކޮށްދިޔަ މެންބަރުންނަށް ޒައިތޫނި ފަތްކޯޅި ދިއްކުރައްވާ ސުލްހައިގެ މަގަށް އާދެވޭތޯ ފައްޔާޒު ސީރިޔަސް މަސައްކަތްތަކެއް ކުރެއްވިއެވެ. އެހެންނަމަވެސް އެ މީހުން، ބޯހަރުކަމާއެކު އެމްޑީޕީނޫން ގޮތެއް ހިޔާރުކޮށް ޕީއެންސީ ވެރިކަމަށް ގެނަސް މަޖިލީހުގެ ފުޅާ މެޖޯރިޓީ ޕީއެންސީއަށް ހޯދާ ދިނުމަށް ވާގިވެރިވީއެވެ. 
ޕީއެންސީގެ ވެރިކަމުގައި ފެށުނީއްސުރެ ކަންކަން ގޯހުން ގޯހަށް ދާދިޔުން ހުއްޓުވުމަށް ވަރުގަދަ އޮޕަޒިޝަނެއްގެ ގޮތުގައި އެމްޑީޕީ އޮތުމަށްޓަކާ އެމްޑީޕީން ވަކިވެގެން ދިޔަ މީހުން އަނބުރާ އެމްޑީޕީއަށް ގެނައުމުގައި ހުއްޓުމެއް ނެތި ފައްޔާޒު މިންނަތް މަސައްކަތް ކުރެއްވިއެވެ. އެގޮތުން ރައީސް ނަޝިދާއި އެމަނިކުފާނުގެ ވަފާތެރިންގެ އެތައް ބަޔަކު އަނބުރާ އެމްޑީޕީއަށް ގެނައުމުގެ ކާމިޔަބު މަސައްކަތް ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ޓީމުން އެމްޑީޕީގައި ލެއްވި ފާރުގަނޑުގެ ދިލަ އެމްޑީޕީއަކުން މަޑެއް ނުވިއެވެ. 
ނަތީޖާއައަކަށްވީ އަލުން އެމްޑީޕީ ރުކުރުވާލަން ފައްޔާޒު ކުރެއްވި މަސައްކަތުން ޕާޓީ އެއްގަލަކަށް ނޭރުވުމެވެ. އަނެއްކޮޅުން ރިޔާސީ ރޭހުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިގެން ހުންނެވުމުން އެތެރޭން އެކިވަރުގެ ރާޅުތައް އަރާފައިބަމުން ދިއުމަކީ ޕާޓީ އެއްގައުކުރަން ފައްޔާޒަށް ފަސޭހަފުޅު ކަމަކަށް ނުވިއެވެ. ބޭނުންފުޅުވެ ވަޑައިގެން ނަތީޖާ ލިބި ވަޑައި ނުގަތުމުން ޗެއަޕާސަންގެ މަގާމުގައި ބަގުޑި ބެއްދެވުމުގެ ވިސްނުންފުޅު ނެތި އިސްތިއުފާ ދެއްވުމަކީ ފައްޔާޒު ދެއްކެވި ޑިމޮކްރެޓިކް ރިވެތި ނަމޫނާއެކެވެ. ކުރިއަށް އެޅުއްވި ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ