މުސާރައިގެ އާ އޮނިގަނޑާމެދު ހިތްހަމަ ނުޖެހިގެން ޖުޑިޝަރީގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅައިފި މުސާރައިގެ އާ އޮނިގަނޑާމެދު ހިތްހަމަ ނުޖެހިގެން ޖުޑިޝަރީގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅައިފި

ޝަރުއީ ދާއިރާގެ މުސާރައިގެ އާ އޮނިގަނޑާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް އެ ދާއިރާގެ މުވައްޒަފުން، ރައީސް އޮފީހަށާއި، ރައްޔިތުންގެ މަޖިލީސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަނަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މި ޕެޓިޝަންގައި ސޮއިކުރި ބައެއް މުވައްޒަފުން ބުނީ 600 އަށް ވުރެ ގިނަ މުވައްޒަފުން ޕެޓިޝަންގައި ސޮއިކުރި ކަމަށެވެ.
"ސޮއި ނުކުރެވުނަސް، މި ޕެޓިޝަނަކީ މުޅި ދާއިރާގެ ކަންބޮޑުވުން،" މާލޭގެ ކޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު ބުންޏެވެ.
މި ޕެޓިޝަންގައި، މުސާރައިގެ އާ އޮނިގަނޑުގެ ސަބަބުން މުވައްޒަފުންނަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާއި، އަދި އެ އޮނިގަނޑުގައި ހިމެނޭ ތަފާތު ކުރުންތަކަށް ފާހަގަކޮށްފައިވެ އެެވެ. ކަންބޮޑުވުންތަކުގެ ތެރޭގައި ހިދުމަތުގެ ދިގު މުއްދަތު ފާހަގަ ނުކުރެވުމާއި، ސަލާމާއި ޗުއްޓީ ނެގުމުން މުސާރަ ކުޑަވުން ހިމެނެ އެވެ.
އެހެންވެ، މުވައްޒަފުން އެދިފައި ވަނީ މުސާރައިގެ އާ އޮނިގަނޑު މުރާޖައާކޮށް، މުވައްޒަފުންގެ ހިދުމަތާއި ޒިންމާތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތްކޮށް ބަދަލުތައް ގެނެސްދިނުމަށެވެ.
ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ހަމަހަމަ އުޞޫލަކުން މުސާރަ ދިނުމެވެ. ނަމަވެސް ކޯޓުތަކުގެ މުވައްޒަފުންގެ ހާޒިރީ އެލަވަންސްގެ ބޮޑު ތަފާތުކަމެއް އެކި ކޯޓުތަކުގަ އާއި އެކި މަގާމުތަކުގައި އެބަ ހުއްޓެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތް ކުރާ ބައެއް އައިޓީ ޓެކްނީޝަނުންނަކީ ދެ އަތޮޅުގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކާ ހަވާލުވެގެން ތިބޭ މުވައްޒަފުންނަށް ވާއިރު އެފަދަ މުވައްޒަފުންނަށް ހާއްސަ އެލަވެންސެއް ނެތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް ފާހަގަ ކުރެ އެވެ.
"މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތް ކުރާ ބައެއް އައިޓީ ޓެކްނީޝަނުންނަކީ ދެ އަތޮޅުގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކާ ޙަވާލުވެގެން ތިބޭ މުވައްޒަފުންނަށް ވާއިރު އެފަދަ މުވައްޒަފުންނަށް ޚާއްޞަ އެލަވެންސެއް ނެތުން،" ޕެޓިޝަންގައި ބަޔާންކޮށްފައިވެ އެވެ،
ލީގަލް އޮފިސަރުންނާ ގުޅޭ ގޮތުން ވެސް ގިނަ ކަންބޮޑުވުންތަކެއް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ. ކުރިން ލީގަލް އޮފިސަރުންގެ އޮނިގަނޑު އޮތީ އިދާރީ އިސްވެރިންނަށްވުރެ ވެސް ރަނގަޅު މުސާރައެއް ލިބޭފަދަ ގޮތަކަށެވެ. އެމީހުންނަކީ ޖުޑީޝަލް ސާވިސް ގްރޭޑް 12 ގެ މުވައްޒިފުންނެވެ. އެއީ އެސިސްޓެންޓް ޑިރެކްޓަރު ލެވެލްގެ މަގާމެކެވެ. ނަމަވެސް އާ އޮނިގަނޑުގައި، ލީގަލް އޮފިސަރުންގެ ރޭންކް ޕަބްލިކް ސާވިސް ރޭންކް 8 އަށް ލުމުގެ ބަދަލުގައި ރޭންކް 7 އަށް ލުމަކީ، އިންސާފުވެރި ބަދަލެއް ނޫން ކަމަށް ފާހަގަކުރެ އެވެ.
"ލީގަލް އޮފިސަރުންގެ ކުރީގެ ހުރި ލެވަލުން ދަށް ލެވަލަކަށް ލައި ޑީމޯޝަންއެއް ލިބިފައިވާފަދަ މޭރުމަކުން އަމަލުކޮށްފައިވާތީ ޖުޑިޝަރީގެ ލީގަލް އޮފިސަރުންގެ މުސާރައިގެ އޮނިގަނޑު ނުވަތަ ޖޮބް މެޓްރިކްސް އަލުން މުރާޖަޢާކޮށް މިހާރު ލިބޭ ޕޭއަށްވުރެ ރަނގަޅު ޕޭއެއް ލިބޭފަދަ ގޮތަކަށް ކަނޑައެޅުން ވަރަށް މުހިންމުކަމުގައި ދެކެން،" ޕެޓިޝަންގައިވެ އެވެ.
އާ ޕޭ ފްރޭމްވޯކަށް ހިޖުރަކުރިއިރު، ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންނަށް ކުރިން ލިބެމުން އައި ސްޓެޕް އެލަވަންސް މުސާރައިގެ ތެރޭގައި ހިމެނި، އެ މުވައްޒަފުންގެ ފެންވަރަށް ދެމުން އައި އިނާޔަތް ލިބިނުދެވޭ ގޮތަށް ކަނޑައެޅިފައި ވުމެވެ. ނަތީޖާއެއްގެ ގޮތުން، އަލަށް ވަންނަ މުވައްޒަފުންނާއި ދިގު މުއްދަތަށް ހިދުމަތްކުރި މުވައްޒަފުންނަކީ އެއްހަމަ ބައެއްގެ ގޮތުގައި މުސާރަ ކަނޑައެޅިގެން ދިއުމަކީ ދިގު މުއްދަތަށް ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.
ސަލާމާއި އެހެނިހެން ޗުއްޓީ ނެގުމުން، ހާޒިރީ އެލަވަންސް ދިނުމަށް އާ ޕޭ ފްރޭމްވޯކްގައި ކަނޑައަޅާފައިވާ ގޮތުން، ޒަރޫރީ ހާލަތެއް މެދުވެރިވެގެން ޗުއްޓީ ނަގައިފިނަމަ މުސާރަ ކުޑަވާކަމަށް ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.
"ކުރިއެރުމަކަށް ވާނީ ހުރިހާ ގޮތަކުންވެސް ކުރިން ލިބުނު މިންވަރަށްވުރެ ރަނގަޅު އެއްޗެއް ގެއަށް، ގެންދަން ލިބޭނަމައެވެ. އަދި ޗުއްޓީ ނަގައިފިނަމަ ނުވަތަ ހާޒިރުނުވާނަމަ، މިހާރު ލިބޭނެ، މިންވަރު ކުރިން ލިބުނު މިންވަރަށްވުރެ ދަށްވާކަން އެނގެން، އޮތުމުން،، މިއީ ޕޭ ހާމަނައިޒޭޝްންގެ އުސޫލުތަކާއި ތަޢާރަޒުވާކަމެއްކަން،" ޕެޓިޝަންގައި ބަޔާންކޮށްފައިވެ އެވެ
މުވައްޒަފުން ހާސިލުކޮށްފައިވާ ސެޓްފިކެޓަށް ރިއާޔަތްކޮށް ބައެއް އިދާރާތަކުން މަތީ ރޭންކަކަށް މުވައްޒަފުން ހިޖުރަކޮށްދީފައި ވާއިރު، ޖުޑިޝަރީގައި މިފަދަ ފުރުސަތެއް ފަހިވެފައި ނެތުމާއި، މަގާމުގެ އަސާސީ ޝަރުތަކީ ސެޓްފިކެޓް ލެވެލް 4 ކަމަށް ކަނޑައަޅާފައިވާ މަގާމުތަކުގައި މި ވަގުތު މަސައްކަތް ކުރަމުންދާ ޝަރުތު ހަމަނުވާ މުވައްޒަފުންނަށް އެ މަގާމުގެ ޝަރުތު ހަމަކުރުމަށް ގްރޭސް ޕީރިއަޑެއް ދީފައިނެތުމަކީ މުވައްޒަފުންގެ ކަންބޮޑުވުމެކެވެ.
ސެކިއުރިޓީ ސްޓާފުންގެ މަސައްކަތަށް ބަލާއިރު، ހޮނިހިރު ދުވަހު ކުރާ ޑިޔުޓީއަށް ކުރިން ލިބެމުން އައި ބަންދު ދުވަހުގެ އެލަވަންސް އާއި އިތުރު ގަޑި އުނިކޮށްފައިވުމުގެ ސަބަބުން، އެ ފަރާތްތަކުން އެހެން މުވައްޒަފުންނާއި ހިލާފަށް ރަސްމީ ހަ ދުވަހު މަސައްކަތް ކުރަންޖެހޭއިރު، އިތުރަށް މަސައްކަތްކުރާ ދުވަހަށް އެއްވެސް އިނާޔަތެއް ނުލިބޭ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ކޯޓު މާސްޓަރުން ޕްރޮފެޝަނަލް މަގާމެއްގެ ގޮތުގައި ބަލަމުން އައި ނަމަވެސް އައު އޮނިގަނޑުގައި މަގާމުގެ ޕްރޮފެޝަން ބަދަލުކޮށް މުސާރަ ކުޑަވާ ގޮތަށް އެސިސްޓެންޓް ކޯޓް ސެކިއުރިޓީއަށް ބަދަލުކޮށްފައިވުމަކީ ވެސް އެ މުވައްޒަފުންގެ ކަންބޮޑުވުމެއް ކަމަށް ޕެޓިޝަންގައިވެ އެވެ. އަދި އެފަރާތްތަކަށް ކުރިން ލިބެމުން އައި ރިސްކު އެލަވެންސް، ފޯން އެލަވެންސް، ހައުސިން އެލަވެންސް އަދި ބަސް އެލަވެންސް ވެސް ކަނޑާލާފައިވާކަން ފާހަގަކުރެއެވެ.
ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ރަސްމީ ގަޑީގައި އެހެން މަސައްކަތް ކުރުން މަނާ އަދި ނުރަސްމީ ގަޑީގައިވެސް މަސައްކަތުގެ ދާއިރާއާ ގުޅުންހުރި މަސައްކަތް ކުރުން މަނާ ކޮށްފައިވާ ބަޔަކަށް ވާހިނދު، އާ އޮނިގަނޑުގައި އެކަމަށް ރިޢާޔަތް ކޮށްފައި ނެތްކަމާއި ބައެއް މުވައްޒަފުންނަކީ، ހަވާލުކޮށްފައިވާ މަގާމުގެ މަސްއޫލިއްޔަތުގެ އިތުރުން، އެހެނިހެންވެސް، ޒިންމާތައް ހަވާލުކުރާ ބަޔަކަށް ވާއިރު، މުސާރައިގެ އާ އޮނިގަނޑުގައި، އެކަމަށް، ރިއާޔަތް ކޮށްފައިނުވުމަކީ ވެސް ބޮޑު ކަންބޮޑުވުމެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ