އައްޑޫގައި ކުއްލި ސިޒޭރިއަނެއް ހެދި މީހަކު މަރުވެއްޖެ؛ މައްސަަލަ ބަލަނީ

އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)އަށް ވިހަން ގޮސް ހުއްޓައި ކުއްލިއަކަށް ހާލު ދެރަވެ، ކުއްލި ސިޒޭރިއަނަކަށް ދިޔަ މާބަނޑު މީހަކު މަރުވި މައްސަލައެއް ބަލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ހާދިސާގައި މިއަދު މަރުވެފައިވަނީ އާއިޝަތު ނަޒާހަތު އަހުމަދު ދީދީ، 28، ތަމަންނާގެ/ސ. ހިތަދޫ އެވެ. އޭނާ މަރުވީ ވިހަން ދީފައިވާ ތާރީހު ހަަމަވުމުން އެ ސެންޓަރަށް ގޮސް އެޑްމިޓުވެގެން އޮއްވާ، ކުއްލިއަކަށް ހާލު ދެރެވެގެންނެވެ.
ބުނީ ކީކޭ؟ - މި ހާދިސާއާ ގުޅިގެން އައިއެމްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، އޭނާ މަރުވީ އެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. 
އެ ތަނުން ބުނީ:
މި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިޔަ އެ މާބަނޑު މީހާ ވިހަން ޝެޑިއުލްކޮށްފައިވަނީ މިއަދު ހެނދުނު
އެޑްމިޓުކޮށްގެން ފަރުވާދެމުންދިޔަ މާބަނޑު މީހާ މި ހާދިސާ ހިނގުމާ ހަމައަށް ހުރީ ރަނގަޅު ސިއްހަތެއްގައި
ފަރުވާދެމުންދިޔަ ޑޮކްޓަރުގެ ފަރުވާއާ މެދު ވެސް ހިތްހަމަޖެހި މެޑިކަލް ޓީމާ އެކު މާބަނޑު މީހާ ދިޔައީ ކަންތައްތައް ހިއްސާކޮށް ވާހަކަ ދައްކަމުން
މާބަނޑު މީހާގެ ސިއްހީ ހާލަތު ބަދަލުވެގެންދިޔައީ ހަމަ ކުއްލިއަކަށް މިއަދުގެ ފަތިހު 4:39 ހާއިރު؛ އެއީ މީގެ ކުރިން ބަލިމީހާގެ ފުށުން ފެނިފައި ނެތް ހާލަތެއް ކަމުން ވަގުތުން އެމަޖެންސީގައި ފަރުވާދޭން ފެށި
އެ ވަގުތުން ފެށިގެން އެމަޖެންސީގައި ފަރުވާދޭން ފަށައި އޮޕަރޭޝަން ތިއޭޓަރު ޓީމުގެ ފުރިހަމަ އެހީތެރިކަމާ އެކު ކުއްލި އޮޕަރޭޝަނެއް ވަގުތުން ފެށި
ކުޑަ ދަރިފުޅު ރައްކާތެރިކަމާ އެކު ދުނިޔެއަށް ގެނެވުނަސް، ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ވަރުބަލިކަމެއް ނެތި ކުރި މަސައްކަތުން ވެސް ކުއްލި ސިއްހީ ހާލަތާ ގުޅިގެން މައިމީހާގެ ފުރާނަ ސަލާމަތްކުރެވިފައިނުވާތީ ހިތާމަކުރަން
މި ކުއްލި ހާލަތުގައި ވެސް ސްޕެޝަލިސްޓް ޓީމުން ވާނީ އެންމެ މަތީ ފެންވަރުގެ އަވަސް ފަރުވާ މާބަނޑު މީހާއަށް ދިނުމަށް މަސައްކަތްކޮށްފައި
މިއީ 2011 ވަަނަ އަހަރު އައިއެމްޑީސީގެ އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލަޖީގެ ހިދުމަތް ތައާރަފުކުރި ފަހުން މިފަދަ ހާދިސާއެއް ދިމާވި ފުރަތަމަ ފަހަރު
މުޖުތަމައުއަށް ރައްކާތެރި އަދި ފެންވަރު ރަނގަޅު ހިދުމަތް ދިނުމަށް އަބަދުވެސް އައިއެމްޑީސީން މަސައްކަތްކުރަން؛ ކުރިއަށް އޮތް ތަނުގައި ވެސް އެ ގޮތަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެން
"މި ހިތާމަވެރި ހާދިސާއާ ގުޅިގެން އެ އާއިލާއަށް ދިމާވެފައިވާ ފުން ހިތާމައިގައި އަޅުގަނޑުމެން ބައިވެރިވަމެވެ. އަދި ނިޔާވި އަންހެން މީހާގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާކުރަމެވެ. ހަމަ އެހެންމެ އެ އާއިލާއަށް ލިިބުނު ފުން ހިތާމައަށްޓަކައި ނިހާޔަތަށް ހިތާމަކުރަމެވެ،" އައިއެމްޑީސީގެ ބަޔާނުގައިވެ އެވެ.
މި މައްސަލަ ހެލްތު މިނިސްޓްރީ އާއި ގުޅުންހުރި އެހެނިހެން އިދާރާތަކުން ބަލަައި ދިރާސާކުރަމުންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށާއި މި ހާދިސާގައި މަރުވި މީހާގެ އާއިލާއަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އައިއެމްޑީސީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ