ލޭގެ ޕްރެޝަރު ދަށް ކުރާ ބޭހެއްގެ ގޮތުގައި ހައިޑްރަލަޒީން، ދުނިޔެއަށް ތައާރަފްވިތާ މިހާރު 70 އަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ. އެހެން ނަމަވެސް، އެ ބޭސް އިންސާނާގެ ހަށިގަނޑުގެ ތެރޭގައި މަސައްކަތް ކުރާ ގޮތުގެ ފުރިހަމަ މައުލޫމާތު މިހާތަނަށް ވެސް ސައެންސްވެރިންނަކަށް ނޭނގެއެވެ. ނުވަތަ އެ ބޭސް ހަށިގަނޑުގައި މަސައްކަތް ކުރާ ގޮތެއް ނޭނގެއެވެ.
ކަމުގެ ބާވަތަށް ބަލާއިރު މިއީ އައު ކަމެއް ނޫނެވެ. އެހެނީ، މިހާތަނަށް އެކި ކަންކަމަށް އުފައްދައި ބޭނުން ކުރަމުން އަންނަ ބޭސްތަކުގެ ދިހަ އިންސައްތަ އާއި ވިހި އިންސައްތައާ ދެމެދުގެ ނިސްބަތަކީ، އެ ބޭސްތައް އަމާޒު ކުރި މަސައްކަތްތައް ނޫން އެހެން އެތައް މަސައްކަތެއް ކުރާ ބޭސްތަކެއް ކަން ފާހަގަކުރެވިފައިވާތީއެވެ. ލޭގެ ޕްރެޝަރު ދަށް ކުރުމަށް އުފެއްދި ހައިޑްރަލަޒީން އަކީ ވެސް އެ ގިންތީގައި މިހާރު ގުނަންޖެހިފައިވާ ބޭހެކެވެ.
ދާދި ފަހުން ސައެންސްވެރިން ކުރި ދިރާސާއެއްގައި – ސައެންސަސް އެޑްވާންސް ކިޔާ ޖާނަލްގައި ޝާއިއުކޮށްފައި – ބުނެފައިވާ ގޮތުން އިންސާނުންގެ ހަށިގަނޑުގައި މޮލިކިއުލް ފަންތީގައި ހައިޑްރަލަޒީން މަސައްކަތް ކުރާ ގޮތް ސައެންސްވެރިން މިހާރު ވަނީ ދެނެގަނެފައެވެ. މިއީ އާންމުކޮށް މެދުވެރިވާ ލޭގެ ޕްރެޝަރު މައްޗަށް ދިޔުމުގެ މައްސަލަ (ހައިޕާޓެންޝަން) އާއި ބަލިވެއިނުމުން ކުރިމަތިވާ ލޭގެ ޕްރެޝަރު މައްޗަށް ދިޔުމުގެ މައްސަލަ (ޕްރިއަކްލަމްޕްސިއާ) ހައްލުކުރުމަށް ވެސް އާންމުކޮށް ބޭނުންކުރާ ބޭހެކެވެ.
ސައެންސްވެރިން ބުނާ ގޮތުގައި އިންސާނުންގެ ހަށިގަނޑުގައި މޮލިކިއުލްގެ ފަންތީގައި ހައިޑްރަލަޒީން މަސައްކަތް ކުރާ ގޮތަށް ބަލާއިރު، މިއީ ސިކުނޑީގެ ކެންސަރުގެ ބާވަތެއް ކަމަށްވާ ގްލައިއޮބްލަސްޓޯމާ ޓިއުމަރު ހެދިބޮޑުވުން ހުއްޓުވުމުގެ ކުޅަދާނަކަން ލިބިގެންވާ ބޭހެކެވެ. ގްލައިއޮބްލަސްޓޯމާ އަކީ ނާރު ސެލްތަކަށް އެހީވެދޭ އެސްޓްރޯސައިޓްސް ކިޔާ ސެލްތަކުގައި އުފެދޭ ކެންސަރެކެވެ.
އެހެންކަމުން މި ދިރާސާއިން އެނގުނީ، ސައެންސްވެރިން ބުނާ ގޮތުގައި، ހައިޑްރަލަޒީން މަސައްކަތް ކުރާ ގޮތް އެކަންޏެއް ނޫނެވެ. އޭގެ އިތުރުން މި ދިރާސާގެ ހޯދުންތަކަކީ، ހައިޕާޓެންޝަން އާއި ޕްރިއަކްލަމްޕްސިއާގެ މައްސަލަތަކަށް އިތުރު ފަރުވާތައް ހޯދުމަށް ހުޅުވުނު ވަރަށް ތަނަވަސް ދޮރެކެވެ.
ހައިޑްރަލަޒީންއަކީ ލޭގެ ޕްރެޝަރު މަތީ މީހުންގެ ޕްރެޝަރު ދަށް ކުރުމަށް އީޖާދުކުރި ބޭހެކެވެ. މި ބޭސް ބޭނުންކުރުމުން، ލޭނާރުތައް ފުޅާވެ، ލޭހޮޅިތަކާއި ލޭ ނާރުތަކުގައި ލޭ ދައުރުކުރުން ފަސޭހަވެއެވެ. އެހެންކަމުން، މިއީ އާންމުކޮށް ކުރިމަތިވާ ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލައަށް ބޭނުންކުރާ ބޭހަކަށް ވިޔަސް، މާބަނޑުވުމުން ކުރިމަތިވާ، ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލަ (ޕްރިއަކްލަމްޕްސިއާގެ) އަށް ވެސް މި ބޭސް ބޭނުންކުރެ އެވެ.
ޕްރިއަކްލަމްޕްސިއާގެ މައްސަލައަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުކުރެވިއްޖެ ނަމަ، މައިމީހާ އާއި ބަނޑުގައި އޮންނަ ދަރިފުޅުގެ ބައެއް ގުނަވަންތައް ހަލާކުވެ ދެމައިންގެ ފުރާނައަށް ވެސް ނުރައްކާވެދާނެއެވެ. މި ބޭސް ބޭނުން ކުރަމުން އަންނަތާ 70 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވިޔަސް، މި ބޭހުގެ ސަބަބުން ސިއްހީ އެހެން ފައިދާތަކެއް ހަށިގަނޑަށް ކުރާކަން ދެނެގަތުމަށް މީގެ ކުރިން ދިރާސާއެއް ހަދައިފައެއް ނެތެވެ.
ހަށިގަނޑުގެ ތެރޭގައި ހައިޑްރަލަޒީން މަސައްކަތް ކުރާ ގޮތް ދެނެގަނެވުމަކީ، މި ބޭސް ބޭނުންކުރާ ބައެއް މީހުންނަށް ނުސީދާ ގެއްލުންތަކެއް (ސައިޑް އިފެކްޓް) ކުރިމަތިވާ ސަބަބު ދެނެގަތުން ފަސޭހަވާނެ ކަމެކެވެ. ހަމައެފަދައިން، މި ބޭހުން އެންމެ ރަނގަޅު ނަތީޖާއެއް ފެންނާނީ ސިއްހީ ހާލަތު ކޮން ގޮތަކަށް ތިބޭ މީހުންނަށް ކަން ވެސް ދެނެގަނެވޭނެއެވެ.
ޕްރެޝަރު ބޭހުން ސިކުނޑީގެ ކެންސަރު މައިތިރި ކުރެވިދާނެ ޕްރެޝަރު ބޭހުން ސިކުނޑީގެ ކެންސަރު މައިތިރި ކުރެވިދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ