ހަރުދަނާ ޑިމޮކްރަސީއަކަށް މުހިއްމީ ހަމައެކަނި އިންތިޚާބުތައް
ނޫންކަމަށާއި، ހަރުދަނާ މުއައްސަސާތަކެއްވެސް ބޭނުންވާކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް
ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ރިސަރޗްގެ މަޖިލިސް މޮނީޓަރިން
އިނީޝިއޭޓިވް ތަޢާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ
ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ ޑިމޮކްރަސީއެއްގައި
މުހިއްމުވާ މުއައްސަސާތަކުގެ ތެރެއިން ޤާނޫނު ހަދާ މަޖިލީހަކީ ވަކިން ޚާއްސަ ތަނެއްކަމަށެވެ.
އެގޮތުން ޤާނޫނު ހަދާ މަޖިލީހަކީ ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ގުޅުން ހުރި ކަންކަމާއި
މަޝްވަރާކޮށް، ގޮތް ނިންމައި، އެކަން ތަންފީޒުކުރާނެ ގޮތް ކަނޑައަޅާތަންކަމަށް ޝާހިދު
ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށް، ހަމަޖެހުން ޤާއިމްކުރުމަށް،
ހުޅުވާލެވިފައިވާ ދެފުށްފެންނަ ރައްޔިތުންގެ މަޖިލީހެއްގެ މުހިއްމުކަން އެމަނިކުފާނުގެ
ޤާނޫނު ހަދާ މަޖިލީހުގެ 5 ދައުރުގެ ތަޖުރިބާއިން ފެނިވަޑައިގެންނެކަމަށް ޝާހިދު ވިދާޅުވިއެވެ.
ދެފުށް ފެންނަ، ހަރުދަނާ އަދި ހުޅުވާލެވިފައިވާ ޤާނޫނު
ހަދާ މަޖިލީހެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ބޭއްވުމަށް ރޭ ފެށި ފަދަ މަސައްކަތްތަކަކީ
މުހިއްމު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި، އެމަސައްކަތްކުރައްވާ ޒުވާނުންނަށް
ޝާހިދު ހިތްވަރު ދެއްވިއެވެ. އަދި މިއީ އިންތިޚާބުވެފައި ތިބި މަންދޫބުންނާއި އެމަންދޫބުން
ތަމްސީލްކުރައްވާ ރައްޔިތުންނާ ދެމެދު އެޅިގެންދާ ފާލަމެއްގެ ގޮތުގައިވެސް ޝާހިދު އެމަސައްކަތް
ސިފަކުރެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގައި
އެމަނިކުފާނު ކުރެއްވި ބައެއް ތަޖުރިބާތައްވެސް ހިއްސާކުރައްވާފައެވެ. އަދި ވަކިން
ޚާއްސަކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ރަސްމިއްޔާތުތަކެއް ބާއްވާ ތަނެއްގެ
ބަދަލުގައި، ޕާލަމެންޓްރީ މަސައްކަތް ކުރާ، މެމްބަރުންނަށް ފަހި ތަނަކަށް ހެއްދެވުމަށް
މަޖިލީހުގެ އިދާރާއަށާއި މުވައްޒަފުންގެ ކުރިއެރުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް
ޝާހިދު އަލިއަޅުއްވާލެއްވިއެވެ.
ހަރުދަނާ ޑިމޮކްރަސީއަކަށް މުހިއްމީ އިންތިޚާބު އެކަންޏެއް ނޫން: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ