އިންޑިއާގެ ލެޖެންޑަރީ އެކްޓަރު ދަރުމެންދުރަ މަރުވެއްޖެ
ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އިންޑިއާގެ ލެޖެންޑްރީ އެކްޓަރު ދަރުމެންދްރަ މިއަދުގެ ވަގުތެއްގައި މަރުވެއްޖެއެވެ. އުމުރުން 89 އަހަރުގައި ދަރޭ މަރުވީ އުމުރުން ދުވަސްވުމުގެ ސަބަބުން ސިއްހީ ހާލަތު މާ ބޮޑަށް ގޯސްވެ, އެކި ފަހަރުމަތިން ހޮސްޕިޓަލުގައި އެޑުމިޓްކޮށް ފަރުވާދެމުން އަންނަނިކޮށެވެ. ދަރޭ މަރުވިކަން އިންޑިއާގެ ވަރަށް ގިނަ ނޫސްތަކުން ކަށަވަރުކޮށްދީފައިވާއިރު ދަރޭގެ މަރާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވެސް އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރު، އާމިރު ޚާން އަދި އަނިލް ޝަރުމާ ހިމެނޭއިރު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ދަނީ ދަރުމެންދްރާ ދިރިއުޅޭ ގެއަށް ވެސް ޒިޔާރަތް ކުރަމުންނެވެ. ދަރޭގެ ހާލަތު ގޯސްވެ, އެކިފަހަރު މަތިން ހޮސްޕިޓަލުގައި އެޑުމިޓްކޮށް ފަރުވާދިންއިރު މި މަހުގެ ކުރީކޮޅު ވެސް ދަރޭއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން އޭރު ދަރޭއަށް ފަރުވާދީފައިވަނީ ވެންޓިލޭޓަރުގައެވެ. ނަވާރަސަތޭކަ ފަސްދޮޅަސްވަނަ އަހަރުން ފިލްމީ ކެރިއަރު ފެށި ދަރުމެންދްރާއަކީ އިންޑިއާގެ ހިންދީ ސިނަމާގެ އެންމެ ވިދުން ގަދަ އެއް ތަރިއެވެ. "ހީ-މޭން"ގެ ނަމުން ހިންދީ ސިނަމާގައި މަޝްހޫރުކަން ހޯދި ދަރޭއަކީ ލިބިފައިވާ ރީތި ސިފައިގެ ގޮތުން ވެސް ގިނަ އަންހެން ކުދިންގެ މެދުގައި އޭރު އެންމެ މަގުބޫލު އެއް އެކްޓަރެވެ. ތިން ސަތޭކައަށް ވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރުގެ ކެރިއަރުގެ މަގުބޫލު ފިލްމުތަކުގެ ތެރޭ "އާއީ މިލަން ކީ ބޭލާ"، "ޕޫލް އޯރު ޕައްތަރު" އަދި "އާއޭ ދިން ބަހާރު ކޭ" ހިމެނެއެވެ. ދަރޭ ދެ އަނބިން ކަމަށްވާ ހެމާ އާއި ޕްރަކާޝްއާ އެކު--ފޮޓޯ/އިންސްޓަގްރާމް ނެޝަނަލް އެވޯޑު ވެސް ލިބިފައިވާ ދަރޭއަކީ އިންޑިއާގެ ސަރުކާރުން ތިންވަނައަށް ދޭ އެންމެ މަތީ ޝަރަފު ޕަދުމާ ބޫޝަންގެ ޝަރަފު އަރުވާފައިވާ އެކްޓަރެކެވެ. ފިލްމީ ދާއިރާއިގައި މަސައްކަތް ކުރަމުން ދަރޭ ވަނީ ފަހުން ސިޔާސީ މައިދާނުގައި ވެސް ހަރަކާތްތެރިވެފައެވެ. އިންޑިއާގެ ލޯކް ސަބާ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ޕާލަމަންޓް ޖަލްސާތަކަށް ހާޒިރުނުވާތީ ދަރޭއަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އޭރު ރައްދުވިއެވެ. ދަރޭ ވަނީ އުމުރުން 19 އަހަރުގައި ޕްރަކާޝް ކޯރު ނަމަކަށް ކިޔާ މީހަކާ ކައިވެނިކޮށްފައެވެ. ޕްރަކާޝްއާ ކައިވެނިކުރިއިރު ދަރޭ ފިލްމު އިންޑަސްޓްރީއާ ވެސް ނުގުޅެއެވެ. އެ ކައިވެންޏަށް ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން ލިބިފައިވެއެވެ. އެއީ، މިހާރު ފިލްމީ ދާއިރާގައި އެންމެ ބޮޑު ޑިމާންޑު އޮންނަ އެކްޓަރުންގެ ތެރޭ ހިމެނޭ ސަނީ ޑިއޯލްއާއި ބޮބީ ޑިއޯލްއެވެ. ޕްރަކާޝްއާ ކައިވެނިކޮށްގެން ހުރެ ދަރޭ ވަނީ ފަހުން ފިލްމީތަރި ހެމާ މާލިނީއާ ކައިވެނިކޮށްފައެވެ. ހެމާއަށް ކައިވެނިކުރުމަށް ދަރޭއާއި ހެމާ އިސްލާމްދީން ގަބޫލުކުރި ކަމަށް ވެސް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ. ދަރޭއާއި ހެމާގެ ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައިވާއިރު އޭގެ ތެރެއިން އީޝާ ޑިއޯލް ވަނީ ފިލްމު އިންޑަސްޓްރީއަށް ތައާރަފުވެފައެވެ. ދަރޭ މި ފަހުން ކުޅުނު ފިލްމުތަކުގެ ތެރޭ "ތޭރީ ބާތޯ މެ އޭސަ އުލްޖާ ޖިޔާ"، "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަދި އަންނަ މަހު ރިލީޒްކުރާ ފިލްމު "އިއްކިސް" ހިމެނެއެވެ. ފިލްމު "އިއްކިސް"އަކީ ދަރޭއާ އެކު ވަރަށް ގިނަ ފިލްމުތައް ކުޅެފައިވާ އިންޑިއާގެ ލެޖެންޑް އެކްޓަރު އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔަ ނަންދާގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމެކެވެ. ބޮލީވޫޑް ރިޕޯޓުތައް ބުނާގޮތުން ދަރޭ މަރުވުމާ ގުޅިގެން މި ފިލްމު ރިލީޒްކުރުން ފަސްކުރުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ