އެސްއެމްއީ ޑިޖިޓަލްއިން ވިޔަފާރިތަކަށް ހަރުމުދާ ހޯދަން ލޯނު ދެނީ

އެސްއެމްއީ ޑިޖިޓަލްއިން ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ހޯދަން ޚާއްސަ އައު ފައިނޭންސިން ޕްރޮޑަކްޓެއް ތައާރަފުކޮށް، އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ. ކުރީގައި އެސްޑީއެފްސީގެ ގޮތުގައި އޮތް އެސްއެމްއީ ޑިޖިޓަލްއިން ބުނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ހޯދަން ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި އެ ކުންފުނިން މި ޕްރޮޑަކްޓު ތައާރަފުކުރި ކަމަށެވެ. މި ފައިނޭންސިންގެ ދަށުން، ހުރިހާ ދާއިރާއެއް ހިމެނޭހެން މިހާރު ވެސް ހިނގަމުންދާ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެޝިނަރީ، އިކުއިޕްމަންޓް، ވިޔަފާރިއަށް ބޭނުންވާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގައި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް ފަސޭހަކަމާ އެކު ފައިނޭންސް ލިބޭނެ ކަަމަށް އެ ކުންފުނިން ބުންޏެވެ. އެސްއެމްއީ ޑިޖިޓަލްއިން ބުނީ މި ފައިނޭންސިން ބޭނުންކޮށްގެން ޝަރީޢާ އުސޫލުތަކުގެ ތެރެއިން 100،000 ރުފިޔާއިން ފެށިގެން ފަސް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދެވޭނެ ކަމަށެވެ. އެއްވެސް ރަހުނަކާ ނުލައި އެއް މިލިއަނާ ހަމައަށް ތަކެތި ގަތުމަށް ފައިނޭންސިން ފޯރުކޮށްދޭއިރު، ފެސިލިޓީ އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ހަތް އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ. ރަހުނެއް ހިމެނޭހެން ފެސިލިޓީ ނަގާނަމަ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، މީގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. އަހަރަކަށް ފައިދާ ހިސާބުކުރާނީ ނުވަ އިންސައްތައާއި 10.5 އިންސައްތައާ ދެމެދުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. https://s1.sun.mv/213762 އެސްއެމްއީ ޑިޖިޓަލްއިން ބުނީ ލުއިފަސޭހަކޮށް ދޫކުރެވޭ މި ފައިނޭންސިންގެ ސަބަބުން ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ފުޅާކޮށް، ދިވެހި އިގުތިސާދަށް އިތުރުކުރިއެރުން ގެނެސްދިނުމަށް އެހީތެރިވެދޭނެ ކަމަށެވެ. މި ފައިނޭންސިންއާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، މީގެ ބޭނުމަކީ ރާއްޖޭގެ އިގުތިސާދަށް އެހީތެރިވެދިނުމާއި ވިޔަފާރިތަކަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ. ވިޔަފާރިތަކުން ހަރުމުދާ ގަތުމަށް ކުރިމަތިވާ މާލީ ދަތިތަކަކީ، އެ ފަރާތްތަކުގެ ކުރިއެރުމަށް ހުރަހަކަށް ވެފައިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. "މި ފައިނޭންސިންއާ އެކު، މިހާރު ދިމާވާ ދަތިތަކަށް ފަސޭހަ ހައްލެއް ހޯދައިދެވި، ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުވެ، އައު އިކުއިޕްމަންޓް އަދި މެޝިނަރީގެ އެހީގައި، އާ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ލިބޭނެ" ބަދުރުއްދީން ވިދާޅުވިއެވެ. މި ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް އެ ކުންފުނީގެ ނަންބަރު 3026040 އަށް ގުޅުމަށް ނުވަތަ އީމެއިލް ކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ