ޒިއުރިކް (ނޮވެމްބަރު 22) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ފޯވާޑް، ލުއިސް ޑިއާޒް، ޗެމްޕިއަންސް ލީގުގެ ތިން މެޗަށް ސަސްޕެންޑް ކުރަން ނިންމައިފި އެވެ.
ޗެމްޕިއަންސް ލީގުގައި މި މަހު ކުރީކޮޅުގައި، ޕީއެސްޖީ ދަނޑުގައި ބަޔާނުން 2-1 އިން މޮޅުވި މެޗުގައި ޑިއާޒަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ޕީއެސްޖީގެ އަޝްރަފް ހަކީމީ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި، ޑިއާޒް ކުރި ޓެކަލްއާ އެކު، ހަކީމީގެ ފައިގެ ކުޑަހުޅަށް ސީިރިއަސް އަނިޔާއެއް ވަނީ ލިބިފަ އެވެ.
ޔުއެފާ އިން މި ރަތް ކާޑުގެ ކަންކަން ބަލައި، ހަކީމީ އަށް ޑިއާޒް ކޮށްފައިވަނީ، ނުރައްކާތެރި ފައުލެއް ކަމަށް ނިންމައި، އޭނާ ތިން މެޗަށް ސަސްޕެންޑްކުރީ އެވެ.
ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނެފައިވަނީ އޭނާ އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ޑިއާޒްގެ ސަސްޕެންޝަނަކީ އެއް މެޗު ކަމަށާއި އެ މައުލޫމާތު ރަނގަޅު ނޫން ކަމުގައިވާނަމަ އެއީ ބޮޑު މާޔޫސްކަމެއް ކަމަށެވެ.
އެއް މެޗަށް ސަސްޕެންޑްކުރިނަމަ، ޑިއާޒް އަށް ގެއްލޭނީ ބަޔާނުން އާސެނަލާ ދެކޮޅަށް ކުޅޭ މެޗެވެ. އެކަމަކު، ތިން މެޗަށް ސަސްޕެންޑް ކުރުމުން ޑިއާޒަށް އާސެނަލް މެޗުގެ އިތުރުން، ބަޔާނުން ސްޕޯޓިން ލިޒްބަން އާއި ޔޫނިއަން ސެއިންޓް ގިލޮއިސްއާ ކުޅޭ މެޗުތައް ވެސް ގެއްލޭނެ އެވެ.
މި ފަހަރުގެ ސީޒަން ފެއްޓުމުގެ ކުރިން، ޑިއާޒް، 28، ހޯދަން ބަޔާނުން، ފުރަތަމަ ކުރި ދެ ބިޑް ވެސް ލިވަޕޫލުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެކަމަކު، އެންމެ ފަހުން ބަޔާނުން ކުރި 88 މިލިއަން ޑޮލަރުގެ ޑީލަށް ލިވަޕޫލުން ރުހުން ދިނީ، ޑިއާޒް ވެސް އެ ގޮތަށް ބޭނުންވާތީ އެވެ. ޑިއާޒް ވަނީ ބަޔާނާ އެކު، 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.
ބަޔާނަށް މި ސީޒަނުގައި މިހާތަނަށް ކުޅެދިން 17 މެޗުގައި ޑިއާޒް ވަނީ 11 ގޯލު ޖަހައި، ފަސް ލަނޑު ޖަހަން އެހީތެރިވެދީފަ އެވެ.
ލުއިސް ޑިއާޒް ތިން މެޗަށް ސަސްޕެންޑްކޮށްފި ލުއިސް ޑިއާޒް ތިން މެޗަށް ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ