އަތޮޅު ކައުންސިލްތައް އުވައިލުމާ ދެކޮޅަށް ކުޑަހުވަދޫ ރައްޔިތުން މުޒާހަރާކޮށްފި އަތޮޅު ކައުންސިލްތައް އުވައިލުމާ ދެކޮޅަށް ކުޑަހުވަދޫ ރައްޔިތުން މުޒާހަރާކޮށްފި

އަތޮޅު ކައުންސިލްތައް އުވައިލުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ދ. ކުޑަހުވަދޫ ރައްޔިތުން އިއްޔެ މުޒާހަރާކޮށްފި އެވެ.
އިއްޔެ ހަވީރު ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އެ ރަށުގެ އެކި ފިކުރުގެ އެކި އުމުރުފުރައިގެ މީހުން ބައިވެރިވި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ޒަމާނުއްސުރެ ދ. އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުގައި ކުޑަހުވަދޫ އޮތްއޮތުން ނިމުމަކަށް އަންނާނެތީ އިއްޔެ ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސުލްހަވެރިކަމާއެކު އެ މުޒާހަރާ ކުރިއަށް ގެންދިޔައީ ކުޑަހުވަދޫއަށް ޒަމާނުއްސުރެ ލިބިފައި އޮތް ދ. އަތޮޅުގެ އިސްވަންތަ ރަށުގެ ޝަރަފާއި ފަހުރުވެރިކަން ގާނޫނަށް ގެންނަ ބަދަލުގެ ސަބަބުން ގެއްލުމުގެ ބިރު އޮތުމުން، އެކަމާ ދެކޮޅު ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގައިވާ ގޮތުން ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ އެ ރަށަކުން އިންތިހާބު ކުރާނީ އެންމެ ތިން ކައުންސިލަރުންނެވެ. މިހާރު އޮންނަ ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 2000 އަށް ވުރެ ބޮޑެތި އާބާދީތަކުންނެވެ.
ކައުންސިލުތަކުގައި އަންހެން މެންބަރުން ތިބުން ވެސް ބަދަލުގައި ލާޒިމު ކުރެ އެވެ. އެގޮތުން ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި މަދުވެގެން އެއް މެންބަރަކީ އަންހެނަކަށް ވާންޖެހެ އެވެ. އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި ދެ ކައުންސިލަރުންނަކީ އަންހެނުންނަށް ވާންޖެހެ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް އިސްލާހުގައިވާ ގޮތުން އިންތިހާބު ކުރަންޖެހޭނީ ކައުންސިލާ އެއް އަދަދަކަށެވެ. ތިން ކައުންސިލަރުން ހޮވާ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި ވެސް ތިބޭނީ ތިން މެންބަރުންނެވެ.
އިސްލާހުތަކުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އިތުރު ބާރު ލިބިދޭ މާއްދާތަކެއް ވެސް ހިމެނެ އެވެ. އެގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި އެލްޖީއޭގެ އޮފީސްތައް ހިންގުމުގެ ބާރު އިސްލާހުގެ ދަށުން އެ އިދާރާއަށް ލިބޭނެ އެވެ. އަދި ކައުންސިލްތަކުން ރަސްމީކޯށް ރިޕޯޓު ކުރަންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ފަރާތަކީ އެލްޖީއޭ ކަމަށް ވެސް ވަނީ އިސްލާހުގައި ކަނޑައަޅައިފަ އެވެ.
އޭގެއިތުރުން އަތޮޅު ކައުންސިލުތައް އުވާލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
އަތޮޅު ކައުންސިލް އުފެއްދުމަށް ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރު އުނިކުރަން އެ ބިލުގައި ހުށަހަޅާފައިވެ އެވެ. އެއިރުން އަތޮޅު ކައުންސިލެއް ވުޖޫދެއް ނުކުރެވޭނެ އެވެ.
އެ ބިލުގައި ގާނޫނުއަސާާސީގެ 231 ވަނަ މާއްދާގެ ހ. ގެ ތިން ވަނަ ނަންބަރު އުނިކުރަން ހުށަހަޅާފައިވެ އެވެ. އެއީ އަތޮޅު ކައުންސިލުން އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާ އެވެ.
ގެ އިތުރުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ށ. ގައި އަތޮޅު ކައުންސިލް ބަޔާންކޮށްފައިވާ ބަސް އުނިކުރަން ވެސް އެ ބިލުގައި ހުށަހަޅާފައިވެ އެވެ. އެއީ ކައުންސިލުތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާ އެވެ.
އިއްޔެ ކުރިއަށް ގެންދިޔަ އެއްވުމުގެ ބައިވެރިން ވަނީ އަތޮޅު ކައުންސިލުތައް އުވައިލުމާ ވެސް ދެކޮޅަށް އަޑުއުފުލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ