މެޑްރިޑް (މާޗް 15) - ސްޕެނިޝް ލީގުގައި ރޭ އެލްޗޭ 4-1 އިން ބަލިކޮށް ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނައިގައިވާ ބާސެލޯނާ ދެމެދުގައިވާ ޕޮއިންޓުގެ ފަރަގު ޕޮއިންޓަކަށް ކުޑަކޮށްފި އެވެ.
ސްޕެނިޝް ލީގުގައި ރޭގެ މެޗުން މޮޅުވެ، ރެއާލުން 28 މެޗުން 66 ޕޮއިންޓް ހޯދިއިރު، އެއް ވަަނައިގައި އޮތް ބާސެލޯނާ އިން ވަނީ 27 މެޗުން 67 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 28 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. ރެއާލަށް ދެން ލީގުގައި އޮތީ އެތުލެޓިކޯ މެޑްރިޑާ ކުޅޭ މެޗެވެ. އޭގެ ކުރިން، ބާސެލޯނާ އިން މިރޭ ސެވިއްޔާ ބަލިކޮށް، އަލުން ހަތަރު ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ.
އަމިއްލަ ދަނޑުގަައި ކުޅުނު ރެއާލުން 39 ވަނަ މިނިޓްގައި ލީޑުނެގީ އޭރިއާތެރެއިން އެންޓޯނިއޯ ރުޑިގާ ޖެހި ގޯލުންނެވެ. މިއީ، ރެއާލްގެ ކެޕްޓަން، ފެޑެރީކޯ ވަލްވޭޑޭ ހިލޭ ޖެހުމަކުން ޖެހި ބޯޅައެއް އެލްޗޭ ކީޕަރު، މަޓިއަސް ޑިޓޫރޯ އަތުގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ވަގުތު، ރުޑިގާ އަށް ލިބުމުން އެއް ފަހަރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 44 ވަނަ މިނިޓްގައި ވަލްވޭޑޭ ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ފްރާން ގާސިއާ ދިން ބޯޅަ އޭރިއާ ރޮނގުމަތިން ކޮންޓްރޯލް ކުރުމަށް ފަހު، ވަލްވޭޑޭ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ، އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ ކޮޅަށް ހެޓްރިކް ހެދި ވަލްވޭޑޭ މިދިޔަަ ތިން މެޗުގެ ތެރޭގައި ޖެހި ފަަސް ގޯލެވެ. އޭނާ މި ފަހަރު ތިން މެޗުން ފަސް ލަނޑު ޖެހިއިރު، އޭގެ ކުރިން ކުޅުނު 71 މެޗުން ޖެހުނީ ފަސް ލަނޑެވެ.
ދެ ވަނަ ހާފުގައި، ރެއާލްގެ ޑީން ހައުސަން ވަނީ އެ ޓީމުގެ ޑެނިއަލް ޔަނޭޒް ނެގި ހުރަހަކުން ބޮލުން ގޯލަށް ވައްދާލައިފަ އެވެ. އެލްޗޭގެ ލަނޑަކީ ރެއާލްގެ މެނުއަލް އެންޖެލް އަތުން ބައިކޮޅަށް ވަން ގޯލެކެެވެ. އަދި، މެޗުގައި ރެއާލްގެ ފަހު ލަނޑު ޖަހާފައިވަނީ، އާޑާ ގޫލާ އެވެ.
މި މެޗުގައި ވެސް ރެއާލުގެ ތަރި، ކީލިއަން އެމްބާޕޭ ނުުކުޅެ އެވެ. އެކަމަކު، ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހު މެންޗެސްޓާ ސިޓީ ދަނޑުގައި ކުޅޭ މެޗަށް އެމްބާޕޭ ފިޓްވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ރެއާލްގެ ކޯޗު އަލްވާރޯ އާބެލޯއާ ވަނީ ބުނެފަ އެވެ.
އެލްޗޭ ބަލިކޮށް ރެއާލުން ފަރަގުކުޑަކޮށްފި އެލްޗޭ ބަލިކޮށް ރެއާލުން ފަރަގުކުޑަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ