ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓްތަކެއް ގެއްލިއްޖެ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓް ވަގަށް ނަގައިފި އެވެ.ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ސިނގިރޭޓްތަކެއް ގެއްލުނު މައްސަލަ ބަލަމުންދާ ކަމަށެވެ.މީގެ ތެރެއިން އެއް މައްސަލައަކީ ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓް ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ހުއްޓާ އޭގެ ތެރެއިން ހަ ކާޓަން ގެއްލުނު މައްސަލައެކެވެ.މި ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މި އަހަރުގެ މޭ 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ."މިތަކެތީގެ ތެރެއިން ހަ ކާޓަން ސިނގިރޭޓް މަދުކަން އެނގިފައިވަނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް 2025 ނޮވެމްބަރު 12 ވަނަ ދުވަހު ބެލިއިރު،" ފުލުހުން ބުންޏެވެ.މީގެ އިތުރުން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި، މިދިޔަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓަން ސިނގިރޭޓް މަދުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.ފުލުހުން ބުނީ މި މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ބަލަމުންދާ ކަމަށާއި މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.ފާހަގަކުރެވޭ ގޮތުގައި، ސިނގިރޭޓު ވަގަށް އެތެރެކުރުމާއި، ވަގަށް ނެގުމުގެ ބޮޑެތި މައްސަލަތަކެއް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ފެންމަތިވެފައިވެއެވެ. އެގޮތުން، ކަސްޓަމްސްއިން އެޕްރީލް މަހުގެ 26 ވަނަ ދުވަހު ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް، ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓައި، ވަގަށް ނަގައިފައިވާ މައްސަލައެއް ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ. އެ މައްސަލަ އެ މުއައްސަސާއަށް ހުށަހެޅީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ