މާލެ އާއި ވިލިމާލޭގެ 40 ޕަސެންޓު ބިން ކުއްޔަށް ދީފައި އޮތީ މުއިއްޒުގެ މޭޔަރުކަމުގައި މާލެ އާއި ވިލިމާލޭގެ 40 ޕަސެންޓު ބިން ކުއްޔަށް ދީފައި އޮތީ މުއިއްޒުގެ މޭޔަރުކަމުގައި

މާލެ އާއި ވިލިމާލޭގެ ބިންތަކުގެ ތެރެއިން 40 ޕަސެންޓު ބިން ކުއްޔަށް ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައިކަން ހާމަވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ބިންތައް ދޫކޮށްފައިވާ ގޮތުގެ ތަފުސީލީ ލިސްޓުން އެނގޭ ގޮތުގައި މުއިއްޒުގެ މޭޔަރުކަމުގައި، މާލެ ސިޓީ ކައުންސިލުގެ 157 ބިމުގެ ތެރެއިން 63 ބިން ކުއްޔަށް ދީފައިވެ އެވެ.
އޭގެތެރޭގައި ކާނިވާ ސަރަހައްދާއި އާޓިފިޝަލް ބީޗު އަދި ރަސްފަންނު ސަރަހައްދުގައި ޓަކްޝޮޕާއި ރެސްޓޯރެންޓު ހިންގަން ދޫކޮށްފައިވާ ބިންތަކާއި ދާރުލްއާސާރު ކުރިމަތީގައި އޮންނަ ހިއްތަން މައިޒާނުގެ އިތުރުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ލެޑް ޕެނަލްތައް ވެސް ހިމެނެ އެވެ.
އޭގެ އިތުރުން، ވިލިމާލެ ބޯޅަ ދަނޑާއި މާލެ ސިޓީ ނާސަރީ ބިމުގެ އިތުރުން ރޯމަސް މާރުކޭޓާއި އެ ނޫން ވެސް ބައެއް ސަރަހައްދުތަކުގައި ފިހާރަ އާއި ގުދަން ހިންގާ ބިންތައް ހިމެނެ އެވެ.
މާލޭގެ މޭޔަރުކަމަށް މުއިއްޒު އިންތިހާބުވީ އޭޕްރިލް 10، 2021، ގަ އެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މުއިއްޒު އިންތިހާބުވީ އޭގެ ދެ އަހަރާއި ފަސް މަސްދުވަސް ފަހުން ސެޕްޓެމްބަރު 30، 2023، ގަ އެވެ. ވެރިކަމުގެ ހުވާ މުއިއްޒު ކުރެއްވީ ނޮވެމްބަރު 17، 2023، ގަ އެވެ.
މާލެ އާއި ވިލިމާލެއިން އެތައް ބިމެއް މުއިއްޒުގެ މޭޔަރުކަމުގައި ކުއްޔަށް ދޫކޮށްފައިވާއިރު، މާލޭގެ މަގުތަކުން ޕާކިން ޖާގައިގެ ގޮތުގައި އެތައް ސަތޭކަ ޖާގައެއް ވެސް ވަނީ އެމަނިކުފާނުގެ މޭޔަރުކަމުގައި ކުއްޔަށް ދޫކޮށްފަ އެވެ. ނަމަވެސް އެއީ ގާނޫނާ ހިލާފު ކަމެއްކަމަށް، ކުރީގެ ބަންޑާރަނައިބު ލަފާ ދެއްވާފައި ވާތީ މިހާރު ވަނީ އެ ޖާގަތަކުގެ އެގްރީމެންޓު އައު ނުކުރަން ނިންމައިފަ އެވެ.
މާލެ އާއި ވިލިމާލެއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ލިސްޓު މާލެ ސިޓީ ކައުންސިލުން މި އާންމުކުރީ އެ ލިސްޓު އާންމު ކުރައްވާނެ ކަމަށް މިހާރުގެ މޭޔަރު، އާދަމް އާޒިމް އެކި ތާރީހުތައް ދެއްވުމަށްފަހު، އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ވެސް ކުރެއްވުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ