ސަބްސިޑީއަށް ބަޖެޓުކުރީ 1.9 ބިލިއަން، ޚަރަދު ތިން ބިލިއަނަށް
މި އަހަރު ސަބްސިޑީއަށް ބަޖެޓުގައި ޖެހީ 1.9 ބިލިއަން ރުފިޔާ ނަމަވެސް، ކުރި ޚަރަދު ތިން ބިލިއަން ރުފިޔާއަށް އަރައިފިއެވެ. ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފުސީލާއެކު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސްއިން ދައްކާ ގޮތުގައި، މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ސަބްސިޑީއަށް ކުރި ޚަރަދު ވަނީ ބަޖެޓުކުރި ވަރަށް ވުރެ 1.1 ބިލިއަން ރުފިޔާ އިތުރުވެފައެވެ. އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މި އަހަރު ސަބްސިޑީ ޚަރަދު ވަނީ ކުޑަވެފައެވެ. އެގޮތުން މި އަހަރު ތިން ބިލިއަން ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ ނޮވެންބަރު 13އާ ހަމައަށް 3.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ރާއްޖޭގެ ދަރަނި ބޮޑުވުމުން މި ސަރުކާރުން، މި އަހަރުގެ ބަޖެޓް ފާސްކުރީ ޚަރަދު ކުޑަކޮށް 7.7 ބިލިއަން ރުފިޔާ ސަލާމަތްކުރަން ފިޔަވަޅުތަކެއް ހިމަނައިފައެވެ. އޭގެ ތެރޭގައި ސަރުކާރަށް ބުރަ ބޮޑުވެފައިވާ ނިޒާމުތައް ކަމަށްވާ ސަބްސިޑީއާއި ޕެންޝަނާއި އާސަންދަ ނިޒާމު އިސްލާހު ކުރުން ހިމެނެއެވެ. އޭގެ ތެރެއިން އާސަންދަ ނިޒާމު އިސްލާހު ކުރަން ފިޔަވަޅުތަކެއް ސަރުކާރުން އަޅައިފައިވެއެވެ. އެހެންނަމަވެސް އާސަންދައިގެ ހޭދަ ހުރީ، މިދިޔަ އަހަރުގެ މި މުއްދަތާ ގާތްގަނޑަކަށް އެއްވަރެއްގައެވެ. އާސަންދައަށް 1.85 ބިލިއަން ރުފިޔާ ބަޖެޓުކުރިއިރު، 1.81 ބިލިއަން ރުފިޔާ މިހާތަނަށް ބޭނުންކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް 1.84 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި ސަރުކާރުން ޕެންޝަން ނިޒާމު އިސްލާހު ކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަަރު މަހު ފިޔަވަޅު އެޅި ނަމަވެސް، ކަންބޮޑުވުންތަކާ ގުޅިގެން އެ ނިންމުން ބަދަލުކުރިއެވެ. ނަމަވެސް ޑަބަލް ޕެންޝަން މައްސަލަ ހައްލުކުރުމަށް އަނެއްކާވެސް މި އަހަރު ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފަށައިފައިވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: މި ސަރުކާރުން ޚަރަދު ކުޑަކުރުން ސަބްސިޑީ އިސްލާހުތަކެއް ބަޖެޓުގައި ހިމެނި ނަމަވެސް، ފަހުން ތަންފީޒުކޮށްފައިނުވޭ -- ފޮޓޯ: ރައީސް އޮފީސް ރާއްޖޭގައި ޑަބަލް ޕެންޝަން ދެވޭ ގޮތަށް އޮތުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް އެތެރެއާއި ބޭރުގެ އިދާރާތަކުން ވެސް ބުނަމުން އަންނައިރު، މި އަހަރު ޕެންޝަނާއި ރިޓަޔާމެންޓް ބެނިފިޓްގެ ގޮތުގައި 1.81 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެެއާ އަޅައިބަލާއިރު މިދިޔަ އަހަރު ޚަރަދު ކުރީ 1.69 ބިލިއަން ރުފިޔާއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުން މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތުގެ ދަށުން މި އަހަރު ވެސް ބައެއް ދާއިރާތަކުން މުސާރަތައް ބޮޑުކޮށްފައިވެއެވެ. ދައުލަތުގެ ރިކަރަންޓް ޚަރަދު މި އަހަރު އާންމު ގޮތެއްގައި، މިދިޔަ އަހަރަށް ވުރެ ބޮޑުކޮށް ހުންނައިރު، ރިކަރަންޓު ޚަރަދު ވަނީ 29.2 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އެއާ އަޅައިބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކަރަންޓް ހޭދައަކީ 28.8 ބިލިއަން ރުފިޔާއެވެ. މި ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ކަނޑައަޅައިފައި އޮތް ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރައްޔިތުންނަށް ލިބެމުން އައި އެއްޗެއް ކަނޑާލަން ބޭނުންނުވާ ކަމަށް ވިދާޅުވެ، އިސްލާހީ ފިޔަވަޅުތައް ބަދަލުކުރައްވައިފައެވެ. އެގޮތުން ރައީސް ވަނީ، ޚަރަދު ކުޑަ ކުރާނީ މަޝްރޫއުތައް ހިންގާ ގޮތް ބަދަލުކޮށްގެން ކަމަށް ވިދާޅުވެފައެވެ. އެ ބަދަލަކީ މަޝްރޫއުތަކަށް ސީދާ ހިނގާ ޚަރަދުގައި ކުރިއަށްގެންދިޔުމަށް، ސަރުކާރު ކުންފުނިތަކާ މަސައްކަތްތައް ހަވާލުކުރުމެވެ. އޭގެ ފަހުން މި ސަރުކާރުން ވަނީ އެތައް މިލިއަން ރުފިޔާގެ މަޝްރޫއުތައް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްފައެވެ. އޭގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް މަސައްކަތް ނުލިބި، ފައިސާ ދައުރުނުވުމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މި މަހުގެ ހަ ވަނަ ދުވަހު ސަރުކާރުން ވަނީ އަމިއްލަ ކުންފުނިތަކަށް އެއް ފަހަރާ 206 މަޝްރޫއެއް ހަވާލުކޮށްފައެވެ. އެހެންނަމަވެސް ބިޑަކާ ނުލައި އެ މަޝްރޫއުތައް ހަވާލުކުރުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވިއެވެ. ސަރުކާރުގެ ދަރަނި ބޮޑުވެ، އަންނަ އަހަރު އެކަނިވެސް 1.1 ބިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، އިގުތިސާދު ހަމަޔަކަށް އެޅުވުމަށް އެންމެ މުހިންމު ކަމަކީ ޚަރަދުތައް ކުޑަކުރުން ކަމަށް ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ