ހަނގުރާމަ ހުއްޓާލަން އެއްބަސްވި ފަހުން ޣައްޒާގެ 67 ކުޑަކުދިން ޝަހީދުކޮށްލައިފި: އދ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރިއަށްގެންދިޔަ ނަސްލު ނައްތާލުމުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވި ފަހުން ފަލަސްތީނުގެ 67 ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށް އދ.ގެ ކުޑަކުދިންނާބެހޭ ޖަމިއްޔާ (ޔުނިސެފް)އިން ބުނެފިއެވެ. ހުކުރު ދުވަހު ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔުނިސެފްގެ ތަރުޖަމާނު ރިކާޑޯ ޕައިރެސް ވިދާޅުވީ, ޝަހީދުކޮށްލާފައިވާ ކުދިންގެ ތެރޭގައި މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެކަނި ވެސް، އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލި އަށް ކުދިން ހިމެނޭ ކަމަށެވެ. "އަޅުގަނޑުމެން އެތައް ފަހަރަކު ތަކުރާރުކޮށް ބުނެފައިވާ ފަދައިން މިއީ ހަމައެކަނި ނަންބަރުތަކެއް ނޫން. ކޮންމެ ކުއްޖަކީ ވެސް އާއިލާއެއް، ހުވަފެނެއް، ދިރިއުޅުމަކަށް އުންމީދު ކުރި ކުއްޖެއް." ޕައިރެސް ވިދާޅުވިއެވެ. ހަނގުރާމަ ފެށި ފަހުން ޣައްޒާގެ 64000 ކުދިން މަރާލާފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށް ޔުނިސެފުން ބުނޭ -- ފޮޓޯ/އޭޕީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކުން ލިބޭ ގެއްލުން އެތައް ކުޑަކުދިންނެއް ތަހައްމަލުކުރަން ޖެހޭއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން ދިން ހަމަލާތަކުގައި 64،000 ކުޑަކުދިން މަރުވެ ޒަޚަމްވެފައިވާ ކަމަށް ޔުނިސެފުން ލަފާކުރެއެވެ. ސޭވް ދަ ޗިލްޑްރަން ޖަމިއްޔާއިން މި ހަފުތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު ހަނގުރާމައިގެ ސަބަބުން ކޮންމެ މަހަކު އެވްރެޖްކޮށް ފަލަސްތީނުގެ 475 ކުއްޖަކަށް، އުމުރު ދުވަހުގެ ނުކުޅެދުންތެރިކަމާ ކުރިމަތިވެފައިވެއެވެ. އޭގެ ތެރޭގައި ސިކުނޑިއަށް ލިބުނު އަނިޔާތަކާއި، ފިހުން އަދި އެހެނިހެން ޒަޚަމްތައް ހިމެނޭ ކަމަށެވެ. މީގެ އިތުރުން އިސްރާއީލުން ވަނީ ބަނޑުހައިހޫނުކަން ވެސް، ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، އެތައް ކުޑަކުދިންނެއް ބަނޑުހައިހޫނުކަން މަތީ މަރުވާން ދޫކޮށްލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ