އާދަމް އާޒިމަށްވުރެ ވަކީން މޮޅުގޮތެއް މާލެއަކަށް އަދި ނެތް!

މާލެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އަވަސް ހައްލު ހޯދުމަށް ބޭނުންވާ ޒާތުގެ ހީވާގި މުރާލި ދުރުވިސްނޭ މޭޔަރަކު ހުއްޓާ އެނޫން ގޮތެއް ހޯދަން އުޅުމަކީ ފަހަތަށް އެޅޭ ފިޔަވަޅެކެވެ. މާލެސިޓީއަށް ބޭނުންވާ ހެޔޮބަދަލު ގެނެވޭވަރުގެ ގާބިލުކަން ހުރިހާ ގޮތަކުންވެސް ހުރިކަން ސާބިތުކޮށް ދެއްވާފައިވާ އާދަމް އާޒިމަށްވުރެ ވަކީން މޮޅުގޮތެއް މާލެސިޓީއަކަށް އަދި ފެންނާކަށް ނެތެވެ. 
ވިއްސާރަވެ ބޯކޮށް ވާރޭވެހިއްޖެއްޔާ މާލޭގެ ރައްޔިތުން އުޅެމުން ދިޔަ ހާލުން ކުރުމުއްދަތެއްގެ ތެރޭގައި ސަލާމަތްވީ ދުރުވިސްނޭ ހިންގުންތެރި މުރާލި މޭޔަރެއްގެ ހިކުމަތު އަމަލާއި ބުރަ މަސައްކަތުންކަން އެއީ ފެންނަން އޮތް އެއް މިސާލެވެ. ވިއްސާރަ ވާއިރަށް މާލޭގެ އެކި ސަރަހައްދުތަކުގައި ނުނިދާ ހޭލާތިބެގެން ވެލި ބަސްތާ ޖެހުމަކީ ސިޓީ ކައުންސިލާއި ސިފައިނާއި ފުލުހުނާއި އެތައް ގެއެއްގެ އެތައް ބަޔަކު އެތައް އަހަރެއް ވަންދެން ކުރަމުން ދިޔަދިޔުން މާޒީއަށް ބަދަލުކޮށްލީ މޭޔަރ އާދަމް އާޒިމްގެ ހިއްވަރާއި ފަންވަރުންނެވެ. 
22 ޖެނުއަރީ 2024 ގައި ހުވާކުރެއްވުމަށް ފަހު މާލޭ މޭޔަރ އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ މާލޭގައި ފެންބޮޑުވުން ހައްލުކުރެއްވުމެވެ. ފެން ބޮޑުވުމަށް އަވަސް ހައްލެއް ހޯއްދަވާ ދެއްވުމަށްޓަކައި އެންމެ ފުރަތަމަ ސަރަހައްދުތަކުގެ ޓެކްނިކަލް އެސެސްމެންޓު ހެއްދެވިއެވެ. އެންމެ ބޮޑަށް ފެންބޮޑުވާ 280 އަށް ވުރެ ގިނަ ގެއަށް މޭޔަރ ޓެކްނިކަލް ޓީމަކާއެކު ވަޑައިގެން ވެސް އެސެސްމެންޓުތައް ހެއްދެވިއެވެ.
މިހިނގާ ދެއަހަރެއްހާ ދުވަހުގެ ތެރޭގައިވެސް 40 އަށްވުރެ ގިނަ އާއިލާ ފެން ބޮޑުވެގެން އަމިއްލަ ގޭގައި ނޫޅެވިގެން އެހެންތަންތަނަށް ވަގުތީ ގޮތުން ބަދަލު ކުރަންޖެހުނެވެ. ގެތަކުގައި އުޅޭ މީހުން ނުނިދާ ތިބެ ފެން ހިންދަން އުޅެންޖެހުނެވެ. ފެން ބޮޑުވުމުގެ ސަބަބުން ގޭގައި ހުންނަ ހުރިހާ މުދަލެއްހެން ހަލާކުވެގެން އުކާލަން ޖެހިފައި ހުރީ މަދެއްކޮށް ނޫނެވެ. އެތައް ދުއްވާ އެއްޗެއްގެ އިންޖީނު ހަލާކުވެ މާލީ ބޮޑެތި ގެއްލުންތައް މާލޭގައި ދިރިއުޅޭ މީހުނަށް ލިބުމަކީ މީގެކުރީން އާންމު ކަމެކެވެ. 
ފެން ބޮޑުވާ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މޭޔަރ ވައުދުވެ ވަޑައިގަތީ ފެންބޮޑުވުން ހައްލުކޮށްދީ އެ ރައްޔިތުން އެތައް އަހަރެއްވަންދެން ތަހައްމަލު ކުރަމުން ދިޔަ ދަތި އުނދަގުލުން ނެރެދެއްވާނެ ކަމަށެވެ. ލަސްތަކެއް ނުވެ މޭޔަރެއްގެ ހުޝިޔާރުކަމާއި ހީވާގިކަމާއި ދުރުވިސްނުމުގެ ހެޔޮ އަސަރު މާލޭން ފެންނަން ފެށިއެވެ.
ވިއްސާރަވާން ފަށާއިރަށް ވެލި ބަސްތާ ޖަހަން ބޭނުންވެގެން ކޯލްސެންޓަރަށް މާލޭން ލިބެމުން ދިޔަ އެތައް ސަތޭކަ ކޯލް އައުން ހުއްޓިއްޖެއެވެ. މާލޭގެ 280 އަށް ވުރެ ގިނަ ގެއަށް ފެންވަދެ އެތައް ރައްޔިތަކަށް އާދަކޮށް ބޮޑެތި ގެއްލުން ލިބެމުން އޭރު ދިޔަދިޔުން ހައްލުވެއްޖެއެވެ. މާލެއަކީ އެހުރިހާ ތަކުލީފްތަކުން ސަލާމަތްވެ ފެންބޮޑުވުމުގެ ނުރައްކަލުން މިންޖުވެފައިވާ ރަށަކަށް ބަދަލު ކޮށްލައިފިއެވެ. އާދަމް އާޒިމްގެ މޭޔަރުކަމަށް ދޮޅުއަހަރު ނުވަނީސް މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކޮށް ދެއްވައިފިއެވެ. ނަތީޖާ ނެރެދެއްވައިފިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ