ޓްރަމްޕްގެ ވާހަކަ ބަދަލުވެ، މަމްދާނީއަށް ތައުރީފު ކުރައްވައިފި
އެމެރިކާގެ ނިއު ޔޯކުގެ މޭޔަރު ކަމަށް އިންތިޚާބުވި ޒަހްރާން މަމްދާނީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ބޭއްވި ބައްދަލުވުމަކީ ވަރަށް އުންމީދީ ބައްދަލުވުމެއް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމަށްފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ މަމްދާނީގެ ކާމިޔާބު ކެމްޕޭނަށް ތައުރީފުކުރައްވާފައެވެ. "އަހަރެމެން ބޭއްވީ ހަގީގަތުގައި ވެސް އުފެއްދުންތެރި ބައްދަލުވުމެއް. އަހަރެމެންގެ އެއްގޮތް އެއް ކަމެއް އެބައޮތް. އަހަރެމެން ބޭނުންވަނީ އަހަރެމެން ލޯބިވާ ނިއު ޔޯކު ސިޓީ ވަރަށް ރަނގަޅަށް ކުރަން،" ނިއުޔޯކަށް އުފަން ޓްރަމްޕް ވިދާޅުވިއެވެ. މަމްދާނީ ވިދާޅުވީ، އަސާސީ ޚިދުމަތްތަކާއި މުދަލާއި ކުލި ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް އޭނާ ވެފައިވާ ވައުދާ އެއްގޮތަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާކުރެއްވި ކަމަށެވެ. އެ ބައްދަލުވުމަކީ އުފެއްދުންތެރި ބައްދަލުވުމެއް ކަމަށް މަމްދާނީވެސް ވިދާޅުވިއެވެ. ޓްރަމްޕްއާއި މަމްދާނީއާ ދެމެދު ޚިޔާލުތަފާތުވާ ދާއިރާތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން މަމްދާނީ ވިދާޅުވީ ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް ދެ ބޭފުޅުން ވެސް ގަބޫލުކުރައްވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އުންމީދު ކުރައްވާ ކަމަށެވެ. މަމްދާނީއާ އެކު ބޭއްވި ބައްދަުލުވުން ވަރަށް އުންމީދީ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި --- ފޮޓޯ/ އޭއެފްޕީ "އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޓްރަމްޕާއި އަޅުގަނޑު ވިސްނުން ވަރަށް ސާފު. އަޅުގަނޑުމެންގެ ބައްދަލުވުން ބިނާވީ އަޅުގަނޑުމެންގެ ދެމެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ މައްޗަކަށް ނޫން. ނަމަވެސް ނިއު ޔޯކުގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އަމާޒަށް." މަމްދާނީ ވިދާޅުވިއެވެ. މޭޔަރުކަމުގެ ރޭހަށް މަމްދާނީ ނުކުންނެވި ހިސާބުން ފެށިގެން ޓްރަމްޕާއި އެ މަނިކުފާނުގެ ޓީމުން ވަނީ މަމްދާނީއަށް އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކޮށް ބަހުގެ ހަމަލާތައް ދީފައެވެ. އެގޮތުން އެމެރިކާއަށް ހިޖުރަކުރި ޝިއައީ މުސްލިމެއް ކަމަށްވާ މަމްދާނީ އަކީ "ޖިހާދީ ފިކުރު"ގެ ބޭފުޅެއް ކަމަށާއި އޭނާގެ ރަށްވެހިކަން ވެސް އަތުލާނެ ކަމަށް ވިދާޅުވެ ޓްރަމްޕު ވަނީ އިންޒާރު ދެއްވައިފައެވެ. މަމްދާނީ އިންތިޚާބުކޮށްފި ނަމަ ފެޑެރަލް ސަރުކާރުން ނިއު ޔޯކަށް ދޭ ފައިސާގެ އަދަދު ވަރަށް ބޮޑަށް މަދުކޮށް ދަތިކުރާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވިއެވެ. ނަމަވެސް އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު، ޓްރަމްޕްގެ ވާހަކަ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ