27 ވަނަ ބަޔާ ގުޅޭ
"ޔޫ ކޭން ބީ އިން މާރސް އޯރ ޖުޕިޓަރ ފޯ އޯލް އައި ކެއަރ.. އެކަމަކު ކުރިއަށް މިއޮތް ހަތަރު ގަޑިއިރު ތެރޭގަ މައިޝާން އަހަރެންގެ ކުރިމައްޗަށް ހާޒިރު ނުވެއްޖެއްޔާ ކޮންސިޑަރ ޔޯ ލައިފް އޭޒް އަ ފްރީ މޭން ޝޯޓްލިވްޑް. މައިޝާން އަންނަންދެން އަހަރެން މަޑުކުރާނަން ގޭގަ!" މައިޝާންއަށް އެއްޗެއް ބުނާނެ ފުރުސަތު ނުދީ ނަދާލް ފޯނު ކަނޑައިލި އެވެ.
"ދެން ކިހިނެއް ހަދާނީ؟" ކިޔާރާއަށް ހާސްވެފައި މައިޝާންގެ މޫނަށް ބަލައިލެވުނެވެ. އެމީހުން ތިބީ ކިޔާރާ އުޅޭ ގޭގަ އެވެ.
"އެ ބުނިގޮތަށް އޭނައާ ބައްދަލުކުރަން ދާނީ" މައިޝާން ފުން ނޭވާއެއް ދޫކޮށްލި އެވެ.
"މައިޝާންވެސް ކީއްކުރަންތަ ދެން އޭނައަށް އަނިޔާކުރީ؟ އެއީ އަހަރުމެން އެއްބަސްވިގޮތެއް ނޫނެއްނު" ކޮފީމޭޒުމަތީގައި ހުރި އަޅިކެނޑިއަށް ސިނގިރޭޓު ނިވައިލުމަށްފަހު ސޯފާއަށް ދެފައި އަރުވައިލަމުން ކިޔާރާ ބުންޏެވެ.
"ނޭނގެ ކިޔާ.. އޭނަ ހާދަ ވަރަކަށް މަގޭ ބޮލަށް އުނދަގޫކުރެޔޭ. ދެން އެކަމަކު ކިހިނެއްބާ ވާނީ؟ ނެޑް އަހަރެން ފުލުހުންނާ ހަވާލުކުރިއްޔާ އޯ؟" މައިޝާންގެ މޫނުމަތިން ހާސްކަމުގެ އަސަރު ފާޅުވި އެވެ. ހިތްހަމަނުޖެހިފައި އިން ކިޔާރާގެ ހިތް ވަގުތުން މަޑުވި އެވެ. އޭނާއަކީ ކިތަންމެ ދަހިވެތިކަމާއި އަމިއްލަ އެދުމުން ފޯވެފައިވާ މީހެއް ނަމަވެސް އޭނާއަށް މައިޝާން ހާއްސަ އެވެ. ދިހަ އަހަރު އެކުގައި އުޅޭއިރު ހިތުގައި ކޮންމެވެސް ވަރެއްގެ ކުލުނެއް އުފެދޭނެތާ އެވެ. މައިޝާންގެ ކަންބޮޑުވުންތަކަކީ ޙުދު އޭނާގެވެސް ކަންބޮޑުވުންތަކެއް ކަމުގައި ދެކި ކިޔާރާ މަސައްކަތްފެށީ މައިޝާންއަށް ހިތްވަރު ދެވޭތޯ އެވެ.
"ދެން އެހާވަރަށް ނުވިސްނާ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އަހަރެންނަކަށް ހިއެއްނުވޭ މައިޝާންގެ އާއިލާއިން މައިޝާން ފުލުހުންނާ ހަވާލުކޮށްފާނެ ހެނެއް. އެމީހުންގެ އަމިއްލަ ނަމާއި ލެޔަށް އެމީހުންވެސް ބަލާނެ ދޯ. މައިޝާންއަށް ވެގެން ވަންޏާ އައިލީން ވަރި ނުކުރާތި. އޭރުން ކުރި އެ ލިބެނީ ނަދާލްއަށް. ދެން އޭނަ ކިޔާ އެއްޗެއް ބަލާލަން ދޭބަ އަޅެ. ކަމެއް ގޯސްކޮށް ދަންޏާ އަހަރެންނަށް ގުޅާ.. އައިމް ހިޔަރ ފޯ ޔޫ.. އޯލްވޭޒް" މައިޝާންގެ ކޮނޑުގައި އަތް ބާއްވައިލަމުން ކިޔާރާ ބުންޏެވެ. އެއާއެކު މައިޝާން ޝުކުރުވެރި ނަޒަރަކުން ކިޔާރާއަށް ބަލައިލުމަށްފަހު ކިޔާރާގެ އަތުގައި ހިފައި ބޮސް ދިނެވެ.
------------
ގާތްގަނޑަކަށް ދޮޅު ގަޑިއިރު ފާއިތުވެ ދިޔައިރުވެސް އައިލީންގެ ހަބަރެއް ނުވުމުން ނަދާލް ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލި އެވެ. ހީކުރި ވަރަށްވުރެ އަވަހަށް އައިލީން ދޮރު ހުޅުވައިލި އެވެ. އެއާއެކު ނަދާލް އެއްފަހަރު އައިލީންއަށް އަނެއްފަހަރު ކޮޓަރި ތެރެއަށް އަވަސް ނަޒަރެއް ދިނެވެ. ރުއިމުގެ ސަބަބުން އިތުރަށް ރަތްވެފައިވާ އައިލީންގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމެވެ. ވާނީވެސް އެހެންތާ އެވެ. ހައިބަނޑާ ހުރެވެސް އައިލީން އެ ވަނީ ހާދަހާ މަސައްކަތެއް ކޮށްފަ އެވެ. އެ ކޮޓަރީގެ ބިންމަތީގައިހުރި ހުރިހައި އެއްޗެއް ނަގައި ތަރުތީބުކޮށް، މުޅި ކޮޓަރިތެރެވެސް ވަނީ ކުރިން އޮތް ގޮތަށް ފޮޅައި ސާފުކޮށްފަ އެވެ. އެނދުގައި އަޅަން ތައްޔާރުކޮށްފައިވާ އާ ތަންމައްޗެއް ފެންނަ ހިސާބުގައި ތައްޔާރުކޮށްފައި ހުރިއިރު ގޮދަޑިވެސް ވަނީ ސާފުކޮށް، ވެކިއުމްކޮށް، ނިންމައިލައިފަ އެވެ.
"ކާން ގޮވަންވެގެން" ނަދާލް މަޑުމަޑުން ބުންޏެވެ. އައިލީން ހުރިތަނުން ދުރަށް ފިޔަވަޅެއްވެސް އަޅާކަށް ނޫޅުނެވެ. ނަދާލްއަށް ޖެހުނީ ގަދަކަމުން ކަހަލަގޮތަކަށް އައިލީން ގެންގޮސް ގޮނޑީގައި ބައިންދާށެވެ. ހަމަ ބޭންދުމާއެކު އައިލީން ރުޅި އައިސްފައި ނަދާލްއަށް ދެލޯ އަޅައިލުމަށްފަހު ނަދާލްގެ އަތް ދުރަށް ފޮޅައިލި އެވެ.
"ކިތަންމެ ލޯ އަޅައިފަވެސް މި ކަންޏާ އަހަރެންނަށް އޯކޭ. އިއްޔެ މެންދުރުއްސުރެން ނުކައި ތި އުޅެނީ. ކާ ގަޑިއެއްގަވެސް ކުޑަކުއްޖަކު ކާވަރު އެތިކޮޅެއްވެސް ނުކައި. ތިހެން ނުކައި އުޅޭތީ އޭ ތިކަހަލަ ސިނގުރުޅި ތި އަންނަނީ؟" އައިލީންގާތު ގޮނޑިއެއްގައި އިށީނދެލަމުން ނަދާލް ވާހަކަދެއްކި އެވެ.
"ސިނގުރުޅި އޭ؟ އަހަރެން މި އަންނަނީ ސިނގުރުޅިތަ؟ ނަދާލް އަހަރެންނަށް ހަދާގޮތެއް ނަދާލްއަކަށް ނޭނގޭތަ؟ ރުޅި އަންނަ ސަބަބެއް ނޭނގޭތަ؟" އައިލީން އެއްސެވެ.
"އަހަރެންނަށް ބުނެވިއްޖެ ދޯ ސޮރީ އޭ؟ ދެން ވީ ކަމެއް ނުވާކަމަކަށް ނުވާނެއެއްނު. މީގެފަހުން އަހަރެންވެސް ވިސްނާނަމޭ ކަމެއް ކުރުމުގެ ކުރިން. ދެން އިހަކަށް އެއްޗެއް ކާލަބަލަ. ޕްލީޒް" ނަދާލް މޭޒުމަތީގައި ކާން އަޅާފައިހުރި ދެ ތަށީގެ ތެރެއިން ތައްޓެއް އައިލީންގެ ގާތަށް ޖައްސައިލި އެވެ.
އައިލީން އެ ތަށީގައި އަތުން ޖަހައި ހޫރައިލި އެވެ. ފަޅި ސިކުންތެއްގެ ތެރޭގައި އެ ތަށީގައިހުރި ހުރިހާ ކާއެއްޗެއް ބިންމައްޗަށް ވިއްސައިގެންގޮސް ބާރު އަޑާއެކު އެ ތަށި މާބްލް މުށިތަކުގެ މައްޗަށް ތަޅައިގެންދިޔަ އަޑު އިވުނެވެ. އެ ކުއްލި ހަރަކާތުން ނަދާލްއަށް ކުޑަ ސިހުމެއް ލިބުނު ނަމަވެސް އޭނާ ނުހަނު އަވަހަށް އެ ސިހުމުން އަރައިގަތެވެ. ހަމަ ޖެހިލާފައި ދެވަނަ ތަށި އައިލީންގެ ގާތަށް ޖައްސައިލި އެވެ. އެއީ އޭނާއަށް ކާން އަޅާފައި ހުރި ތަށްޓެވެ. މިފަހަރުވެސް އައިލީން ކަންތައްކުރީ ހަމަ އެގޮތަށެވެ. ތަށި ބިންމައްޗަށް ހޫރުވައިލުމަށްފަހު އިންތަނުން ތެދުވެގެން ހަރު ފިޔަވަޅުތަކެއްގައިގޮސް ކޮޓަރިއަށްވަދެ ބަންލާފައި ދޮރު ޖެއްސެވެ.
ނަދާލް އައިލީންގެ ފަހަތުން ދާކަށް ނޫޅުނެވެ. އައިލީންއަށް އަނިޔާއެއް ނުވަތަ ނުތަނަވަސްކަމެއް ދޭކަށް އޭނާ ބޭނުމެއް ނުވެ އެވެ. އޭނާ ކޮންމެ ކަމެއްވެސް ކުރެވޭތޯ ބަލަނީ އައިލީންއަށް އެންމެ ފައިދާހުރި ގޮތަށެވެ. އެއިން ކޮންމެ ކަމެއްވެސް ނިމިދަނީ އައިލީން އޭނާދެކެ އިތުރަށް ރުޅި އަންނަ ސަބަބަކަށް ވެގެނެވެ. މިއަދުގެ ކަންތައްވެސް މި ދިޔައީ އެހެންތާ އެވެ؟
ބިންމައްޗަށް ވިއްސާލެވިފައިހުރި ކާއެއްޗެއްސަށް ބަލައިލުމަށްފަހު ނަދާލް ފުން ނޭވާއެއް ދޫކޮށްލަމުން ގޮނޑިން ތެދުވި އެވެ. ސިންކުގެ ދަށުން ހުޅުވައިލި ވަތްގަނޑެއްގައިހުރި ސާމާނުތަކެއް ހިފައިގެން އައިސް ބިންމަތި ސާފުކޮށް މޮޕުލައި ނިންމައިލުމަށްފަހު ސޯފާއަށް ވެއްޓިގަންނަމުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލި އެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ މައިޝާން އަންނާނޭ ވަގުތަކަށެވެ. ދެލޯ މަރައިލިތާ މާ ގިނަ އިރެއް ނުވަނީސް އެޕަރޓްމެންޓްގެ ދޮރުގައި މީހަކު ޓަކިދިންހެން ހީވެ ނަދާލްގެ ދެލޯ ހުޅުވައިލި އެވެ. އޭނާ ލަސް ފިޔަވަޅުތަކެއްގައި ގޮސް ޖީބުގައި އޮތް ތަޅުދަނޑި ނަގައި ދޮރު ހުޅުވައިލި އެވެ. މައިޝާން ފެނުމާއެކު ނަދާލްގެ މޫނުމަތީގައި ކުރެހިގެން ދިޔައީ ނުރައްކާތެރިކަމެވެ. އޭނާގެ ދެއަތް ރުޅިން ތުރުތުރު އަޅައިގަތެވެ. ނަމަވެސް މައިޝާން އެތަނަށް ގެނައި ސަބަބު ހިތަށް އަރުވައިލަމުން ހިތާ ދެކޮޅަށް މައިޝާންއަށް އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ.
"ލީން ކޮބާ؟" އައިލީން ފެނޭތޯ ވަށައިގެން ހޯދައިލަމުން މައިޝާން ސުވާލުކުރި އެވެ.
"މައިޝާން ނުޖެހޭނެ އޭނަ ވީ ތަނެއް ހޯދާކަށް. އޭނަ ވަރިކުރޭ" ނަދާލް ރުޅިވެރިކަމާއެކު އަމުރުކުރި އެވެ. އެވަގުތުވީ އައިލީންވެސް ކޮޓަރިން ނުކުތް ވަގުތަށެވެ. މައިޝާން ފެނުމާއެކު އައިލީންއަށް ހުރި ތަނަށް ގަނޑުވެވުނެވެ.
"އެހެރީ އައިލީން. ނައު ޑޫ އިޓް! ޑިވޯރސް ހަރ!" ނަދާލް ތަކުރާރުކޮށްލި އެވެ. ނަމަވެސް މައިޝާންގެ ސިކުނޑީގައި އެކަން ކުރުމުގެ ހިޔާލެއް ނެތް ކަހަލަ އެވެ. އޭނާ ހިނގައިގަތީ އައިލީންގެ ގާތަށެވެ. ނަދާލް އެކަން ހުއްޓުވަން އުޅެފައި އައިލީންވެސް މައިޝާންއާ ގާތަށް ހިނގަން ފެށުމުން އެދެމީހުން ކުރާކަމެއް ބަލަން މަޑުކޮށްލައިގެން ހުރީ އެވެ. ހަމަ ގައިމުވެސް އޭނާ އެތަނުގައި ހުއްޓައި އައިލީންއަށް އަނިޔާއެއް ދިނުމަކީ މައިޝާން ކުރާނެ ކަމެއް ނޫންތާ އެވެ؟
"މަ.. މައިޝާން.. އަހަރެން ބަލާތަ ތި އައީ؟" ފެންކަޅިވެފައިހުރެ އައިލީން މަޑުމަޑުން މައިޝާންއާ ސުވާލުކުރި އެވެ. އައިލީންގެ ސުވާލު ގަބޫލު ނުކުރެވިފައިހުރި މައިޝާންގެ ދެބުމަ ގޮށް ޖެހުނެވެ. ހިނގައިދިޔަ ހުރިހާ ކަމަކަށްފަހު އައިލީން ދެން އޭނާއާއެކު އުޅެން ބޭނުންވެދާނެ ކަމަކަށް މައިޝާންއަށް ކުޑަކޮށްވެސް ހީކުރެވިފައެއް ނެތެވެ.
"ލީން.. ލީން ބޭނުންތަ އަހަރެންނާއެކު ދާން؟" ހައިރާންވެފައިހުރެ މައިޝާން ސުވާލުކުރި އެވެ. އައިލީން ބަލައިލީ ދުރުގައިހުރި ނަދާލް އަށެވެ. އެއާއެކު ހެނދުނުގެ ހާދިސާ ހަނދާންވެ އޭނާގެ ހިތުގައި ނަދާލްގެ މައްޗަށް ރުޅިވެރިކަމުގެ އަލިފާން އުފަންވެގަތެވެ. އެ ރުޅިވެރިކަން އައިލީން މައިޝާންދެކެ ގަނެފައިހުރި ބިރުގެ މައްޗަށް ގަދަވެގަތެވެ. މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން އެނގި ހުރެވެސް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މައިޝާންގެ ސުވާލަށް ބޯ ޖަހައިލި އެވެ. އަދި ހިފާށޭ ބުނާ ފަދައިން އޭނާގެ އަތް މައިޝާންއަށް ދިއްކޮށްލި އެވެ. މައިޝާންއަށް އެ އަތުގައި ނުހިފެނީސް ނަދާލް ދުރު ފިޔަވަޅުތަކެއްގައި އައިސް އެ ދެމެދަށް ހުރަސްވެލަމުން މައިޝާންގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕައިލި އެވެ.
"އަހަރެން މި ބުނި އެއްޗެއް އަޑެއް ނީވޭތަ؟ އަހަރެން މައިޝާންގާތު މި ބުނަނީ އައިލީން ވަރިކޮށްފަ މިތަނުން ދާށޭ!" ނަދާލް ދަތްކުނޑި ވިކައިލަމުން މައިޝާން ލައިގެންހުރި ޓީޝާޓުގެ ކަރުވަޅުގައި ހިފައިގަތެވެ.
"ނަދާލް ކިހިނެއް ވެގެންތަ ތި އުޅެނީ؟" އައިލީން އެދެމީހުން ދުރު ކުރެވޭތޯ މަސައްކަތްކުރި އެވެ.
"އަދިވެސް އަހަރެންތަ މައްސަލައަކީ؟ އައިލީން ތި ހުންނަނީ މޮޔަވެފަތަ އޭނަ އެވަރު ކުރީމަވެސް އޭނައާއެކު ދާން ތި އުޅެނީ؟ ވައި؟ ޔޫ ކެނޮޓް ޕޮސިބްލީ ލަވް ހިމް" ނަދާލްގެ ސަމާލުކަން އައިލީންއަށް އެނބުރުމުން ފުރުސަތުގެ ބޭނުން ހިފައި މައިޝާން އޭނާގެ ޓީޝާޓުން ނަދާލްގެ އަތް ނައްޓުވައިލި އެވެ.
"އޭ ބަލަ އެއީ މަގޭ އަންހެނުންނޭ! އޭނަ އަހަރެންނާއެކު ދާން ބޭނުމިއްޔާ ނަދާލް ތިއީ ކާކުތަ މި ދޭތެރެއަށް ވަންނަން؟" މައިޝާންވެސް ހިތްހަމަނުޖެހިފައިހުރެ ނަދާލްގެ ކޮނޑުގައި އަތްއަޅައި ދުރަށް ކޮށްޕައިލި އެވެ. އެއާއެކު ނަދާލް އެއްފަހަރު އައިލީންއަށް އަނެއްފަހަރު މައިޝާންއަށް ބަލައިލުމަށްފަހު ބޯ ހޫރައިލަމުން މޮޔައަކު ފަދައިން ހޭންފެށި އެވެ.
"އަހަހަހަހަހަހަ. އައި ކެނޮޓް ބިލީވް ދިސް އިޒް ހެޕެނިންގް. އައި.. އައި ވޯޒް ލޫޒިންގް މައި މައިންޑް އޯވަރ އެވްރީތިންގް ދެޓްސް ހެޕެންޑް ޓު ޔޫ އެންޑް ޔޫ ސްޓިލް ޗޫޒް ޓު.. ނޯ.. އައި ވޯންޓް ލެޓް ދިސް ހެޕެން" އައިލީންގެ ގާތަށް އައިސް ހުއްޓުނު ނަދާލްގެ ފިޔަވަޅުތައް މައިޝާންއާ ދިމާލަށް އަނބުރައިލި އެވެ. "ޔޫ.. ޔޫ ވިލް ޑިވޯރސް ހަރ!" އޭނާ މައިޝާންއާ ދިމާލަށް ބުންޏެވެ.
"ޔޫ ވިޝް!" އައިލީން އޭނާގެ ފަޅީގައި ހުރުމުން މައިޝާންއަށް ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ. އެންމެފަހުން ނަދާލްއަށް ހަތިޔާރު ބަހައްޓަން މަޖުބޫރުވި އެވެ.
"މައިޝާން ޕްލީޒް. ނޭމް ޔޯރ ޕްރައިޒް. އެނީތިންގް" ނަދާލްގެ އަޑު މަޑުވި އެވެ. އެ އަޑު އައިލީންގެ ކަންފަތާ ހަމައަށްވެސް ފޯރާނެކަމާމެދު ޝައްކެވެ.
މައިޝާންއަށް ލިބުނީ ހައިރާންކަމެވެ. ނަދާލްއަށް އައިލީންގެ މިނިވަންކަން މުހިއްމުވެފައިވާ މިންވަރު އޭނާއަށް އަންދާޒާ ކޮށްލެވުނެވެ. އޭނާގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.
"އެނީތިންގް؟" މައިޝާންގެ ސުވާލަށް ނަދާލް ބޯ ޖަހައިލި އެވެ. އެއާއެކު މައިޝާން އެންމެ ރަނގަޅޭ ބުނާ ފަދައިން ދެކޮނޑު އަރުވައިލުމަށްފަހު ނަދާލްގެ ކަންފަތް ދޮށުގައި އޭނާގެ "މޮޅު ހިޔާލު" އިއްވައިލަދިނެވެ.
ނަދާލްއަށް މައިޝާންއާ ދުރަށް ފިޔަވަޅެއް އަޅައިލެވުނީ މައިޝާންގެ ވާހަކަ ގަބޫލު ނުކުރެވިގެނެވެ. އޭރު އޭނާގެ މޫނުމަތީގައިވާ ހުރިހާ ކުލައެއް އޮއްސިގެންގޮސް އެ މޫނު ވަނީ ހުދުވެފަ އެވެ. މައިޝާންގެ ހިޔާލު ބަދަލުވެވޭތޯ ހިތާހިތުން ދުޢާ ކުރެވެމުންދިޔަ އެވެ. ނަމަވެސް މައިޝާން ނުލަފާ ގޮތަކަށް ހެވިފައިހުރެ އެއްބުމަ ހިއްލައިލިގޮތުން ނަދާލްއަށް އެ ހިޔާލު ބަދަލެއް ނުވާނެކަން ޔަގީން ކުރެވުނެވެ. ދުރުގައިހުރި އައިލީންއަށް ބަލައިލުމަށްފަހު އޭނާ ބަލި ގަބޫލުކުރި ފަދައިން ފުންނޭވާއެއް ދޫކޮށްލި އެވެ. އަދި ކުޑަ އިރުކޮޅެއްގެ ތެރޭގައި ކޮޓަރިން ލެޕްޓޮޕް ހިފައިގެން އައިސް ކާމޭޒުމަތީގައި ބެހެއްޓުމަށްފަހު ތުރުތުރު އަޅަމުންދިޔަ ދެއަތުން އޭގައި އެއްޗެއް ޓައިޕްކުރަން ފެށްޓެވެ. ހިނގަމުން މިދާ ކަންތަކުގެ ވާނުވާ ނޭނގިފައިހުރި އައިލީން ނަދާލްއާ ދިމާލަށް ހިނގައިގަތީ އެހިސާބުންނެވެ. ނަމަވެސް..
"އިޓްސް ޑަން. މާދަމާ ހެނދުނަށް މެއިލް ޝެޑިއުލް ކޮށްފަ އިންނާނީ" އައިލީންއަށް ނަދާލްއާ އަރައި ހަމަ ނުކުރެވެނީސް ނަދާލް ލެޕްޓޮޕު ލައްޕައިލުމަށްފަހު މައިޝާންއާ ހަވާލުކޮށްފި އެވެ. "ނައު ޑޫ އިޓް" މައިޝާން ލެޕްޓޮޕުގައި ހިފުމަށް ތައްޔާރުވެލި ހިނދު ނަދާލް އެ ލެޕްޓޮޕު މައިޝާނާ ދުރުކޮށްލަމުން އެމީހުންގެ އެއްބަސްވުން ހަނދާން ކޮށްލައިދިނެވެ.
"އަހަރެންވެސް ބޭނުމެއް ނޫން މި ރަ**ގަނޑާ އިނދެގެން އުޅޭކަށް. ތިހިރީ ވަރިކޮށްފަ!" ފެންފޮދެއް ދިރުވައިލި ފަދައިން އައިލީންއާ ދިމާލަށް އެހެން ބުނެލުމަށްފަހު ނަދާލް ދިން ލެޕްޓޮޕު ހިފައިގެން މައިޝާން އެ އެޕަރޓްމެންޓުން ނުކުތެވެ. އޭނާ ކުރި މޮޅު ކަންތަކުގެ ވާހަކަ ކިޔާރާއަށް ކިޔައިދޭން ކެތް މަދުވެފައިވާ ހާލުގަ އެވެ.
"ނަ.. ނަދާލް ވަޓް ހެޕެންޑް؟" މައިޝާންގެ ބަސްތަކުން ގުޑުމެއް އަރާފައިހުރި އައިލީންއަށް އެސްފިޔަ ޖަހައިލަންވެސް ހަނދާންވީ ނަދާލް ދުރަށް ހިނގައިގަތުމުންނެވެ. އެހެނަސް އެވަގުތު އައިލީންގެ ސުވާލުތަކަށް ޖަވާބުދޭނެހާ ހިތްވަރެއް ނަދާލްގެ ނެތެވެ. ބޭރުދޮރު ތަޅުލާފައި ތަޅުދަނޑި ހިފައިގެން އޭނާ މިސްރާބުޖެހީ ކޮޓަރިއަށް ވަނުމަށެވެ.
"ނަދާލް.. ނަދާލް މި ވީގޮތެއް ކިޔައިދީބަލަ. މައިޝާން.. މައިޝާން އަހަރެން ވަރިކުރީތަ؟ ނަދާލް.. ނަދާލް ކީއްތަ ތިކުރީ ދެންމެ؟ ނަދާލް" އައިލީން އޭނާގެ ފަހަތުން އައިސް އައިސް ހުއްޓައި ނަދާލް ކޮޓަރިއަށް ވަދެ ދޮރުލެއްޕި އެވެ.
އައިލީން ދެފަހަރަކު އެ ދޮރުގައި ޓަކިޖަހައިލުމަށްފަހު ގޮސް ސޯފާގައި އިށީނެވެ. މައިޝާން އޭނާ ވަރިކުރުމަކުން އައިލީންގެ ހިތަކަށް ކެހެރުވަކެކޭވެސް ހީނުވެ އެވެ. އެހެނެއްކަމަކު އޭނާގެ ހިތް ގޯސް ގޮތަކަށް ތެޅެމުންދިޔައީ އެ ކަންތަކުގެ ތެރޭގައި ނަދާލްއަށް ވަރަށްބޮޑު ދެރައެއް ލިބިއްޖެކަމަށް އޭނާގެ ހަވަނަ ހިއްސު ބުނަމުންދާތީ އެވެ. އޭނާގެ މިނިވަންކަމަށްޓަކައި ނަދާލް ދެއްކީ ކޮން އަގެއްބާއޭ ހިތަށް އެރުމާއެކު ހާސްވެފައި އިނދެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލެވުނެވެ.
-------------
"ނެޑް.. މިއީ ކޮންމެ ކަހަލަ ސަމާސާއަކަސް މިކަންތައް ކަމަކު ނުދޭ އެނގޭ. މިކަހަލަ އަންޕްރޮފެޝަނަލް ކަންކަން ކުރުމަކީ ނެޑްގެ ގޮތެއްވެސް ނޫނެއްނު" މޭޒުމަތީގައިހުރި ލެޕްޓޮޕުގެ ސްކްރީން ނަދާލްއަށް ފެންނާނެހެން އަނބުރައިލަމުން މައިރާ ގޮނޑީގައި ލެގިލި އެވެ. އޭގެއިން ފެންނަންހުރި އީމެއިލަށް ނަދާލް ބަލައިލީ އެއްވެސް އަސަރެއްނެތް ބެލުމަކުންނެވެ. "ތިއީ ސަމާސާއެއްނޫނޭ" ކޮފީތަށި ތުނބުގައި ޖަހައިލަމުން އޭނާ ފަރުވާކުޑަ ރާގެއްގައި ބުންޏެވެ. އެދެމީހުން ތިބީ ގެއާ ކައިރި ހިސާބެއްގައިހުރި ކުޑަކުޑަ ކެފޭއެއްގަ އެވެ. ހެނދުނުއްސުރެން ހުއްޓުމެއްނެތި އަންނަމުންދިޔަ ބޯޑު މެންބަރުންގެ ކޯލުތަށް ނުފެންނަ ކަމަށް ހަދައިގެން ހުރި ނަމަވެސް މައިރާ ބައްދަލުކޮށްލަން އެދުމުން އޭނާ އެކަމާ އެއްބަސްވީ އެވެ.
"ދެން ތި ބުނަނީ މިއީ ހަގީގަތޭތަ؟ ނެޑްގެ މުޅި އުމުރު އެކަމަކަށްޓަކައި ތައްޔާރުވަމުން އައި ކަންތަކާ އެހާ ގާތަށް އާދެވުނީމަ އެކަން ދޫކޮށްލަނީތަ؟ ނޫން. އަހަރެން ގަބޫލެއް ނުކުރާނަން. މިއީ ޔޫސުފް ނަދާލް ކުރާނެ ކަހަލަ ކަމެއް ނޫން" މައިރާ ބުންޏެވެ.
"މައި ދެން ތި ކަންތައް ތި އޮތީ ވެފަ. ދަ ޑެމޭޖް އިޒް ޑަން" ނަދާލް ބުންޏެވެ.
"އިޓްސް ނޮޓް! ބޯޑުގަ އާއިލާ ނޫން މީހަކަށް ހުންނާނީ އެންމެ މީހެއް. އެއީ ކާފަގެ ދުވަސްވީ ރައްޓެއްސެއް. މިއީ އޮޅުމަކުން ހިނގައިދިޔަ ކަމެކޭ ބުނީމަ އެންމެނެކޭ އެއްގޮތަށް އޭނަވެސް އެއްބަސްވާނެ ނެޑްއަށް އިތުރު ފުރުސަތެއް ދޭން" މައިރާ މަސައްކަތްކުރީ ނަދާލްގެ ނިންމުން ބަދަލުކުރެވޭތޯ އެވެ.
"އެކަމަކު އައި ކާންޓް މައި. ތިކަމަކީ އަހަރެންނާ މައިޝާންއާ ދެމެދު ވެވުނު އެއްބަސްވުމެއް. އެންޑް ޔޫ ނޯ އައިމް އަ މޭން އޮފް މައި ވޯޑް. ހީ ކެޕްޓް ހިޒް އެންޑް އޮފް ދި ބާގެއިން ސޯ ޝޭލް އައި" ނަދާލްގެ ރައްދާއެކު މައިރާގެ ދެބުމަ ގޮށް ޖެހުނެވެ. "ޑީލްއެކޭ؟ ކޮން ޑީލެއް؟" އޭނާ އަހައިލި އެވެ.
"ފޮގެޓް އިޓް މައި" ނަދާލް އެ މައުޟޫއަށް ވާހަކަދައްކާކަށް ބޭނުމެއް ނުވި އެވެ.
"ނޯ ނޯ ނޯ ސްޕީކް އަޕް. މިއީ އަޅާނުލާ ދޫކޮށްލެވޭހާ އާދައިގެ ކަމެއް ނޫނޭ ނެޑް!" މައިރާހުރީ ގޮތްދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ.
"މައި ޕްލީޒް ޑޯންޓް ޕުޝް އި-"
"ނަދާލް! އޭޒް އަ މެމްބަރ އޮފް ދި ބޯޑް އައިމް ޑިމާންޑިންގް އެކައުންޓަބިލިޓީ! މިހާ ވަގުތު ކުޑަތަންކޮށްފަ ކެންޑިޑެސީ އަނބުރާ ގެންދާއިރު ނަދާލް އަހަރުމެންނަށް ޖަވާބުދާރީވާން ޖެހޭނެ" މައިރާގެ އަޑަށް ހަރުކަށިކަން ވެރިވި އެވެ. އެންމެފަހުން ނަދާލް ނިންމީ މައިރާއަށް ހަގީގަތް ހާމަ ކުރާށެވެ.
"މައި.. އަހަރެން ބޭނުމެއް ނޫން ބޯޑުގެ އެހެން މެމްބަރުންނަށް ދައްކާ އުޒުރު މައިއަށް ދައްކާކަށް.. އައިލް ބީ އޮނެސްޓް ވިތް ޔޫ.. ތި.. ތިކަމަކީ އަސްލު.. މައިޝާންގާތު އައިލީން ވަރިކުރަން ބުނީމަ.. މައިޝާންއަށް އަހަރެންނަށް ކުރި ޝަރުތެއް" ނަދާލް އިސްޖަހައިލި އެވެ.
"ކީކޭ؟ ލީން ވަރިކުރާށޭ؟ ނެޑް މޮޔަވީތަ؟ ތިއީ ގޮތަކަށް ބުނަންޏާ ވެ ނިމިފަ އޮތް ކަމެއްނު؟ މައިޝާންއާއި އައިލީން ވަރިވާނެކަން ނެޑްއަށް އެނގެއެއްނު؟" ނަދާލް އެވަރުގެ ބޭކާރު ކަމެއް ކުރީތީ މައިރާ އިނީ އެކަމާމެދު ބުނާނެ އެއްޗެއް ނޭނގިފަ އެވެ.
"މައިއަކަށް ނުވިސްނޭނެ. މައިޝާންހުރީ އައިލީން ވަރިކުރާކަހަލަ ގޮތަކަށް ނޫނޭ" ނަދާލް ބުންޏެވެ.
"އެކަމަކު ކޯޓަށް ފޯމު ލައިގެން ލީންއަށް އެކަން ކުރެވޭނެއެއްނު" މައިރާ ރައްދު ދިނެވެ.
"ތިއީއެއްނު މައްސަލައަކީ؟ ތިކަން ކުރެވޭނީ އައިލީން އެއްބާރުލުން ދޭން ހުރިއްޔާ އެއްނު؟ އިއްޔެވެސް މައިޝާން އައިމަ އައިލީން ހީވީ ދެންމެ ދެންމެ މައިޝާންއާ އެކީ ހިނގައިދާނެހެން" ނަދާލް ބުންޏެވެ.
"ރޭގަ ދޮންބެ އައީތަ؟ ތިބުނީ އެ ހުރިހާކަމެއް ކުރީމަވެސް ލީން ހުރީ ދޮންބެއާއެކު ދާ ގޮތަށޭތަ؟ ލީންވެސް ކިހިނެއްތަ ވެގެން އެ އުޅެނީ؟ އެއީ ނުވިސްނޭ ކުޑަކުއްޖެއްތަ؟ ދެން އެހާވަރު ވަންޏާ ނެޑް ތި ކަންތަކުގެ ތެރެއަށް ނުވަދެ އެދެމީހުން ދާ ތާކަށް ދާން ދޫކޮށްލިނަމަ" މައިރާ މިފަހަރު އައިލީންއާމެދު ހިތްހަމަ ނުޖެހުނެވެ.
"އަހަރެން ކިހިނެއްތަ އެ ރިސްކު ނަގާނީ މައި؟ ލެޓްސް ޖަސްޓް ސޭ މައިޝާންއަށް އާދެވުނީ މާ ރަނގަޅު ވަގުތަކު ނޫން. އަހަރެންގެވެސް މައްސަލަ ކަންނޭނގެ އައިލީން އަހަރެންދެކެ ރުޅި އައިސްފަ ހުރި ވަގުތެއްގަ މައިޝާންއަށް ގުޅައިގެން ގެނައުމަކީ.. އެކަމަކުވެސް ނޭނގެ އައި ވޮޒަންޓް ތިންކިންގް ސްޓްރެއިޓް" ނަދާލް އިއްޔެގެ ހަނދާން އާކޮށްލަމުން ނިތްކުރީގައި އަތް ހިންގައިލި އެވެ.
"ނެޑް ތިހާވަރަށް ލީން ޕްރޮޓެކްޓް ކުރަން އުޅޭއިރު ލީން އަދިވެސް ރުޅި އަންނަންވީ ނެޑް ދެކެތަ؟ ލީންއަށް އަދިވެސް ނުވިސްނިގެން މައިޝާނާއެކު ދާން ބޭނުމިއްޔާ ހިނގައިދާނެ އެއްނު؟ އެހެނޭ ކިޔާފަ ނެޑް ޖެހޭތަ މިހާ ސްޓުޕިޑް ޑެސިޝަނެއް ނަގަން؟ މި ޕޮޒިޝަނަށްވުރެވެސް ބޮޑަށް ނެޑްއަށް މުހިއްމީ އައިލީންއާއި މައިޝާންގެ ދިރިއުޅުންތަ؟ ވައި ޑޫ ޔޫ އިވަން ކެއަރ؟" މައިރާއަކަށް ނުވިސްނުނެވެ.
"އައި ޖަސްޓް ކާންޓް ސްޓޮޕް ކެއަރިންގް އޯކޭ؟" ނަދާލްގެ އަޑު ކުޑަކޮށް ބާރުވެލި އެވެ. ދެވަނަ ސިކުންތުގައި އޭނާ އެތެރެއަށް ނޭވާއެއް ދަމައިލުމަށްފަހު ނަފްސު ހަމައަކަށް އަޅުވައިލި އެވެ. "އައިލީން.. އައިލީން އެންޑް އައި.. ވީ ގޯ ވޭ ބެކް" ނަދާލް ނިންމީ މާޒީގައި ހިނގައިދިޔަ ހުރިހާކަމެއް މައިރާއަށް ކިޔައިދޭށެވެ. "މައި ހަނދާންވޭތަ އިވާން ހޯދަން ދިޔަ ދަތުރުގަ އަހަރެންނާ ރިސޯޓުން ދިމާވި ކުއްޖާ؟" އޭނާ އަހައިލި އެވެ.
"ހްމްމް.. ކޮންމެވެސް ބޭރު ކުއްޖެއްދޯ؟ ލާނާ؟" މައިރާގެ ސުވާލަށް ނޫނެކޭ ބުނުމުގެ ގޮތުން ނަދާލް ބޯ ހޫރައިލި އެވެ.
"ބޭރު ކުއްޖެއްނޫނޭ.. ލޫނާ" ނަދާލް ބުންޏެވެ. ނަދާލް ބުނަންއުޅޭ އެއްޗެއް ދޭހަކުރަން އުޅޭ ފަދައިން ބުމަ ގޮށްޖަހާލައިގެން އިން މައިރާގެ ދެލޯ ބޮޑުވި އެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ އައިލީންމެންގެ ކައިވެނި ޕާޓީ ފެށުމުގެ ކުރިން ނަދާލްއާ ދެކެވުނު ވާހަކައެވެ.
--- --- ---
"ލީން ގާތަށް ގޮސްލާފަ މި އައީ. ޝީ ލުކްސް ސޯ ޕްރިޓީ މާޝާﷲ. މޭކަޕްވެސް.. ހެދުންވެސް.. ވައިޓްކުލަ ލީންއާ ވަރަށް ގުޅޭ.. ޝީ ލުކްސް ޖަސްޓް ލައިކް ދަ-"
"ލޫނާ"
--- --- ---
"ނެޑް.. ނޫން.. ޕްލީޒް ނުބުނާތި.." މައިރާގެ ޖުމްލަ ފުރިހަމަ ކުރާކަށް ބޭނުމެއްނުވި އެވެ.
"ޔޫ އަރ ޖަޖިންގް މީ އޮލްރެޑީ؟" ނަދާލް އަހައިލި އެވެ.
"އޮފްކޯސް އައިމް ޖަޖިންގް ޔޫ.. ނެޑް ތި ދައްކަނީ މައިޝާންގެ ވައި- އައި މީން އެކްސް-ވައިފްގެ ވާހަކައޭ!" މައިރާގެ އަޑު ބާރުވިޔަ ނުދީ ހިފެހެއްޓޭތޯ މަސައްކަތްކުރި އެވެ.
"އިފް އެނީތިންގް އައި ހެޑް ހަރ ފަސްޓް އޯކޭ؟" ނަދާލްގެ އަޑުން ހިތްހަމަނުޖެހުން ފާޅުވި އެވެ. "މިކަންތައް މިހާ މެސީވެދާނެ ކަމަކަށް އަހަރެންވެސް ހިއެއް ނުކުރަމޭ.. މައިއަށް އެނގެއެއްނު އަހަރެން އިޒޫދެކެ ލޯތްބެއް ނުވާކަން.. އެކަމަކު އިޒޫއަށް ޗީޓް ކުރާކަށް ދުވަހަކުވެސް ހިތަކަށް ނާރާ.. އަހަރެންނަކަށްވެސް ނޭނގެ ކީއްވެ ކިހިނެއް އުފެދުނު ފީލިންގްސް ތަކެއް ކަމެއް މިއީ.. އިޓް.. އިޓް ޖަސްޓް ހެޕެންޑް. ފުރަތަމަ ފެނުނު ވަގުތުން ފެށިގެންވެސް އަހަރެންނަށް އައިލީންއާ ދުރުގަ ނުހުރެވުނު.. އައި ޗޭސްޑް ހަރ. އައިލީންއާއެކު ހުރެވޭ ވަގުތު އެހެން ހުރިހާކަމެއްގެ މަތިން އަހަރެން ހަނދާން ނެތޭ.. ޝީ އިޒް ޑިފަރެންޓް މައި" ނަދާލް އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލަމުން މޭޒުގައި އުޅަނބޮށި އަޅުވައިލި އެވެ.
"ޔޫ ލަވް ހާރ. އެހެންވެތަ އެހާ ވަރަކުން އަހަރެން ލައްވާ ދޮންބެމެންގެ ކައިވެނި ހުއްޓުވަން އުޅުނީ؟" މައިރާއަށް ޔަގީންކަމާއެކު ބުނެވުނެވެ. ނަދާލް ޖެހިލުންވެފައި އިނދެ ބޯ ޖަހައިލި އެވެ.
"އައިމް ސޮރީ މައި.. އަހަރެން ބޭނުންވެގެނެއް ނޫނޭ. މައިއަށް އެނގޭނެ އަހަރެންގެ ޕާސަނަލް ލައިފްގަވެސް ނިންމާ ކޮންމެ ނިންމުމެއް ނިންމަނީ މި އާއިލާއަށް އަދި ކާފަގެ ވިޔަފާރިއަށް ފައިދާ ވާ ގޮތަށްކަން.. ފޯލިންގް ފޯ އެނީވަން ވޯޒް ނެވަރ ޕާޓް އޮފް ދަ ޕްލޭން. އައި.. އައި ޑިޑިންޓް ނޯ އައި ކުޑް ބީ ކެޕޭބަލް އޮފް ސަމްތިންގް ލައިކް ލަވް.." ނަދާލްގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވިހެން މައިރާއަށް ހީވި އެވެ. އެކަމަކު އޭނާއަށް އެކަން ޔަގީން ނުކުރެވެނީސް ނަދާލް ހުށިޔާރުކަމާއެކު އެ ކަރުނަތައް ހިންދައިލަމުން އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އެކަމަކު މިހާރު އަހަރެންނަށް މި ވާ ގޮތެއް ނޭނގޭ މައި. ދުވަހަކުވެސް މިހާ ގޮތްހުސްވެ.. މިހާ ބަލިކަށި އިހުސާސެއް އަހަރެންނަކަށް ނުކުރެވޭ.. އަހަރެންނަށް އެނގޭ ހުރިހާކަމެއް ރިއަލައިޒް މި ވީ ވަރަށް ލަހުންކަން އެކަމަކު ދެން އިތުރަށް އެއްވެސް ވަގުތެއް ގެއްލުވާލާކަށް އަހަރެން ބޭނުމެއްނޫން މައި. އައިލީން އެހެން އެ އުޅެނީ އަހަރެންދެކެ ނަފުރަތު ކުރާތީ. އަހަރެންގާތުން ބަދަލު ހިފަންވެގެން. އެހެނޭ ކިޔާފަ އަހަރެން ކިހިނެއް އަލުން އައިލީން މައިޝާންއާއެކު ދާން ދޫކޮށްލާނީ؟ އެހެންވެ ރޭގަ އަހަރެންނަށް ގޮތް ހުސްވީ. ތިކަން ކުރަން މަޖުބޫރުވީ. އައި ކާންޓް ލެޓް ހަރ ގޯ ބެކް ޓު ދެޓް ހެލް މައި. އައި ޖަސްޓް ކާންޓް"
ނަދާލްގެ ވާހަކަ ނިމުމާއެކު މައިރާ ހިތްވަރުދިނުމުގެ ގޮތުން ނަދާލްގެ އަތުގައި ހިފަހައްޓައިލި އެވެ. "އެކަމަކު މިއީ ނެޑްގެ މުޅި ދިރިއުޅުން. މުޅި މުސްތަގްބަލް. އަރ ޔޫ ރިއަލީ ވިލިންގް ޓު ތްރޯ އޯލް ދިސް އަވޭ ފޯ ހަރ؟ ހަމަ އެހާވަރަށް ލޯބިވޭތަ ލީންދެކެ؟" އޭނާ އަހައިލި އެވެ.
"ނުވާނަމަ މައިއަށް ދުވަހަކުވެސް އަހަރެންނާ ތި ސުވާލު ކުރާނެ ޖާގައެއް ނުލިބުނީސް" ނަދާލް އިސް އުފުލައިލަމުން މައިރާއާ ހަތަރުކަޅި ހަމަކޮށްލި އެވެ. އެ ދެލޮލުން އެކަނިވެސް މައިރާއަށް ނަދާލް އައިލީންދެކެ ވާ ލޯބި ސާފުކޮށް ފެންނަމުން ދިޔަ އެވެ. "ސޯ އައި ގެސް ބޭރުން މީހަކު ނޮމިނޭޓް ކުރަން ދޯ ޖެހޭނީ. ވީ ކާންޓް ވޮޗް މައިޝާން ރަން ދިސް ކޮމްޕެނީ ޓު ދަ ގްރައުންޑް" އޭނާ ދެން އިތުރަށް ނަދާލްއާ ޖަދަލުކުރާކަށް ނޫޅުނެވެ.
"ނޯ ވީ ކާންޓް" މައިރާގެ ވާހަކައާ ނަދާލް އެއްބަސްވި އެވެ. "ބަޓް ވީ ކާންޓް ލެޓް އެން އައުޓްސައިޑަރ ރަން އަވަރ ފެމިލީ ބިޒްނަސް އައިދަރ" އޭނާ ހަމަ އެ ނޭވާގައި ބުންޏެވެ.
"ދެން ކިހިނެއް ހަދާނީ؟ މާޖިދުބެ ރިޓަޔާވީމަ ދެން އިތުރު ކާކު ފެމިލީގެ ތެރެއިން މިކަމަށް ގާބިލް މީހަކަށް ހުރީ؟" މައިރާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ.
"އައިމް ލުކިންގް އެޓް ހަރ!" ހިނިތުންވުމަކާއެކު ނަދާލް ބުނެލި ޖުމްލަ ނަގައިގަނެވުމާއެކު މައިރާއަށް ދެލޯ ބޮޑުކޮށްލަމުން ނަދާލްގެ އަތުން ދޫކޮށްލެވުނެވެ.
"ވަޓް؟ މީ؟" މައިރާ އަމިއްލަ ނަފްސަށް އިޝާރާތްކޮށްލަމުން އެއްސެވެ. ނަދާލް ހެވިފައި އިނދެ ބޯ ޖަހައިލުމާއެކު މައިރާ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލި އެވެ. "އަހަހަހަ. ނެޑް ޔޫ އަރ ކްރޭޒީ!"
"މޭބީ! އެކަމަކު މައި ހީކުރީތަ އަހަރެން މިކަން ކުރީ އެއްވެސް ވަރަކަށް ވިޔަފާރިއާ ދޭތެރޭގަ ނުވިސްނާ ހުރިހާ ކަމެއް މައިޝާނަށް ދޫކޮށްލަން ހިތުލައިގެނޭ؟ ނޫން. އަހަރެންގެ ކެންޑިޑަސީ އަނބުރާ ގެނަޔަސް އަހަރެން ފަހަރެއްގައިވެސް ނުވިސްނަން ތިވަރުގެ ބޮޑު ކަމެއްގަ މައިޝާނަށް އިތުބާރު ކުރާކަށް. އަހަރެންނަށް އިތުބާރު ކުރެވޭ އިތުރު މީހަކު ހުރީމަ އަހަރެން އެހާ ފަސޭހައިން ތިކަން ދޫކޮށްލީ" ނަދާލް ބުންޏެވެ. "މައި.. ޔޫ އަރ ވޭ މޯ ކެޕަބަލް ފޯރ ދީސް ޝޫޒް ދޭން މައިޝާން. މިކަމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ މައިގެ ކިބައިގަ އެބަ ހުއްޓޭ. ތިންކް އަބައުޓް އިޓް.. މައިއަށް އަދި އެންމެ ފަންސަވީސް އަހަރު. މިކަން ކޮށްފިއްޔާ ޔޫ ވިލް ބީ މޭކިންގް އިޓް ޓު ދަ ހިސްޓްރީ ބުކްސް އޭޒް ދަ ޔަންގެސްޓް ފީމޭލް ސީ.އީ.އޯ އޮފް ދަ ކަންޓްރީ" އޭނާ މަސައްކަތްކުރުވީ މައިރާ އެކަމަށް އެއްބަސްކުރެވޭތޯ އެވެ.
"އައި.. ދިސް އިޒް ޓޫ މަޗް ނެޑް. އައި ކާންޓް" މައިރާ އަދިވެސް ދިޔައީ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރަމުންނެވެ.
"ވައި ނޮޓް؟ މި ވިޔަފާރީގަ މައިއަށް ނޭނގޭކަމެއް މަދުވާނެ. އަހަރެން ހަނދާންވޭ އޭލެވެލްގަ އުޅުނު އިރު ލިބޭ ހުސްވަގުތުގަ މައި މެއިން ރެސްޓޯރަންޓްގަ ބަރީސްޓާކަން ހުރި ހަނދާންވެސް. އެއަށްފަހު ސްކޫލު ނިމުނު ގޮތަށް ހަތަރު އަހަރު އޮފީހުގެ އޮޕެރޭޝަނަލް ލެވެލްތަކުގަ މަސައްކަތް ކޮށްފައެއްނު މައި ކިޔަވަންވެސް ދިޔައީ. ތެދަށް ބުނަންޏާ އަހަރެން ގަބޫލުކުރަނީ ޙުދު އަހަރެންނަށްވުރެވެސް ބޮޑަށް މި މަގާމަށް ކުފޫ ހަމަވާނީ މައި ކަމުގަ. އެހެންނޫނަސް މައި އެކަނި ދޫކޮށްލުމުގެ ހިޔާލެއް އަހަރެންގެ ނެތޭ. މައި ކުރާ ކޮންމެ ކަމެއްގަ އެހީވާން އަހަރެން ހުންނާނަން. ބައްޕަމެންވެސް ތިބޭނެ. އޮފީހުގެ ދުވަސްވީ މުވައްޒަފުންވެސް ތިބޭނެ. މައި ބޭނުމިއްޔާ މާދަމާވެސް ޓްރެއިނިންގް ފަށަންވީ. މަތީ ފަންތީގެ ކަންކަމުގަ ބައިވެރި ވާންވީ. ފަހުން ވާނެ ކަމަކާމެދު ވިސްނައި ހާސްނުވަ މިކަމާ ކުރިމަތިލާބަ. ކާރޕޭ ޑިއެމް މައި." ނަދާލް މައިރާއަށް ހިތްވަރު ދިނެވެ.
"ދުލުން ބުނެލަން ފަސޭހަވާނެ ނެޑް" މައިރާ އަދިވެސް ހުރީ ހިސާބަކަށް ޖެހިލުންވެފަ އެވެ.
"ހަމަ ތެދެކޭ މައި. އައި ބިލީވް އިން ޔޫ! މައިއަށް މިކަން ވާނެ! މައިއަށް ވޯޓް ނުދޭނެ މީހަކު ބޯޑުގައެއް ނުހުންނާނެ. އެކަމަކު މައި މިކަމަށް ކުރިމަތި ނުލައިފިއްޔާ ދެން ޖެހޭނީ ހަމަ ތި ބުނާހެން މައިޝާން ޑިފޯލްޓަކުން ހޮވިގެން މި ކުންފުނި ގެންގޮސް ފަރަށް އަރުވާލާތަން ބަލަން ތިބެން.. ނޫނިއްޔާ އާއިލާއިން ބޭރު މީހެއްގެ އަތްމައްޗަށް ހިންގުން ދޫކޮށްލަން. ސޯ ޕްލީޒް. ވީ ނީޑް ޓު ވިން ދިސް ވޯޓް މައި!" ނަދާލް އާދޭހުގެ ރާގެއްގައި ބުންޏެވެ. މައިރާ ވަކި އެއްޗެކޭ ނުބުނެ ނަދާލްއާ ދިމާލަށް ބަލަހައްޓައިގެން އިނީ ނަދާލް އެ ދެއްކި ވާހަކަތަކާމެދު ވިސްނާ ފަދައިންނެވެ. ގަރުނަކަށް ދެމިގެން ދިޔަހެން ހީވި ވަގުތު ކޮޅަކަށްފަހު އޭނާ ދެލޯ މަރައިލަމުން ބޯ ޖަހައިލި އެވެ.
"އެންމެ ރަނގަޅު! އަހަރެން ތިކަން ކުރާނަން!" މައިރާގެ ޖަވާބު އިވި ނަދާލްއަށް ހިނިތުންވެލި އެވެ. "އެކަމަކު އަހަރެންގެވެސް ޝަރުތެއް އެބަ އޮތް"
"އެނީތިންގް ޕްލީޒް" ނަދާލް މިވަގުތުހުރީ މައިރާ ބޭނުން ކޮންމެ ކަމެއް ކޮށްދޭން ތައްޔާރަށެވެ. ނަމަވެސް މައިރާ އޭނާގާތު އެދުނީ އާދައިގެ ކަމަކު ނޫނެވެ.
"މައި.. ތިކަން ވާނީ ކިހިނެއް؟" ނަދާލްގެ ހިނިތުންވުން ވަގުތުން ފޮހެވިގެންގޮސް ނިތްކުރި މައްޗަށް އެތައް ހާސް ރުލެއް އެއްފަހަރާ ޖަމާވި އެވެ.
"ކީއްވެ ނުވާންވީ؟ ކުށް ސާބިތު ނުކުރެވޭތީ ޝަރީއަތް އޮތީ މުޅީން ހުއްޓިފައެއްނު؟ އެއީ ހަމަ ސީދާ ނެޑް ކުރާ ކަމެއްނު؟ އަހަރެންނަށް ހުރިހާ އެއްޗެއްވެސް އެނގެޔޭ. ފުލުހުންގެ ތެރޭގަ ނެޑްގެ ބާރު ނެތަސް ޕްރޮސެކިއުޝަނާ ހިސާބުން ނެޑްގެ ކަނެކްޝަންސް ބޭނުން ކުރީމެއްނު. ނެޑްއަށް އޭނަ އެތާ ބެހެއްޓެންޏާ ކީއްވެ ދޫކޮށް ނުލެވެންވީ؟" މައިރާ ބުމަ ގޮށްޖަހައިލި އެވެ.
"މައި ތި ހީކުރާހާ އާދައިގެ ކަންކަމެއް ނޫނޭ އެއީ. ކުށެއް ނެތްކަމަށް ބުނެފަ ދޫކޮށްލާ ހިސާބުން ދެން އަހަރުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އޭރުން ކުރިހާ ކަމެއް ފެނަށް ވީނު. މަލްއަށް އިންސާފު ހޯދައިދެވިފަ ކޮބާ؟" ނަދާލް ބުންޏެވެ.
"މަލްގެ ހާލު މިހާރު ވަރަށް ރަނގަޅެއްނު؟ އަދި އިތުރަށް ރަނގަޅުވީމަ ޑޮކްޓަރގެ ހާޒިރުގަ މަލް ދައްކާ ހުރިހާ ވާހަކައެއް އަޑު އަހާފަ އެ ކަންތަކުގަ އަލުން މައްސަލައެއް ޖެއްސިޔަސް އަހަރެންގެ މައްސަލައެއް ނެތޭ. އޭރު މަލް ރަނގަޅުވާނެ ކަމުގެވެސް ޔަގީންކަމެއް ނެތީމައާއެކު.. މާބޮޑަށް އިމޯޝަނަލް ވެވިފަ ހުރީމަ އަހަރުމެން ދެމީހުންނަށް އަސްލު މާ ރަނގަޅަކަށް ނޫން ކަންނޭނގެ ކަންތައް ކުރެވުނީ. ނެޑްގެ ގޮތެއް ނޭނގެ ބަޓް އައި ފީލް ސޯ ގިލްޓީ. އެއްވެސް އިތުރު ފީލިންގެއްގެ މައްޗަށް ބުރަވެހުރެ އަހަރެން ދައްކާ ވާހަކައެއް ނޫން މިއީ. ހަމަ އަސްލުވެސް މި ކަންތަކުގެ ސަބަބުން އަހަރެންނަށް ވަރަށް އުނދަގޫވޭ. އިޓްސް އީޓިންގް މައި މައިންޑް ނެޑް. މި ކަންތައް ބޮލުގަ ބާއްވައިގެން އަހަރެންނަށް މިވަރުގެ ބޮޑު ކަމަކާ ކުރިމައްޗެއް ނުލެވޭނެ" މައިރާ ބުންޏެވެ. "ޕްލީޒް.. ވަން ލާސްޓް ފޭވަރ" އޭނާ އާދޭސްކުރި އެވެ.
ނަދާލްއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހެންކަމުން މައިރާއާ ދިމާލަށް ބަލައިލުމަށްފަހު ބޯ ހޫރައިލަމުން މޭޒުމަތީގައިހުރި ކޮފީތަށި ނަގައި ތުނބުގައި ޖަހައިލި އެވެ.
---------
ހުޅުމާލޭގެ ހުޅަނގު ފަރާތު ފިތުރޯނު މަގަށް ހުއްޓައިލި ޓެކްސީއިން ފޭބި އިވާން އިސް އުފުލައިލަމުން ކުރިމަތީގައިހުރި ދިހަ ފަންގިފިލާގެ ލަގްޜަރީ އިމާރާތަށް ބަލައިލި އެވެ. އެއީ އޭނާ އުމުރެއްގެ ކޮޅުންވެސް އަންނަން ބޭނުންވާ ތަނެއް ނޫނެވެ. އޭނާ އެންމެފަހުން އެތަނުން ނުކުމެގެން ދިޔައީ ދިރިހުއްޓައި އެތަނުގެ ތެރެއަށް ފިޔަވަޅެއްވެސް ނާޅަން އަމިއްލަ ނަފްސަށް ހުވާ ކޮށްގެނެވެ. ނަމަވެސް މިއަދު މި އޮތީ އެނޫން ދުވަހެއްވެސް ދެކެން ޖެހިފައިތާ އެވެ. އެފަދަ ހިޔާލުތަކެއްގައި ވަނިކޮށް އެ އިމާރާތުގެ ސެކިއުރިޓީ ދޮރު ހުޅުވައިލުމަށްފަހު މީހަކު ނުކުތްތަން ފެނުމުން އިވާން ފުރުސަތުގެ ބޭނުން ހިފައި އަވަސް އަވަހަށް އެ ދޮރުން އެތެރެއަށް ދެމިގަތެވެ. ނަފްސުގެ މަޖުބޫރީ ހާލަތަށް ހިތާހިތުން ކުދި ކިޔަމުން ލިފްޓަށް އަރައި އިވާން އެތަނުގެ ނުވަވަނަ ފަންގިފިލާއަށް މިސްރާބުޖެހި އެވެ.
ބެލް އަޅައިލުމާއެކު ދޮރު ހުޅުވީ ގާތްގަނޑަކަށް ތިރީހަކަށް އަހަރުގެ ނޭޕާލް އަންހެނެކެވެ. އޭނާއަށް އިވާން ފެނުމާއެކު ހިނިތުންވެލި އެވެ. އިވާން އަންނާނެކަމުގެ ހަބަރު މާ ކުރިންވެސް އޭނާއަށް ލިބިފައިވާ ކަހަލަ އެވެ.
"އަންނަނީ އެތެރެއަށް.. މެޑަމް ޝޮޕިންގް ދަނީ. ކޮއްކޮ އަންނަ ގަޑީގަ ބޮޑު ކެއުން ހަދަންޖެހެނީ ބުނަނީ" އިވާން ވަނުމަށްޓަކައި ދޮރު އިތުރަށް ހުޅުވައިލަ ދެމުން އޭނާ ބުންޏެވެ. އޭނާ ދެއްކި ވާހަކައަށް މާބޮޑު ފަރުވާލެއް ނުދީ އިވާން އެ އެޕަރޓްމެންޓްގެ ކަނުން ކަނަށް ލޯ ހިންގައިލި އެވެ. މީގެ އަށް އަހަރުކުރިން އޭނާ ވަޒީފާއަށް ވަނުމަށްފަހު އެތަން ދޫކޮށް ދިޔައިރު ހުރިގޮތާއި މިހާރު ހުރިގޮތް ހާސްބައި ތަފާތެވެ. ތަނުގެ ފަރުމާއާއި، ކުލަތަކާއި، ފަރުނީޗަރުތައްވެސް ވަނީ ބަދަލު ކުރެވިފަ އެވެ. އެތަކެއްޗަށް ބަލައިލުމުން އެއީ ދާދި ފަހުން އާ ކުރެވިފައިވާ ތަކެތިކަން އެނގޭހާވެ އެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް އެ ގޭގެ ވެރިންގެ ތަނަވަސްކަން ރަމްޒުވާން ހުއްޓެވެ.
އިވާންގެ ނަޒަރު އެންމެ ފަހުން ހުއްޓުނީ ސިޓިންގްރޫމުގެ މެދުގައި އަޅާފައި އޮތް ކާޕެޓުމަތީގައި އިށީނދެލައިގެން އިން އަށް އަހަރުގެ އަންހެން ކުއްޖަކަށެވެ. އޭނާ އެންމެ ފަހުން އެކުއްޖާ ދުށް އިރު އެކުއްޖާއަށް ވާނީ އެންމެ ދެތިން މަހެވެ. އޭނާ މަޑުމަޑުންގޮސް އެކުއްޖާ ގާތު ބިންމަތީގައި އިށީނދެލަމުން އެކުއްޖާއަށް ގޮވައިލި އެވެ. "އީވީ" އެކުއްޖާ އިސްއުފުލައިލުމަށްފަހު ސިހިފައިވި ލޮލަކުން އިވާންއަށް ބަލައިލި އެވެ. އިވާން ފެނުމާއެކު އެކުއްޖާގެ މޫނު ވަގުތުން އުޖާލާވިތަން ފެނުނެވެ.
"ދާންބޭ!" އެކުއްޖާ ނިކަން އުފާވެލާފައި އިވާންގެ ގައިގައި ބައްދައިލި އެވެ. "ދާންބެ މިހާރު ރަނގަޅުވީތަ؟" އެކުއްޖާ އިވާންގެ ގައިން ދޫކޮށްލަމުން އެއްސެވެ. އިވާންއަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާ ލޯތްބާއެކު އީވީގެ ބޮލުގައި ފިރުމައިލި އެވެ.
"އީވީ މިހާރު ބޮޑު ކުއްޖަކަށް ވެއްޖެއޭ ދޯ؟ ކޯއްޗެއްތަ ތި ކުރަހާލަނީ؟" އިވާން މައުޟޫއު ބަދަލުކޮށްލި އެވެ.
"ކުރަހަނީކީ ނޫނޭ ދާންބޭ. މިއީ ވޯޑްސަރޗް ޕަޒްލްއެއް. މަންމި ބުނީ މި ޕަޒްލް ހެދީމަ އީވީ މޮޅު ވާނެއޯ" މިފަހަރުވެސް އީވީގެ ޖަވާބު އައީ އިރުކޮޅެއް ފަހުންނެވެ.
އީވީގެ ފުރިހަމަ ސަމާލުކަން އަނެއްކާވެސް ބިންމަތީގައި އޮތް ފޮތަށް އަނބުރައިލި އެވެ. އެހެނަސް މޫނުމައްޗަށް އެޅެމުންދިޔަ އިސްތަށިތަކުގެ ސަބަބުން އީވީއަށް އުނދަގޫވެގެން އުޅޭހެން ހީވެ، އިވާން އިސްވެ އީވީގެ އިސްތަށިގަނޑު ރީތިކޮށްލައި ކަންފަތް ކައިރީގައި އަޅުވައިލައި ދިނެވެ. އެވަގުތު އީވީގެ ކަންފަތުގައި ހަރުކޮށްފައިހުރި 'ހިޔަރިންގް އެއިޑް' ފެނުމުން އީވީއާ ދައްކާ ވާހަކަތަކަށް ރައްދު ދިނުމުގައި ލަސްކަމެއްހުރީ ކީއްވެކަން އިވާންއަށް ނަގައިގަނެވުނެވެ. އޭނާ އެތަނުގައި މާ ގިނައިރު މަޑުކުރަން ނަހަދައި އެ ގޭގައި އުޅޭ ނޭޕާލް މީހާ ގާތުން އޮޅުން ފިލުވައިގެން އޭނާ ހުންނަން ހަމަޖެހިފައިވާ ކޮޓަރިއަށް ވަނެވެ. ގިނަ ދުވަސްތަކަކަށްފަހު ހިތްހަމަޖެހިލައިގެން ފެންވަރައި ތާޒާވެލުމަށް ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފުމަށްފަހު އޭނާ ގޮސް އެ ކޮޓަރީގެ އަލަމާރި ހުޅުވައިލި އެވެ. އޭގެއިން ނެގި ޓީޝާޓަކާއި ސޯޓެއް އެއްވެސް ފަރުވާލަކާނުލައި ގަޔަށް މަހައިލީ އެއީ އޭނާގެ އަމިއްލަ އެއްޗެއްސޭ ހީވާ ފަދައިންނެވެ. އެހެނަސް، ފާއިތުވެދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި އޭނާގެ ހަށިގަނޑު އިހުނަށްވުރެން ހިކިފައިވުމުން އެ އެއްޗެހި މިހާރު އޭނާގެ ގަޔަށް ހެޔޮވަރަށް ހުރިއެއްކަމަކު ހަގީގަތަކީ އެއީ އޭނާގެ އެއްޗެހި ނޫން ކަމެވެ.
އިވާން ލަސް ހިނގުމެއްގައިގޮސް އަލަމާރިއާ އިނވެގެންހުރި ރީތިވާ މޭޒުދޮށުގައި ހުއްޓިލި އެވެ. ލޯގަނޑަށް ބަލަންހުރެ، ބޯވެފައިވާ ތުނބުޅިއާއި، ކަނދުރާއާ ހަމައަށް ދިގުވެފައި އޮތް އިސްތަށިގަނޑުގައި އަތްފުނާ އަޅައިލީ އޭނާގެ އާ ސޫރައަށް އާދަވާން މަސައްކަތްކުރާ ފަދައަކުންނެވެ. އެހެނީ އެ ލޯގަނޑުން އޭނާއަށް ފެންނަމުންދިޔައީ މުޅީން ބީރައްޓެހި މީހެކޭ ނުބުނެވުނަސް އެ ސިފައާއި، ރޫފައާއި. އަންނައުނުގައި އޭނާއަށް ފެންނަމުންދިޔައީ އޭނާއެއް ނޫނެވެ. އެވަގުތު އެ ލޯގަނޑުން އޭނާއަށް ބަލަހައްޓައިގެން ހުރީ އޭނާއާ އެއްމާބަނޑު ފިރިހެން ކޮއްކޮގެ ތަސްވީރެކެވެ.
- ނުނިމޭ -
ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ