މުހައްމަދު އުމަރު މަނިކުގެ ހަނދާނުގައި މަޓީން ތައުޒިޔާގެ ދަފްތަރެއް

ފަތުރުވެރިކަމުގެ އެއް ބާނީ ކަމަށްވާ މުޙައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ހަނދާނުގައި މާދަމާ ތައުރިޒާގެ ދަފްތަރެއް ހުޅުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ނިންމައިފި އެވެ.މަޓީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެމްޔޫ މަނިކުގެ ހަނދާނުގައި ހުޅުވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން އޮންނާނީ މާދަމާ އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށް އެ ދަފްތަރުގައި ސޮއިކުރެވޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.ރިސޯޓުތައް ހިންގާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން އެމްޔޫ މަނިކު އަވަހާރަވީ، ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާދޭތާ މަހެއްހާ ދުވަސް ވެފައި ވަނިކޮށް މިދިޔަ މަހުގެ 30ގަައި އެގައުމުގެ ގަޑިން 06:30ގައެވެ.ހަމަ އެ ދުވަހު އިސްލާމީ މަރުކަޒުގައި، ވަނީ އެމްޔޫގެ މަނިކުގެ ޣައިބަށް ކަށުނަމާދުކޮށްފަ އެވެ.ކުރުނބާ މޯލްޑިވްސް ނުވަތަ ކ. ވިހަމަނާފުށީގައި ހުޅުވި 30 ކޮޓަރީގެ ރިސޯޓަކީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ރިސޯޓެވެ. އެއީ އެމްޔޫ މަނިކުގެ ހިޔާލާއި ލަފާގެ މަތިން ތަރައްގީ ކުރި ރިސޯޓެކެވެ. އެއީ ރާއްޖޭގައި ހުޅުވި ފަސް ތަރީގެ ފުރަތަމަ ރިސޯޓެވެ.ރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަލަހައްޓާ އެމްއޭސީއެލްގެ ޗެއާމަންކަން ވެސް 10 އަހަރު ދުވަހު އެމްޔޫ މަނިކު ފުރުއްވި އެވެ. އެމްއޭސީއެލްގެ ޗެއާމަން އަކަށް އެމްޔޫ މަނިކު އައްޔަން ކުރެއްވީ 2013 ވަނަ އަހަރު އެވެ. އިސްތިއުފާ ދެއްވަން ހުށަހެޅުއްވީ 28 ޖެނުއަރީ 2024 ގަ އެވެ.ޓޫރިޒަމްގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމާއި މިނިވަން 25 ގެ އާންމު ހިދުމަތުގެ އިނާމާއި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް އެމްޔޫ މަނިކަށް ވަނީ ލިބިވަޑައިގެންފަ އެވެ. ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ވެސް އެމްޔޫއަށް އެވޯޑު ލިބިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ