ސިއޭަޓަލް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 27) - އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކަންކަން ހިނގާ ގޮތާއި ފެންނަ ފެނުމަށް ބަލާއިރު، ހީވަނީ ފީފާ އިން ވެސް އިރާން ކުރިއަށްދާން ބޭނުންނުވާ ކަމަށް ކަމުގައި، އިރާންގެ ކެޕްޓަން މަހުދީ ތަރޭމީ ބުނެފި އެވެ.
ފެބްރުއަރީ މަހު، އިޒްރޭލާއި އެމެރިކާ އިން އިސްވެ، އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ހެދި، އިރާނުން މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެން ވެސް ނިންމި އެވެ. އެކަމަކު، ފީފާ އިން ބޭއްވި އެކި ބައްދަލުވުންތަކަށް ފަހު، އެއްބަސްވެވުނު ކަންތައްތަކަށް ބަލައި، އިރާނުން ވޯލްޑް ކަޕްގައި ކުޅެން އެއްބަސްވީ އެވެ. ވޯލްޑް ކަޕްގައި އިރާންގެ ގްރޫޕް ސްޓޭޖު ތިން މެޗު ވެސް އެމެރިކާގައި ކުޅުނުއިރު، އެ ޓީމަށް މެޗަށް އާދެވެނީ ވަކި ހުއްދަދަތަކެއްގެ މަތިން، މެކްސިކޯގައި ތިބެފަ އެވެ. އަދި، މެޗު ނިމުމަށް ފަހު، ވަކި ވަގުތެއްގެ ތެރޭގައި އެނބުރިދާން ޖެހެ އެެވެ.
އިރާނުން ވޯލްޑް ކަޕްގައި މި ފަހަރު ކުޅުނު ފުރަތަމަ މެޗުގައި ނިއު ޒީލެންޑާ 2-2 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި 0-0 އިން ބެލްޖިއަމްއާ އެއްވަރުވި އެވެ. ރޭ މިސްރު ކޮޅަށް އިރާނުން ފަހު ވަަގުތު ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އޮފްސައިޑް ކަމަށް ނިންމިއިރު، އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެ މެޗުން މޮޅުވިނަަމަ، ގަދަ 32 ޓީމުގެ ބުރު އިރާނަށް ލިބޭނެ އެވެ. އެކަމަކު، މިހާރު އޮތްގޮތުން، އިރާނަށް ގަދަ 32 ގެ ބުރުގެ ފުރުސަތެއް ލިބޭކަން އެނގޭނީ މިރޭ ގްރޫޕް ސްޓޭޖުގެ މެޗުތައް އެއްކޮށް ނިމުމުންނެވެ.
އިރާންގެ ކެޕްޓަން ތަރޭމީ ބުނީ، މިއީ ވަރަށް ދެރަވަރުކޮށް ހިނގާ ވޯލްޑް ކަޕެއް ކަމަށެވެ. އަދި، ވޯލްޑް ކަޕްގައި ހިނގާ ހުރިހާ މައްސަލައެއް ކަހަލަ ގޮތަކަށް ހައްލުކުރެވޭތޯ ފީފާ އިން މަސައްކަތްކުރާއިރު، އިރާނަށް ފެށުނުއިރުއްސުރެއް ދިމާވަނީ އެއް ހާލެއް ކަމަށް ތަރޭމީ ފާހަގަކުރި އެެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފުރަތަމަ މެޗަށް ފަހު، އިރާންގެ ޗޭންޖިން ރޫމަށް އައިސް ވައުދުވީ ކަންކަން ރަނގަޅުކޮށްދޭނެ ކަމަށް ކަމަށާއި އެކަަމަކު ގްރޫޕް ސްޓޭޖު ނިމުނީ ވެސް އެއް ހާލަތުގައި އޮވެ ކަަމަށެވެ.
"އަހަރެމެންގެ ލޮޖިސްޓިކް މީހުންނެއް ނެތް. އަހަރެމެންނަށް ވިސާއެއް ރަނގަޅަށް ނުލިބޭ. މިއީ ފީފާ އަށް ރަނގަޅު ގޮތްތަ؟ ވެދާނެ އެހެންކަމަށް. އެކަމަކު މިއީ އިންސާފުވަތަ؟ ކޮން ބައެއް އަހަރެމެންނަށް އެހީވާން ބޭނުމީ. އެމީހުން އަހަރެމެން (މުބާރާތުން) ބޭރުވާން ބޭނުމިއްޔާ އެ ގޮތް ވެސް އޯކޭ. ހަމަ ބޭރުވާންވީ. އެކަމަކު އެއީ އިންސާފަށް ވާނެތަ؟. އަހަރެމެންނަށް ރިކަވަރީގެ ކަމެއް ނެތް. ލޮޖިސްޓިކްސް އެއް ނެތް. އަހަރެމެން އަބަަދުވެސް މި ކުރަން ޖެހެނީ ޝަކުވާ. އަޑުއަހާނެ ބަޔަކު ނެތް،" ތަރޭމީ ބުންޏެވެ.
ތަރޭމީ ބުނީ، އިރާން ޓީމަށް ޖެހެނީ ކޮންމެ ކަމަކާ ދެކޮޅަށް "ފައިޓް" ކުރަން ކަމަށާއި އެ މީހުންނާ މެދު ކަމާބެހޭ ފަރާތްތަކުން ބޭނުންވަނީ ކޮން ކަމެއްކަން ނޭނގޭ ކަމަށެވެ.
"އަހަރެމެންނަށް ފެންނަ ކަންކަމަށް ބަލާއިރު ހީވަނީ އަހަރެމެންނަށް ހެވެއް ނޭދެނިއްޔޭ. ކިހިނެއް ކޮންމެ 90 މިނިޓެއް ކުޅޭ ގޮތަށް (މެކްސިކޯގެ) ޓިޖުއާނާ އަށް ދަނީ؟،" ތަރޭމީ ބުންޏެވެ.
ތަރޭމީ ބުނީ، އެއްވެސް ހާލަތެއްގައި މެކްސިކޯގެ މީހުންނަށް ނޫނީ ޓިޖުއާނާގެ ފަރާތްތަކަށް ދެރަބަހެއް ބުނަނީއެއް ނޫން ކަމަށެވެ. އަދި، މެކްސިކޯ އިން އިރާނާ މެދު ވަރަށް ރަނގަޅަށް ހިތާ ކަމަށާއި ޕްރޮފެޝަނަލް ފުޓްބޯޅަ ޓީމެއް ޕްރޮފެޝަނަލް މުބާާރާތެއް ކުޅެން ޖެހިފައި މި ވަނީ ވަރަށް ދަތިހާލުގައި ކަމަށެވެ.
ފެންނަ ފެނުމަށް ހީވަނީ ފީފާ އިން ވެސް އަހަރެމެން ކުރިއަށްދާން ބޭނުންނުވާހެން: އިރާން ކެޕްޓަން ތަރޭމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ