ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: މާލީ މިނިވަންކަމުގެ އައު އުސޫލު

ދައުލަތެއްގެ ތިން ބާރުގެ ތެރެއިން ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރަކީ އެންމެ މުހިންމު އެއް ތަނބެވެ. ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި އެ ދާއިރާއަކީ މާލީ ގޮތުންނާއި އިދާރީ ގޮތުން މިނިވަން ތަނަކަށް ވާންޖެހެއެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވަރާ އެއްގޮތަށް ’ޝަރުޢީ ދާއިރާގެ ގުޅުންހުރި މާލީ ކަންކަމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު‘ ވަނީ ގެޒެޓްކޮށްފައެވެ. މިއީ ރާއްޖޭގެ ޝަރުޢީ ދާއިރާގެ ތާރީޚުގައި އެ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށް އެޅުނު ވަރަށް ވަރުގަދަ ފިޔަވަޅެކެވެ.
މާލީ މިނިވަންކަމުގެ އައު އޮނިގަނޑު
މި އުސޫލަކީ ޢަދުލު އިންސާފުގެ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާ ރޭވުމާއި، ދޫކުރުމާއި، ބެލެހެއްޓުމުގެ އިތުރުން ރިޕޯޓްކުރުމަށްޓަކައި އެކުލަވާލާފައިވާ ޚާއްޞަ އޮނިގަނޑެކެވެ.
ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ މި އުސޫލުގެ ސަބަބުން، ދައުލަތުގެ މާލީ ނިޒާމުގެ ތެރޭގައި އެއް މިންގަނޑުތަކެއް ހިފެހެއްޓުމާއެކު، ޝަރުޢީ ދާއިރާގެ މަސައްކަތްތަކަށް ބޭނުންވާ ޚާއްޞަ އިންތިޒާމުތަކަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން ކޯޓުތަކުގެ ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ހުރި ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.
މި އުސޫލުގައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ކޮންމެ އަހަރަކު ވެސް ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީގެ %2 އަށްވުރެ މަދުނޫން މިންވަރެއް ޝަރުޢީ ދާއިރާއަށް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައި އޮތުމެވެ. މިއީ ޝަރުޢީ ދާއިރާގެ މާލީ މިނިވަންކަން ޤާނޫނީ ގޮތުން ކަށަވަރުކޮށްދޭ މުހިންމު ނިންމުމެކެވެ. މި މިންވަރު ހިސާބުކުރުމުގައި ވަކި ކަންކަމަށް ޚާއްޞަކޮށްފައިވާ އާމްދަނީތައް ނުހިމެނޭތީ، މިއީ ސާފުކޮށް ޝަރުޢީ ދާއިރާގެ ތަރައްޤީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓުގައި މި ފައިސާ ހިމެނުމަކީ ލާޒިމު ކަމަކަށް ވެގެންދާނެއެވެ.
މާލީ މުޢާމަލާތްތައް ހިންގުމާއި ބެލެހެއްޓުން
ޝަރުޢީ ދާއިރާއަށް ދެވޭ ’ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓް‘ އެހީ ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގައި ޚާއްޞަ އެކައުންޓެއް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މި އެކައުންޓުން ކުރެވޭ ހުރިހާ މުޢާމަލާތްތަކެއް ހިންގާނީ ދައުލަތުގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށެވެ. މީގެ ސަބަބުން މާލީ ކަންކަން ކޮންޓްރޯލްކުރުމާއި، ޚަރަދުތައް ރެކޯޑުކުރުމާއި، އަދި ދެފުށް ފެންނަ ގޮތެއްގައި ހިސާބުތައް ބެލެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ. މިއީ މާލީ ޒިންމާދާރުކަން އިތުރުކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ.
އައު އުސޫލުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) އަށް ބޮޑެތި ޒިންމާތަކެއް ވަނީ މަތިކުރެވިފައެވެ. އެގޮތުން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 30 ގެ ކުރިން ޝަރުޢީ ދާއިރާގެ ބަޖެޓު ތައްޔާރުކޮށް މާލީ ވުޒާރާއަށް ހުށަހަޅަންޖެހެއެވެ. މި ބަޖެޓުގައި މެދު ރާސްތާގެ އާމްދަނީއާއި ޚަރަދުގެ ތަފުސީލު ހިމަނަންޖެހޭއިރު، ބަޖެޓު ޑެފިސިޓްވާ ޙާލަތްތަކުގައި ޢަމަލުކުރާނެ ހަރުދަނާ ޕްލޭނެއް އޮތުންވެސް ވަނީ ލާޒިމުކޮށްފައެވެ. މީގެ ސަބަބުން ޝަރުޢީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެއެވެ.
އަލަށް ގެޒެޓްކުރި މި އުސޫލަކީ ރާއްޖޭގެ ޝަރުޢީ ދާއިރާގެ މިނިވަންކަން އަމަލީ ގޮތުން ކަށަވަރުކޮށްދޭނެ ވަރުގަދަ ވަސީލަތެކެވެ. މާލީ ގޮތުން މިނިވަން، ހަރުދަނާ ނިޒާމެއްގެ ތެރެއިން ކޯޓުތައް ހިންގުމުގެ ފުރުޞަތު ލިބުމަކީ ރައްޔިތުންނަށް ލިބިދޭ އިންސާފުގެ އަވަސްމިނާއި ފެންވަރު ރަނގަޅުވެގެންދާނެ ކަމެކެވެ. މިއީ ދައުލަތުގެ ބާރުތައް ވަކިވެފައިވާ މިންވަރު ހާމަކޮށްދޭ، އަދި ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ