މަލްޓިލޭޓަރަލް އެކްސަސައިޒް ޕްރަގަތީގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ

"ޕާޓްނަޝިޕް އޮފް ރީޖަނަލް އާމީސް ފޯ ގުރޯވްތު އެންޑް ޓްރާންސްފޯމޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން“ -- ޕްރަގަތީ 2026 މަލްޓިލޭޓަރަލް އެކްސަސައިޒްގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ އެވެ.
ނިމުނު މޭ މަހުގެ 18އިން 31އަށް އިންޑިއާގެ އުމްރޯއި މިލިޓަރީ ސްޓޭޝަނުގައި ކުރިއަށްގެންދިޔަ މި އެކްސަސައިޒަކީ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންތަކާއި، ސުލްހަ ބެލެހެއްޓުމުގެ މަސައްކަތްތަކުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ އެކްސަސައިޒެކެވެ.
މި އެކްސަސައިޒްގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސް، އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަން ގްރޫޕް އަދި އެމްއެންޑީއެފް ސްޕެޝަލް ބޯޓު ސްކޮޑްރަންގެ އިތުރުން އެމްއެންޑީއެފް މެރިން ކޯގެ ސިފައިން ބައިވެރިވި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި އެކްސަސައިޒް ނިންމާލާފައިވަނީ ބައިވެރިވި ގައުމުތަކުގެ މެދުގައި، ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން ދައްކުވައިދިން 72 ގަޑިއިރުގެ ވެލިޑޭޝަން އެކްސަސައިޒަކަށް ފަހު އެވެ.
މި އެކްސަސައިޒްގައި 13 ގައުމަކުން 400އަށް ވުރެ ގިނަ ސިފައިން ބައިވެރިވި އެވެ.
ރާއްޖެ ހިމެނޭހެން މި އެކްސަސައިޒްގައި އިންޑިއާ، ބޫޓާން، ކެމްބޯޑިއާ، އިންޑޮނޭޝިޔާ، ލާއޯސް، މެލޭޝިޔާ، މިޔަންމާ، ނޭޕާލް، ފިލިޕީންސް، ސީޝެލްސް، ސްރީލަންކާ އަދި ވިއެޓްނާމްގެ ސިފައިން ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ