ރާއްޖެ ތަހުޒީބެއް ނޫން، ޝަރުއީ ދާއިރާގެ ހާލަތު އޮތީ މައުމޫންގެ ވެރިކަމަށް ވުރެ ވެސް ފަހަތުގައި: ޔާމީން
ދިވެހިރާއްޖޭގެ ޝަރުއީ ހާލަތު މިހާރު އޮތީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށްވުރެ ވެސް ފަހަތުގައި ކަމަށް، މައުމޫންގެ އެއްބަފާ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. ޔާމީންގެ ޕާޓީ ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން އަންނަ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ހައިކޯޓަށް ބެލިޔަސް، ޖިނާއީ ކޯޓުތަކަށް ބެލިޔަސް، އަދި ސުޕްރީމް ކޯޓަށް ބެލިޔަސް، ފެންވަރު ރަނގަޅު ފަނޑިޔާރުން މިހާރު ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން، ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޙުސްނުއްސުޢޫދާއި މަހާޒު ޢަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު މިދިޔަ އަހަރު ކުއްލި ގޮތަކަށް ސަސްޕެންޑުކޮށް، އޭގެ ތެރެއިން ޙުސްނުއްސުޢޫދު އިސްތިއުފާދެއްވުމާއި މަހާޒާއި އަޒްމިރާލްދާ ވަކިކުރިކުރުމަށް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ. "އެ ތަންތަނުގައި ތިބި ރަނގަޅު މީހުން އޭތި މީތި ކިޔައިފައި ބޭރުކުރަނީނޫންތޯ، ފައްޓަރުބައި [ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ)، ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް އެރުވުން] އަޅައިފައި ދިޔައީ، ގޮނޑި ގެއްލޭ މައްސަލަ ވެއްދި ހިސާބުން ޕާކުކޮށްފަ، ވަކި ބަޔެއްގެ ނަން ދީފަ، މިވެނި ބައެއް މީތި ޚަރާބުކުރަން އުޅެނީއޭ ކިޔައިފައި ހުރިހާ އެންމެންގަނޑު ބޭރުކުރީނޫންތޯ؟" އެމަނިކުފާނު ވިދާޅުވިއެވެ. ޔާމީން ވަނީ، ކޯޓުތަކުގައި ތިބި ފަނޑިޔާރުންނަށް ކޯޓުތައް ހިންގަން އެނގޭތޯއާއި ފަނޑިޔާރުންގެ އިޚުލާސްތެރިކަން ހުރިތޯ ސުވާލު އުފައްދަވައިފައެވެ. ކޯޓުތަކުގައި ހިނގަމުންދާ މުހިއްމު މައްސަލަތައް ބަލައި ނިންމުމަށްޓަކައި ވަކި ތާރީޚެއް ކަނޑައެޅިފައި އޮންނަން ޖެހޭނެ ކަމަށް، ޔާމީން ވިދާޅުވިއެވެ. އޭގެ މިސާލަކަށް ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، އެ މައްސަލަ 72 ގަޑިއިރުތެރޭ ނިމެން ޖެހޭނެ ކަމަށެވެ. "މުޅި ދިވެހި ރައްޔިތުންގެ އެންމެންގެ އަނގަމަތީގައި މަލަން އަޅުވައިގެން ނުގެންގުޅެވޭނެ މިހެންނެއް، އެކަން އެންމެ މަތީ ކޯޓުން ދަމަހައްޓާތީ އަޅުގަނޑުމެން ތަބާވާނަން، އެކަމަކު އެކަންވެސް ނިމެން އެބަޖެހޭ ދެއްތޯ، މިހާރު އިންޑިއާ އައުޓްގެ ޝިއާރުވެސް، އެކަން އޮތްގޮތަށް ޕާކުކުރީ އިނގޭތޯ، އެއަށްވެސް ގޮތެއް ނިންމަންޖެހޭ ނޫންތޯ އެބަ،" ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން މާލީ މައްސަލަތައްވެސް ކޯޓުތަކުގައި އެތައް އަހަރެއް ވަންދެން ތާށިވެފައި ހުންނަކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، އަވަސް ހުކުމް އަންނަންވީ ޖިނާއީ މައްސަލަތަކަށް އެކަނިނޫން ކަމަށެވެ. ޔާމީން ވިދާޅުވީ ގާނޫނު ހިންގަން ތިބި ފަރާތްތަކުގެ އަމަލުތައް ހުރިނެތްގޮތުން ސުވާލު އުފެދޭ ކަމަށެވެ. ކްރިމިނަލް ކޯޓުގައި ބަލަމުންދާ މައްސަލަތަކާ ގުޅިގެން މީހުންނަށް ނުފުރިފައި ތިބެންވީ ކީއްވެތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. އެފަދަ އެތައް ބައިވަރު މައްސަލަ އަދިވެސް އެބަހުރި ކަމަށް ޔާމީން ވިދާޅުވިއެވެ. "އެހެންވީމާ ދިވެހިރާއްޖެ ތަހުޒީބެއްނޫން، ދިވެހިރާއްޖެ ފަހަތަށް މި އުޅެނީ 20 ފިޔަވަޅު އަޅައިގެން އިނގޭތޯ، އެއްގޮތަކަށްވެސް އަޅުގަނޑުމެން އުފާކުރަންވީއެއްނޫން، މިހާރު މި ދިޔައީ ރައީސް މައުމޫން ޒަމާނުގެ ކުރީކޮޅަށް ވުރެ ފަހަތަށް، ވަރަށް ހިތްދަތި ކަންކަން މި ހުންނަނީ އިނގޭތޯ،" ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ، އެމަނިކުފާނު މި އުޅުއްވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ޒާތީވެވަޑައިގެން ނޫން ކަމަށެވެ. ހުރިހާ ދިމާލަކަށް ބެލިޔަސް ރާއްޖެ އޮތީ ނިކަމެތި ހާލަތެއްގައި ކަމަށް، ޔާމީން ވިދާޅުވިއެވެ. "މި ހާލަތުގައި ތިބެންޖެހޭ ފެންވަރުގެ ބައެއްނޫން ދިވެހީންނަކީ، އެއަށް ވުރެ ރިސޯސް ރިޗް، އެއަށްވުރެ ތައުލީމީ އިލްމީ މީހުން އެބަތިބި، މަސައްކަތްކުރަން ކެރޭ މީހުން އެބަތިބި، އެކަމަކު މިތަނުގައި ނުކުޅެދިގެން މި އުޅެނީ އެކަން ކުރާ މީހުންނާއި އެމީހުންނާ އެކު ތިބި އާރުކާޓީން، އެހެންވީމާ ބަދަލުކޮށްގެން ނޫނީ މިތަން އިސްލާހެއް ނުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ