މިޔަންމާގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެއްގެ އަވަށެއްގައި ބާރުގަދަ އެއްޗެއް ގޮވައި، 55 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
ޗައިނާގެ ބޯޑަރު ކައިރީގައި އޮންނަ ޝާން ސްޓޭޓްގެ ނަމްކަމް ޓައުންޝިޕްގެ ކައުންގް ޓެޓް އަވަށުގައި ހިނގި މި ހާދިސާގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި، މި ހާދިސާގައި 25 އަންހެނުންނާއި 30 ފިރިހެނުން ވަނީ މަރުވެފަ އެވެ.
އެ ސަރަހައްދު ކޮންޓްރޯލް ކުރާ އަދި މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޓައަންގް ނޭޝަނަލް ލިބަރޭޝަން އާމީ (ޓީއެންއެލްއޭ) އިން ބުނި ގޮތުގައި، މި ހާދިސާ ހިނގީ މައިންތަކާއި ހިލަ ނަގާ ތަންތަނުގައި ބޭނުންކުރާ ގޮވާތަކެތި ގޮވުމުގެ ސަބަބުންނެވެ.
އެ ޖަމާއަތުން އިތުރު ތަފްސީލެއް ނުދީ ބުނެފައިވަނީ، މި ގޮވުމުގެ ސަބަބުން އަވަށުގެ ގިނަ ބަޔަކު މަރުވެ، އަނިޔާ ލިބި، އަދި އެތައް ބައެއްގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ހާދިސާ ހިނގި ތަނުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި، ގޮވުމުގެ ސަބަބުން ބިމުގައި ބޮޑު ވަޅުގަނޑެއް ހެދިފައިވާއިރު، ވަށައިގެންވާ އިމާރާތްތައް ވަނީ ބިމާހަމަވެފަ އެވެ. އަދި އަނދާފައިވާ ކުނިތަކާއި ހަލާކުވެފައިވާ ގަސްތަކުގެ ތެރެއިން ދުން އަރަމުންދިޔަ އެވެ.
އެ ސަރަހައްދުގެ ރައްޔިތުން ބީބީސީއަށް ބުނި ގޮތުގައި، މި ގޮވުމަށްފަހު މުޅި ސަރަހައްދުގައި އޮތީ ބިރުވެރިކަމާއި ހާސްކަމެވެ.
މީސްމީޑިއާގައި މީހަކު ލިޔެފައިވާ ގޮތުގައި، ގިނަ ބަޔަކަށް ފުރަތަމަ ހީވީ އެއީ ވައިގެ މަގުން ދިން ހަމަލާއެއް ކަމަށެވެ.
ޓީއެންއެލްއޭ އަކީ މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ އެންމެ ބާރުގަދަ އެތްނިކް ހަތިޔާރުއެޅި ޖަމާއަތްތަކުގެ ތެރެއިން އެއް ޖަމާއަތެވެ.
އޭއެފްޕީން ރިޕޯޓުކުރާ ގޮތުގައި، މިޔަންމާގެ ގިނަ ހަނގުރާމަވެރި ޖަމާއަތްތަކުން އެމީހުންގެ ހަރަކާތްތަކަށް ފައިސާ ހޯދަނީ އަގުބޮޑު މައުދަންތައް ނަގައިގެންނެވެ. އަދި ސަލާމަތީ ފިޔަވަޅުތައް ދަށްވުމުގެ ސަބަބުން މައިންތައް ގޮވުން ފަދަ އެކްސިޑެންޓްތައް ހިނގުމަކީ އެ ގައުމުގައި އާންމު ކަމެކެވެ.
މިޔަންމާގެ އަވަށެއްގައި ބާރުގަދަ އެއްޗެއް ގޮވައި 55 މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ