ލުބުނާނަށް އިތުރަށް ވަދެގަތުމަށް ނަތަންޔާހޫ އަމުރުކޮށްފި

އިސްރާއީލާއި ލުބުނާނާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވިތާ ހަ ހަފުތާވެފައި ވަނިކޮށް، ލުބުނާނުގެ ދެކުނުގައިވާ ހިޒްބުالله ޖަމާއަތުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް އިތުރަށް ވަދެގަތުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެގައުމުގެ ސިފައިންނަށް އަމުރުކޮށްފިއެވެ.
އިސްރާއީލް ސިފައިން މިހާރު ވަނީ ލުބުނާނުގެ ދެކުނުގައިވާ 900 އަހަރުވީ ތާރީޚީ ކޭސްލްއެއް ކަމަށްވާ ބޯފޯޓް ކޭސްލް އާއި އެ ސަރަހައްދުގެ މުހިންމު ފަރުބަދަމަތީ ސަރަހައްދެއްގެ ކޮންޓްރޯލް ހޯދާފައެވެ. މިއީ މެއި 2000 ގެ ފަހުން އިސްރާއީލް ސިފައިން އެ ސަރަހައްދަށް އަތްގަދަކުރި ފުރަތަމަ ފަހަރެވެ.
މި ހަމަލާތައް ވަރުގަދަވެފައި މިވަނީ ހިޒްބުالله އިން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޑްރޯންއާއި ރޮކެޓް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އުތުރުގެ ސްކޫލްތައް ބަންދުކޮށް، ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހުނެވެ.
މި މަހުގެ މެދުތެރޭގައި އެމެރިކާ މެދުވެރިވެގެން ހަމަލާބަދަލުކުރުން 45 ދުވަހަށް އިތުރުކުރުމަށް އެއްބަސްވެފައި ވަނިކޮށް މަސްރަހު ގޯސްވުމާ ގުޅިގެން، ފަރަންސޭސިވިލާތުން ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އެއްބަސްވުން ކުރިއަށް ގެންދިއުމާ މެދު ގޮތެއް އަދި ނުނިންމާތީ މުޅި ދުނިޔެއިން މިހާރު އަންނަނީ އެ ނިންމުމަށް އިންތިޒާރު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ