އަދަދުގެ އެޑިޓަރު ހަސަންގެ ޝަރީއަތް ވެސް ޖޫން 8، އަށް ތާވަލުކޮށްފި

އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުއާ ދެކޮޅަށް އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ މައްސަލައިގެ ކުރިއަށްގެންދާ ޝަރީއަތުގެ އަޑުއެހުމެއް އަންނަ  ޖޫން 8، އަށް ތާވަލުކޮށްފި އެވެ. 
ސިއްރުކޮށްގެން ކުރިއަށްގެންދާ މި ޝަރީއަތުގެ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 8، ވާ ހޯމަ ދުވަހުގެ މެންދުރު 11:00 ޖަހާއިރެވެ. 
ހަސަންގެ އިތުރުން އަދަދުގެ ސީއީއޯ ހުސައިން ފިޔާޒްގެ މައްޗަށް ވެސް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ ޝަރީއަތް ވެސް ކުރިއަށްދާނީ ހަމަ އެއް ވަގުތެއްގަ އެވެ. 
ފިޔާޒު އާއި ހަސަންގެ މައްޗަށް ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި ފިޔާޒް އާއި އެޑިޓަރު ހަސަން ތިބެ، މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފަކާ ކައިވެނިން ބޭރުން ގުޅުން ބޭއްވި ކަމަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީއެއް ޕަބްލިޝްކޮށްފައިވުމެވެ. 
ފިޔާޒު އާއި ހަސަންގެ މައްޗަށް ދައުވާ އުފުލީ "އައިޝާ" ޑޮކިއުމެންޓަރީގެ މައްސަލަ ބަލަން ފެށިތާ 14 ވަނައަށް ވީ ދުވަހެވެ. އެ މައްސަލަ ބަލަން އެންގީ ތުހުމަތުތަކާ ގުޅޭ ގޮތުން އަދަދު އިން ސުވާލު ކުރުމުން ޕްރެސް ކޮންފަރެންސެއްގެ ތެރެއިން ސީދާ މުއިއްޒެވެ. 
ހަމަ އެރޭ ފުލުހުން ވަނީ އަދަދުގެ އޮފީހަށް ރެއިޑުކޮށް 20 އިލެކްޓްރޯނިކް ޑިވައިސްއެއް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ލެޕްޓޮޕްތަކާއި ހާޑް ޑިސްކު ހިމެނެ އެވެ. 
ޖެހިގެން އައި ދުވަހު ފިޔާޒް އާއި ހަސަން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް، ތަހުގީގުގެ ބޭނުމަށް ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. މި މައްސަލައިގައި ހިމެނޭ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް، ބޭރަށް ނުފުރޭ ގޮތް ހެދި އެވެ. 
މީގެއިތުރުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒުއާ ސުވާލުކުރުމުން އަދަދުގެ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލި އެވެ. އަދި މުއިއްޒަށް ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ދެއްކުން ކޯޓު އަމުރަކުން މަނާކުރި ހަބަރު ލިޔުމުން މި ނޫހުގެ ލީވާން އަލީ ނާސިރު ވެސް 10 ދުވަހަށް ޖަލަށްލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ