ރާއްޖެ އިސްލާމުވުން ފާހަގަކުރަން ޒުވާން ޚަތީބުންގެ ގައުމީ މަހާސިންތާއެއް

ރާއްޖެ އިސްލާމުވީތާ 900 އަހަރުވާ މުނާސަބަތާއެކު، ޒުވާން ޚަތީބުންގެ ގައުމީ މަހާސިންތާއެއް ބާއްވަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވީ މި މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ ޔާސިރު އައްދައުސަރީއަށް މިހާރު ދައުވަތު ދެއްވާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅުތަކުގައި ތިބި ޒުވާން ޚަތީބުންނަށް މި މަހާސިންތާއަށް މާލެ އައުމުގެ އިންތިޒާމުތައް ވުޒާރާއިން ހަމަޖެއްސުމަށް މަސައްކަތްކުރާނެ ކަމަށެވެ.
"މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިއާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ހާފިޒުންނަށް މުހިއްމު މުނާސަބަތަށްވާނެ،" ޝަހީމު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓްރީން ތަމްރީންކުރާ 1،000 ޒުވާން އިމާމުންނާއި ޚަތީބުންގެ އިތުރުން ޒުވާން ހާފިޒުން މި މަހާސިންތާގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށްވެސް ޝަހީމު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ޒުވާން ޚަތީބުން މި މަހާސިންތާއަށް މިހާރުން ފެށިގެން ތައްޔާރުވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ފުރުމަށް މި މަސްތެރޭގައި ހުޅުވާލުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
ރާއްޖޭގެ ހާފިޒުންގެ ދަފްތަރުގައި މިވަގުތު ތިބީ 307 ހާފިޒުންނެވެ. ޒުވާން ޚަތީބުންގެ ގޮތުގައި 532 ޒުވާނަކު ދަފްތަރުކޮށްފައިވާއިރު ސެޕްޓެމްބަރު މަހުގެ ކުރިން އަމާޒުކޮށްފައިވާ 1،000 ޚަތީބުން ހަމަވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ