މާލީ ސިޔާސަތުތަކާއެކު ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ދަރަޖަ މަތިކުރި ނަމަވެސް ގޮންޖެހުންތައް ބޮޑު!

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ކްރެޑިޓް ރޭޓިންގ އެޖެންސީ ކަމަށްވާ ފިޗް ރޭޓިންގްސްއިން ދިވެހިރާއްޖޭގެ ’ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގ‘ މަތިކުރުމަކީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަމަ މަގަށް އެޅެމުންދާކަމުގެ މުހިންމު ނިޝާނެކެވެ.
ފިޗުން ރާއްޖޭގެ ރޭޓިންގ ’ސީސީ‘ އިން ’ސީސީސީ-’ އަށް މަތިކޮށްފައިވަނީ ސަރުކާރުން މާލީ ހާލަތު ރަނގަޅުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ލިބެމުންދާ ދަނޑިވަޅެއްގައެވެ.
ފިޗުން މި ނިންމުން ނިންމުމުގައި އެންމެ ބޮޑު ސަބަބަކަށް ފާހަގަކޮށްފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރިލް މަހު ދައްކަންޖެހޭ ސޮވެރިން ސުކޫކް ރާއްޖެއިން ކާމިޔާބުކަމާއެކު ދައްކައި ނިންމުމެވެ.
މީގެ ސަބަބުން ރާއްޖެއިން ދަރަނި ނުދެއްކިދާނެ ކަމަށް (ޑިފޯލްޓް ވެދާނެ ކަމަށް) މީގެ ކުރިން އޮތް ބިރުވެރިކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. މިއީ ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ރާއްޖޭގެ އަގު ހިފެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ސަރުކާރުން ފާއިތުވި އަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި ހަރަދުތައް ކުޑަކުރުމަށް ގިނަގުނަ އިސްލާހީ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މީގެ ތެރޭގައި ޓެކްސްގެ ނިޒާމަށް ގެނައި ބަދަލުތަކާއި، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ އާ ގަވާއިދުތައް ހިމެނެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ރިޒާވް ވަރުގަދަވެ، އިގްތިސާދީ ލޮޅުންތަކަށް ކެތްކުރުމުގެ ގާބިލުކަން ވަނީ އިތުރުވެފައެވެ.
ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުންދާކަން ފާހަގަކުރަމުން ފިޗުން ބުނެފައިވަނީ، ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ މާލީ ޖަމްއިއްޔާތަކުގެ އެހީތެރިކަން މެދުނުކެނޑި ލިބެމުންދިއުމަކީ ރާއްޖޭގެ މާލީ ދަތިތަކަށް އޮތް ބޮޑު ލުޔެއް ކަމަށެވެ. މިފަދަ އެހީތެރިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ބޭރުގެ ދަރަނިތައް ދެއްކުމުގައި ހުރި ގޮންޖެހުންތައް ކުޑަވެ، އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ.
ފިޗް ރޭޓިންގްސްއިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއެކުވެސް، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދު ބާރުމިނެއްގައި ކުރިއަރާނެއެވެ. ފިޗްގެ އެންމެ ފަހުގެ ސޮވެރިން ރޭޓިންގ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި، އާ ރިސޯޓުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗަރަށް ގެނެވޭ ތަރައްގީއާއެކު ރާއްޖޭގެ އިގްތިސާދީ ދުވެލި މެދު ރާސްތާގައި ވަރުގަދަވާނެއެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި އިގްތިސާދަށް ބައެއް ގޮންޖެހުންތައް ހުރި ނަމަވެސް، 2027 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 4.5 އިންސައްތައަށް ކުރިއަރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މިއީ ދުރު ރާސްތާއިން އަންނަ، މަތީ ފަންތީގެ ފަތުރުވެރިން އިތުރުވަމުންދިއުމާ ގުޅިފައިވާ ކުރިއެރުމެކެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ހާމަކުރި ގޮތުގައި، މި އަންދާޒާތަކުން ދޭހަވަނީ ބައިނަލްއަގްވާމީ ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަރުގަދަކަމެވެ. އަދި ދުނިޔޭގެ ހާލަތު ރަނގަޅުވުމާއެކު، އިގްތިސާދީ އިންފްރާސްޓްރަކްޗަރާއި، ފަތުރުވެރިކަމުގެ ދާއިރާ އަދި ދަތުރުފަތުރުގެ ނިޒާމަށް ކުރެވިފައިވާ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ސަބަބުން ދެމެހެއްޓެނިވި ކުރިއެރުމަކަށް މަގުފަހިވެފައިވާ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކަށް ހިތްވަރުދީ، އިގްތިސާދީ ގާބިލުކަން އިތުރުކުރުމާއި، ބޭރުގެ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭނެއެވެ. އަދި މެދު ރާސްތާގައި އިގްތިސާދީ ކުރިއެރުން ދެމެހެއްޓެނިވި، ޝާމިލު، އަދި ވަރުގަދަ ކުރިއެރުމަކަށް ހެދުމަށްޓަކައި، މެކްރޯ އިކޮނޮމިކް ހަމަޖެހުން ހިފެހެއްޓުމާއެކު އުފެއްދުންތެރި އިންފްރާސްޓްރަކްޗަރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެވެ.
ފިޗްގެ މި ރޭޓިންގ އަކީ ސަރުކާރުގެ މެކްރޯ-އިކޮނޮމިކް ސިޔާސަތުތަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މިއީ ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައިވެސް، ރާއްޖޭގެ މާލީ ހާލަތު ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އޮތް އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެކެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ހަރުދަނާ ފިޔަވަޅުތަކާއެކު ގައުމުގެ އިގްތިސާދު އިތުރަށް ވަރުގަދަކޮށް، ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ