މުވައްޒަފުން މަދުކުރަނީ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ގޮންޖެހުންތައް ކުރިމަތިވެފައިވާތީ ކަމަށް ފެނަކަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވެެއްޖެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވަނީ ކުންފުނީގެ އިދާރީ ހިންގުމަށް ގެންނަމުންދާ ބަދަލުތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފާއެވެ. އަފީފު ވިދާޅުވީ ފެނަކައަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި އެންމެ ކުދި ރަށްތަކުން ފެށިގެން އެންމެ ބޮޑު ރަށްތަކަށް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށްވާއިރު، ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެން ކަމުން އިދާރީ ހިނގުން ހަރުދަނާ ކުރުމަށް ބަދަލުތަކެއް ގެންނަން ޖެހި ކުންފުނި ރައިޓް ސައިޒު ކުރަން ޖެހުނު ކަމަށެވެ.
މިގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން ކުންފުނީގެ ހެޑް އޮފީހުގެ ޑިޕާޓްމެންޓުތަކާއި ޑިވިޝަންތަކާއި ޔުނިޓްތަކުގެ އިތުރުން، އަތޮޅުތަކުގެ ބްރާންޗުތަކުގައި މުވައްޒަފުން ތިބެން ޖެހޭ އަދަދު ކަނޑައެޅުމުގެ މަސައްކަތް ކުރެވުނުކަމަށް އަފީފު ވިދާޅުވިއެވެ. އަތޮޅުތަކުގެ ރަށްތަކުގައި ހުރި ފެނަކަ ބްރާންޗުތައް 4 ގިންތިއަކަށް މިހާރު ބެހި އަދަދުތައް ފައިނަލް ކުރުމުގެ މަަސައްކަތް ކުރިއަށްދާކަމަށް އަފީފް ވިދާޅުވިއެވެ.
ފެނަކަ ކުންފުނިން ބްރާންޗުތައް ގިންތި ކުރަނީ ސިޓީތައް އެއީ އެންމެ މަތީ ގިންތި ކަމަށް ބަލައެވެ. އޭގޮތުން 1000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި، އެއަށް ވުރެ ކުޑަވެގެން 500-1000 ކަސްޓަމަރުންނަށް ޚިދުމަތް ދެވޭ ބްރާންޗުތައް، އަދި 500 އާއި 300 ދެމެދު ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެވޭ ބްރާންޗުތައް ގިންތި ކުރެވިފައިވާ ކަމަށް ފެނަކައިން ވިދާޅުވިއެވެ. އަދި އެންމެ ކުޑަ ބްރާންޗުތައް ކަމަށް ކަނޑައަޅާފައިވަނީ 300 އަށް ވުރެ މަދު ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދޭ ބްރާންޗުތަކެވެ.
"ޔުނިޓުތަކުގައިވެސް ބޭނުންވާ އަދަދަށް މުވައްޒަފުން ބައެއް ތަންތަނުގައި ހުރިއިރު ބޭނުންވާ އަދަދަށް މުވައްޒަފުން ނެތް ތަންތަންވެސް ފާހަގަކުރެވުނު. އަދި ބައެއް ތަންތަނުގައި މުވައްޒަފުން ކުރާނެ މަސައްކަތެއް ނެތް ބައެއް ތަންތަންވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު. އެކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދަތި އުނދަގޫތައް ދިމާވެގެން ދިޔަކަން ފާހަގަކުރެވުނު. އެހެންވީމަ އަޅުގަނޑު ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ފެށީ. " ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ހުސެއިން އަފީފް ވިދާޅުވިއެވެ.
ފެނަކަ ކުންފުނީގައި މިވަގުތު 8000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު މިމުއްވަޒަފުންގެ މުސާރައަށް ގާތްގަނޑަކަށް 90 މިލިޔަން ރުފިޔާ ޚަރަދުވާ ކަމާށް މެނޭޖިންގ ޑިރެކްޓަރ އަފީފް ވިދާޅުވިއެވެ. މިއީ ކުންފުނީގެ އާމްދަނީއާއި ނުބައްދަލު އަދި ކުންފުނިން މުވައްޒަފުންނަށް ކުރަންޖެހޭ އެހެން ޚަރަދުތަކާއި ޚިދުމަތް ދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ކުރުމަށް ކުރާ ޚަރަދަށް ވުރެ ބޮޑު އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ފެނަކައިގެ މަޝްރޫޢުތަކަށް މީގެ ކުރިން ނަގާފައިވާ މުވައްޒަފުން ތިބި އިރު އަތޮޅު ތެރޭގައި ތިބި އޭގެތެރެއިން ބައެއް ފަރާތްތަކަކީ އޮފީހަށް ހާޒިރުވާން ކޮންމެހެން ނުޖެހޭ ހާލަތުގައި ތިބި މުވައްޒަފުން ކަމަށް ވިދާޅުވިއެވެ. އެ މަޝްރޫޢުތައް އެކި ސަބަބުތަކާއި ހެދި ހުއްޓި ކުރިއަށް ނުދާ ހިނދުވެސް އެމުވައްޒަފުންނަށް ކުންފުނިން މުސާރަ ދޭން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
މިމައްސަލަ ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިހާރު ކުންފުނީގެ ބޯޑުން ފާސްކޮށްގެން ރިޑަންޑެންސީ ޕޮލިސީއެއް ފާސްކޮށްފައިވާ ކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. މި ސިޔާސަތުގެ ތެރެއިން އަމިއްލަ އިސްނެގުމަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ގަނޑުކޮށް ދިނުމަށް ފަހު ވަކިވުމުގެ ފުރުސަތު ދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ބާކީ ތިބި މުވައްޒަފުންގެ ތެރެއިން އޮނިގަނޑު ތެރެއިން ޖާގަ ދެވޭ މިންވަރަކުން މުވައްޒަފުން ނަގަމުންދާނެ ކަމަށް އަފީފް ވިދާޅުވިއެވެ.
"ކުންފުނީގެ އައު އޮނގަނޑުގައި ހިމެނޭ މަޤާމުތަކަށް ތަނުގެ އެންމެ ދުވަސްވީ ތަޖުރިބާހުރި އަދި ބޭނުންތެރި މުވައްޒަފުންނަށް އިސްކަން ދީގެން އެ ގޮޅިތަކަށް އަޅުގަނޑުމެން މުވައްޒަފުން ނަގަމުންދާނީ. މި މަޤާމުތަކަށް މުވައްޒަފުން ނަގާ ނިމުނީމަ ދެން ބާކީ ތިބި މުވައްޒަފުންނަކީ ރިޑަންޑެންޓް ކުރަން ޖެހޭނެ މުވައްޒަފުން. އެހެންވީމަ އެމުވައްޒަފުން ދޫކޮށްލުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ " ފެނަކަ އެމްޑީ އަފީފް ވިދާޅުވިއެވެ.
ފެނަކައިން ވިދާޅުވީ މިގޮތަށް މުވައްޒަފުން ދޫކޮއްލާއިރު މުވައްޒަފުން ވަޒީފާ އަދާކުރި މުއްދަތައް ބަލާފައި ރިޑަންޑެންޓް ޕެކޭޖްތަކެއް ހެދިފައިވާ ކަމަށެވެ. މިމަސައްކަތަކީ ސިޔާސީ މަންފާއެއް ހޯދުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި ކުންފުނި ދެމެހެއްޓެނި ގޮތެއްގައި ހިންގުމަށް ކުރެވޭ މަސައްކަތެއް ކަމަށް ފެނަކައިން ވިދާޅުވެއެވެ.
މުވައްޒަފުން މަދުކުރަނީ ޚަރަދު ބޮޑުވެ، ޚިދުމަތް ދިނުމަށް ދަތިވާތީ: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ